ރާއްޖެއަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރާގައި ބ. ކަމަދުއާއި ރ. އިންނަމާދޫގައި ފެންބޮޑުވެ ގެތަކަށް ފެންވަދެ ގެއްލުންވެފައިވާކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ހާމަކޮށްފިއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެންޑީއެމްއޭގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އުމަރު ފިކްރީ ވިދާޅުވީ، ބ. ކަމަދުއާއި ރ. އިންނަމާދޫގައި ފެންބޮޑުވެގެން އެކަމުގެ ރިޕޯޓް އެ އިދާރާއަށް ކޮށްފައިވާކަމަށެވެ. އެގޮތުން އެ ދެރަށުގެ ގެތަކަށް ފެންވަދެ ހިފާގެންގުޅޭތަކެއްޗަށް ގެއްލުންވެފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ފެންބޮޑުވުމުގެ ސަބަބުން އިންނަމާދޫގެ އާއިލާއެއް ރައްކާތެރި ސަރަހައްދަކަށް ބަދަލުކޮށްފައިވާކަމަށްވެސް އުމަރު ވިދާޅުވިއެވެ. މި ދެ ރަށުގައިވެސް ވިއްސާރައިގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށް ވެލި ބަސްތާ ޖެހުމާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ރަށުގެ ރައްޔިތުންނާއި ފުލުހުން ހަރަކާތްތެރިވަމުންދާކަމަށްވެސް އުމަރު ވިދާޅުވިއެވެ.
މި ވިއްސާރައިގައި ޅ ނައިފަރު ކައުންސިލް އިދާރާގެ ފުރާޅުން ބައެއް އެއްލާލައި ސީލިންގ ވެއްޓުމުގެ ސަބަބުން ކައުންސިލް އިދާރާގެ ތަކެއްޗަށް ގެއްލުން ލިބި ކައުންސިލްގެ މަސައްކަތްތައްވެސް ވަނީ މުޅިން ހުއްޓުމަކަށް އައިސްފައެވެ. އެރަށު ކައުންސިލުން ވިދާޅުވީ ވަގުތީ ގޮތުން އެހެން އިމާރާތެއްގައި ކައުންސިލް އިދާރާގެ މަސައްކަތްތައް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް. އަދި ލިބުނު ގެއްލުންތައް މަރާމާތު ކުރުމުގައި ކަމާއި ގުޅޭ އިދާރާތަކާއިއެކު މަސައްކަތްކުރަމުންދާ ކަމަށްވެސް ކައުންސިލުން ބުނެއެވެ. ވިއްސާރައިގައި ކައުންސިލް އިދާރާގެ އިތުރުން އެރަށުގެ ސިނާއީ ސަރަހައްދުގައި މަސްކެއްކުމަށް ބޭނުންކުރާ އިމާރާތެއްގެ ފާރެއްވެސް ވެއްޓި ގެއްލުންތައް ލިބިފައިވާ ކަމަށް ނައިފަރު ކައުންސިލުން ބުނެއެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއިއެކު ގުގުރާ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އެގޮތުން ދެކުނުގެ އަތޮޅުތަކަށް އިރާއި އިރުދެކުނުން، އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން، ހުރިހައި ހިސާބަކަށްވެސް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެކަމަށް އެއިދާރާއިން މަޢުލޫމާތުދެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ. މިހާރު ކުރަމުންދާ ވިއްސާރައިގައި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް ލަފާކޮށްފައިވާއިރު، މިކަމަށް ކަނޑުދަތުރުފަތުރުކުރައްވާ ފަރާތްތަކުން ސަމާލުވުމަށްވެސް އެ އިދާރާއިން ވަނީ އިލްތިމާސް ކުރައްވާފައެވެ.