ޚަބަރު

ރައީސް ބައްދަލުކޮށްލެއްވުން، ދަތުރުގެ ބައިވެރިންނަށް ހިނިތުންވުން


މާލެއިން ފުރައިގެން ވައިގެ މަގުން ހައްދުއްމަތީގެ ވައިގެ ބަނދަރު އޮންނަ ކައްދުއަށް ކުރާ ދަތުރަކީ 35 މިނެޓްގެ ދަތުރެކެވެ.

މިގޮތަށް ކުރާ ދަތުރުތަކުގައި ޕްލައިޓް އާއްމުކޮށް ފުރާލާފައި އޮންނަނީ ލ. އަތޮޅުގެ ރައްޔިތުންނާއި އެއަތޮޅުގައި ތަރައްޤީކޮށްފައިވާ ރިސޯޓްތަކަށް ޗުއްޓީ ހޭދަކުރަން ދަތުރުކުރާ ފަތުވެރިންނާއެކުއެވެ.

އާންމުގޮތެއްގައި މިފަދަ ދަތުރެއްގައި ދައުލަތުގެ ވެރިންގެ ފެންވަރު ބޭފުޅެއް ދަތުރުކުރާނަމަ އެބޭފުޅަކު އިންނަވާނީ ފްލައިޓްގެ އެންމެ ކުރީބަރީގައި ހުންނަ ގޮނޑިތަކުގައެވެ. އެފަދަ ވީއައިޕީ ބޭފުޅުން ފްލައިޓަށް އަރާވަޑައިގަންނަވާނީ ހުރިހާ ދަތުރުވެރިން އަރާ ނިމުމުންނެވެ.އަދި ދަތުރު ނިންމުމުން އެބޭފުޅުން ފޭބުމުން ނޫނީ ބޯޓުން ދަތުރުކުރާ އާންމު މީހުންނަށް ނުފައިބައެވެ. އެއީ މިގޮތަށްކުރާ ދަތުރުގައި އަބަދުވެސް އޮންނަ އުސޫލަށްވުމުން އާންމުކޮށް ވީއައިޕީ ބައިގައި ތިއްބަވާ ބޭފުޅުން ދަތުރުގެ އެހެން ބައިވެރިންނަށް ފެނިދެނިވެ ބައްދަލުވާގޮތެއް ނޯވެއެވެ.

ނަމަވެސް އިއްޔެ ހެނދުނު ކައްދޫއަށް ދަތުރުކުރި މޯލްޑިވިއަންގެ ފްލައިޓުގެ ތެރެއިން ފެނުނު މަންޒަރުތައް މުޅިން ތަފާތެވެ.

ރައީސް އެމަނިކުފާނު ދަތުރުކުރެއްވި ފްލައިޓްގައި ތިބި މީހުންނާއި ބައްދަލުކުރައްވަނީ.

މިދަތުރުގެ ބައިވެރިންނަށް ކުރެވުނީ ވަރަށް ތަފާތު ތަޖުރިބާއެކެވެ. އެމީހުންނާއި އެކު އެ ދަތުރުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެޑައިގަތުމެވެ. އެއާއި އެކުވެސް ފްލައިޓްގައި ދައުލަތުގެ އެންމެ އިސްވެރިޔާ އިންނެވި އިރު އެހެންޏާއި ދައުލަތުގެ އިސްވެރިންގެ ކިބައިން ފެންނަ އަބުއިކަމުގެ ބަދަލުގައި މުޅިން ތަފާތު މަންޒަރުތަކެއް ފެނިގެންދިޔުމެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ލ އަތޮޅަށް ވަޑައިގެން ފްލައިޓްގައި ތިބި ފަރާތްތަކުގެ ގާތަށް ވަޑައިގެން ހިނިތުންވުމާއެކު ސަލާމު ކުރައްވާ ހާލު އަހުވާލު އައްސަވާލެއްވިއެވެ. އަދި އެދަތުރުގައި ބައިވެރިވި ކުޑަކުދިންނާއި ހީ ސަމާސާކޮށް ހެއްދެވިއެވެ. މީ އާއްމުކޮށް ފެންނަ މަންޒަރުތަކެއް ނޫނެވެ. ދަތުރުގެ ބައިވެރިންނަށްވެސް ތަފާތުކަމަކަށްވީ އެހެންވެއެވެ. އެމީހުންގެ ރައީސާއެކު އެއް ފްލައިޓެއްގައި ދަރުތުކޮށްލުމުން ފުރުސަތާއެކު ރައީސް އާއި ރައްޔިތުންނާއި ގާތް ގުޅުމެއް އޮތްކަމުގެ އިހްސާސުވެސް ވެގެންދިޔައެވެ. ހަސަބެއް ނަސަބެއް ތަފާތުކުރުމެތް ނެތިއެވެ.

