ވިޔަފާރި

އާމްދަނީން ޓެކްސް ނެގުމުގެ ޤަވާއިދަށް އާންމުންގެ ޙިޔާލު ހޯދަނީ


އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ޤަވާއިދުތަކަށް އާންމުންގެ ޙިޔާލު ހޯދުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮޓޯރިޓީ، މީރާއިން ހުޅުވާލައިފިއެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދު އަދި ޓްރާންސްފަރ ޕްރައިޒިންގ ގަވާއިދުގެ ދެލިކޮޕީ އެކުލަވާލުމަށްފަހު އާންމުންގެ ޚިޔާލަށް ހުޅުވާލާފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ.

މި ދެ ޤަވާއިދަށް ޚިޔާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މީރާގެ އީމެއިލް އެޑްރެސް މެދުވެރިކޮށް ޚިޔާލު ހުށައެޅޭނެއެވެ. ޚިޔާލު ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 24 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ކަމަށް މީރާއިން މައުލޫމާތުދެއެވެ.

މިއީ، އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކުގެ ތެރެއިން މިވަގުތަށް ބޭނުންވާ ބައިތައް ހިމަނައިގެން އެކުލަވާލާފައިވާ ފުރަތަމަ ދެލިކޮޕީތަކެވެ. އަދި ކުރިއަށް އޮތްތާނގައި ޤާނޫނުގެ ދަށުން ހަދަންޖެހޭ އިތުރު ގަވާއިދުތައް އެކުލަވާލުމަށްފަހު އެ ގަވާއިދުތައްވެސް އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލާނެކަމަށް މީރާއިން މައުލޫމާތު ދެއެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދު އަދި ޓްރާންސްފަރ ޕްރައިޒިންގ ގަވާއިދުގެ ދެލިކޮޕީ މީރާއިން ވަނީ އެ އޮތޯރިޓީގެ ވެބްސައިޓުގައި ޝާއިޢުކޮށްފައެވެ.