ވިޔަފާރި

ޓްރެވެލް އެވޯޑްސްގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ކެރަފާ ނަސީމަށް


މޯލްޑިވްސް ޓްރެވެލް އެވޯޑްސްގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރ އަޙްމަދު ނަސީމަށް ލިބިވަޑައިގެންފިއެވެ.

އެމަނިކުފާނަށް މިއެވޯޑް ލިބިވަޑައިގަތީ ރޭ ބޭއްވި މިއަހަރު މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގާލާ ހަފްލާގައެވެ.

ކްރޮސްރޯޑް މޯލްޑިވްސްގައި ބޭއްވި މިއަހަރުގެ މޯލްޑިވްސް ޓްރެވެލް އެވޯޑްސް ގާލާގައި ފަތުރުވެރިކަމުގެ ދާއިރާގެ މުހިންމު އެވޯޑްތަކެއް ވަނީ ދީފައެވެ. އެގޮތުން އެންމެ ޚާއްސަ އެވޯޑަކަށް ދީފައިވަނީ ލައިފްޓައިމް އެޗީވްމަންޓް އެވޯޑެވެ. މި އެވޯޑް މިނިސްޓަރ ނަސީމަށް ލިބިވަޑައިގަތްއިރު އެމަނިކުފާނަކީ ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފްކުރުމުގައި އެންމެ އިސްދައުރެއް އަދާކުރެއްވި އެއް ފަރާތެވެ.

މޯލްޑިވްސް ޓްރެވެލް އެވޯޑްސް ހަފްލާގައި ދިން އެހެން އެވޯޑްތަކުގެ ތެރޭގައި،
ލީޑިންގ ޕްރައިވެޓް އައިލެންޑް: ނަލަދޫ ޕްރައިވެޓް އައިލެންޑް
ލީޑިންގ ލަގްޒަރީ ރިސޯޓް: ޝެވަލް ބްލަންކް
ލީޑިންގ ފެމިލީ ރިސޯޓް: ވަން އެންޑް އޮންލީ ރީތިރަށް
ލީޑިންގ ޑިޒައިނަރ ރިސޯޓް: ކޮކޫން މޯލްޑިވްސް އަދި ކަނޑިންމަ މޯލްޑިވްސް
ލީޑިންގ މީޓިންގ އެންޑް ކޮންފަރެންސް ރިސޯޓް: ކުރުނބާ މޯލްޑިވްސް
ލީޑިންގ އެފްއެންޑްބީ ރިސޯޓް: ކޮންރަޑް މޯލްޑިވްސް

މިއަހަރުގެ އެވޯޑް ހަފްލާގައި ލީޑިން އިންޓަނޭޝަނަލް ކެރިއަރއަކަށް ހޮވިފައިވަނީ ސްރީލަންކަން އެއަރލައިންސްއެވެ. އެހެން ބައެއް އެވޯޑްތަކުގެ ތެރޭގައި،
ލީޑިންގ ލޯކަލް ކެރިއަރ: މޯލްޑިވިއަން
ލީޑިންގ ލޯ ކޮސްޓް ކެރިއަރ: އެއަރ އޭޝިއާ
ލީޑިންގ އެއަރޕޯޓް ހޮޓެލް: އެއަރޕޯޓް ބީޗް ހޮޓެލް
ލީޑިންގ ސީއެސްއާރު ޕްރޮގްރާމް: ކްރައުން އެންޑް ޗަންޕާ
ލީޑިންގ ލިވަބޯޑް: އާރކްނޮބެލް
ލީޑިންގ ލޯކަލް ހޮޓެލް ބްރޭންޑް: ވިލާ ހޮޓެލް
ލީޑިންގ އިކޯ ރިސޯޓް: ސިކްސް ސެންސަސް ލާމު
ލީޑިންގ އެޗްއާރު މެނޭޖްމަންޓް: ވެލާ ޕަރައިވެޓް އައިލެންޑް

މިއަހަރުގެ އެވޯޑް ހަފްލާގައި ދާއިރާގެ 200 އަށްވުރެ ގިނަ ފަރާތުން ވަނީ ބައިވެރިވެފައެވެ. ޓްރެވެލް އެވޯޑްސް ހަފްލާގައި ވާހަކަދައްކަވަމުން މަޓާޓޯގެ ރައީސް އަބްދުﷲ ސޫދު ވިދާޅުވީ، ރާއްޖެ އަންނަ ފަތުރުވެރިން އަހަރުން އަހަރަށް އިތުރުވެގެން އަންނައިރު މަޓާޓޯގެ މަޤްސަދަކީ މި ދާއިރާ ކުރިއަރުވައި ދިނުންކަމަށެވެ. އެގޮތުން މި އެވޯޑްގެ ސަބަބުން ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަން ގިންތި ކުރެވި، ދާއިރާ ކުރިއެރުމަށް އެހީތެރިވެދޭނެކަމަށް ސޫދު ވިދާޅުވިއެވެ.

މޯލްޑިވްސް ޓްރެވެލް އެވޯޑްސްއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ކުންފުނިތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން 2012 ވަނަ އަހަރުން ފެށިގެން މަޓާޓޯއިން ދެމުން އަންނަ އެވޯޑެކެވެ. މިއީ މަޓާޓޯއިން މޯލްޑިވްސް ޓްރެވެލް އެވޯޑްސް ބާއްވާ 8 ވަނަ އަހަރެވެ.