ބައެއް ބޭފުޅުން އެމަނިކުފާނާއެކު ފޮޓޯވެސް ނެންގެވިއެވެ. އެމަނިކުފާނު މިގޮތަށް ބައްދަލުކުރުން ބޯޓުގައި ތިބި ދިވެހިންނާއި ބޭރުގެ މެހެމާނުންނަށް ލިބުނީ އުފާވެރި އަދި ތަފާތު ތަޖުރިބާއެއްކަން މޫނުމަތިން ފެންނަން ހުއްޓެވެ.

މި ފްލައިޓްގައި ދަތުރުކުރެއްވި ބައެއް މީހުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިޙްއާއެކު ސެލްފީ ނަންގަވައި، އަދި އެމަނިކުފާނު ފްލައިޓްތެރޭގައި ސަލާމްކުރެއްވިއިރު އެމަންޒަރުތައް އިންސްޓަގްރާމް ސްޓޯރީގައިވެސް ހިމަނާފައެވެ.

ސޯޝަލް މީޑިއާގައި އާންމުވި މި ފޮޓޯތަކަށް ބައެއް ފަރާތްތަކުން ފާޅުކޮށްފައިވާ ޝުޢޫރުތަކުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަކީ ހިތްތެރި ބޭފުޅެއްކަމާއި، އަދި އެމަނިކުފާނު ރައްޔިތުންނާއި ދޭތެރޭގައި ބަހައްޓަވާ ގާތްކަން މިފަދަ މަންޒަރުތަކުން އެނގޭކަން ވަނީ ހާމަކުރައްވާފައެވެ،

މީ ރައީސްގެ މި މަންޒަރުތައް ފެނުނު ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ސްރީލަންކާއަށް ކުރެއްވި ރަސްމީދަތުފުޅުގައި ވަޑައިގެންނެވި ފްލައިޓްގައިތިބި މީހުންނާއި ބައްދަލުކޮށްލައްވައި އެފަރާތްތަކާއެކުވެސް އެމަނިކުފާނުވަނީ އުފާވެރި ވަގުތުކޮޅެއް ހޭދަކުރައްވާފައެވެ.

ރައީސް މިދިޔަ ފެބްރުއަރީ މަހު ލަންކާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ފާހަގަކުރެވެނީ މީގެ ކުރިންވެސް އާންމު ރައްޔިތުންނާއި ވަރަށް ގާތް ބޭފުޅެއްގެ ގޮތުގައެވެ. އެގޮތުން ރައީސްކަމުގެ ކުރިންވެސް އަދި ރައީސްކަމުގައި ހުންނަވައިގެންވެސް އެމަނިކުފާނު އެކި ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގެ ތެރެގައި އާންމުންނާއި ސަލާމްކުރައްވައި ހާލުބައްލަވާ ހައްދަވައެވެ. އަދި އެމަނިކުފާނާއެކު ކިތަންމެ ގިނަ ބަޔަކު ފޮޓޯ ނަގަން ތިއްބަސް އެފުރުސަތުދެއްވައެވެ. ޚާއްސަކޮށް އަމިއްލަފުޅަށް މީހުން ފޯނުދެއްވައިފިނަމަ ސެލްފީ ނަންގަވާ ހައްދަވާތަން ފެނިގެންދެއެވެ.

ކޮންމެ ކަމަކާމެދުވެސް އެކި މީހުން ދެކޭނީ އެކި ގޮތްގޮތަށެވެ. އެހެންކަމުން ބައެއް ފަރާތްތަކުން ރައީސް އިބްރާހިމް ޞާލިޙްގެ ފަރާތްޕުޅުން ފެންނަ މިފަދަ އަމަލުތަކަށް ފާޑުކީ ނަމަވެސް ވަރަށް ގިނަ ބަޔަކު އެމަނިކުފާނަށް ތައުރީފުކޮށް ސޯޝަލް މީޑިއާ އާއި އެނޫންވެސް ޕްލެޓްފޯމް ތަކުގައި އަންނަނީ ޝުޢޫރުފާޅުކުރަމުންނެވެ.