މާލޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތިގެ ވިޔަފާރި ކުރަމުންދާ މައްސަލަ ހައްލު ކުރުމަށް ފުލުހުން ހިންގަމުންދާ އޮޕަރޭޝަން ތަކުގައި މިހާތަނަށް ގިނަ ގެތަކެއް ވަނީ ބަލައި ފާސްކޮށްފައެވެ. އޭގެ ތެރޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ގެތަކާއި އެތަކެތި ބޭނުންކުރެވޭގޮތަށް ހުންނަ ގެތައްވެސް ހިމެނެއެވެ.
މާލޭގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް އެތަކެތި ބޭނުންކުރާ ގެތައް ހޯދައި އެކަން ހުއްޓުވުމަށް ހިންގަމުންދާ އޮޕަރޭޝަނުގައި މި ޑިސެމްބަރު މަހުގެ ތެރޭގައި ފުލުހުން ވަނީ މިހާތަނަށް 5 ގެއެއް ބަލައި ފާސްކޮށްފައެވެ. އެ ގެތަކަކީ މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައިކޮށް އޭގެ ޚިދުމަތް ކެފޭ އުސޫލުން ދެމުންދާ ގެތަކެއްކަމަށް ފުލުހުން ވަނީ ބުނެފައި. ފުލުހުން ވަނީ މި އޮޕަރޭޝަނުގެ ތެެރެއިން މ.ލޮނުމިދިލިގޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަން ބޭނުންކުރި ކޮޓަރިތަކާއި ތަންތަން މީޑިއާތަކަށް ދައްކާލާފައެވެ.
އެ ގެއަކީ ސައިހޮޓާ ރެސްޓޯރެންޓްތަކުގައި ޚިދުމަތްދޭގޮތަށް މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ޚިދުމަތް ދެމުންދިޔަ ގެއެކެވެ. އެގޮތުން އެކަން ކުރުމަށް ވަކިން ޚާއްޞަ ތަނެއްވެސް އެ ގޭގައި ވަނީ ހަދާފައެވެ. ހަނި ގޯޅިގަނޑެއްގެ ތެރޭގައި ހުންނަ ލޮނުމިދިލިގެ ބަލާލުމަށް މީޑިއާތައް ވެދެގެންދިޔައިރުވެސް މަސްތުވާތަކެތި ބޭނުންކުރުމަށް އެގެ ތައްޔާރުކޮށްފައިވާ މިންވަރުވަނީ ފެނިފައެވެ.
އެ ގޯޅިގަނޑުގެ އެތެރެއަށް ވަންނައިރު ފުތަމަ ޖެހުނު 2 ބަޔަކީ މީހުން ދިރިއުޅުމަށް ތައްޔާރުކޮށްފައިވާ ދެބައެވެ. ޖެހިގެން 3 ވަނަ ބަޔަކަށް ހަދާފައިވާ ތަނަކީ ފުލްސެކިއުރިޓީއާއިއެކު ކޯޑް ޖަހައިގެން ވަދެވޭގޮތަށް ހަދާފައިވާ ބައެކެވެ. މިބައިގައި ޑެގެއް އެޅުމަށްފަހު ކުޑަސިޑިއަކުން މައްޗަށް އެރޭގޮތަށް 2 ކޮޓަރީގެ ތަނެއްވަނީ ހަދާފައެވެ. މިދެތަނަކީ ވަކި އިރުޝާދުތަކަކާއިކު މަސްތުވާތަކެތި ބޭނުންކުރުމުގެ ޚިދުމަތް ދެމުންދާ ތަނެއްކަން ތަނުގައި ލިޔެފައިވާ ލިޔުންތަކުން އެނގެއެވެ.
ޑެގުއަޅައި މަސްތުވާތަކެތި ބޭނުންކުރުމަށް ހަދާފައިވާ މި 2 ކޮޓަރީގައި ތިން ގޮނޑިއާއި، ކުޑަމޭޒެއް ބަހައްޓާފައިވެއެވެ. ކެފޭއެއްގޮތަށް ތައްޔާރުކޮށްފައިވާ އެތަނަށް މީޑިޔާތައް ވަތްއިރުވެސް އެ ކޮޓަރިތަކުގައި މަސްތުވުމަށް ބޭނުންކުރާ ބައެއް ތަކެތި ހުރިކަން ފާހަގަކޮށްލެވެއެވެ. ކޮޓަރިތަކުގެ ފާރުތަކުގައި ވަނީ ޚާއްޞަ އިރުޝާދުތަކެއް އެތަން ބޭނުންކުރާ ފަރާތްތަކަށް ދީފައެވެ. އެގޮތުން މަސްތުވާތަކެތި ބޭނުންކޮށް ނިމުމުން އެތަނުން އަވަހަށް ދިއުމަށްވެސް ވަނީ ވަކިން އިރުޝާދު ދީފައެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަނުގައި ފާސްކުރި ގެތަކަކީ ތަކުރާކޮށް މީގެ ކުރިންވެސް މިފަދަ މައްސަލަ ތަކުގައި ބަލާފާސްކޮށްފައިވާ ގެތަކެއްކަމަށެވެ. ފުލުހުން ވަނީ މީގެ ކުރިންވެސް މަސްތުވާތަކެތިގެ ވިޔަފާރި ކުރަމުންދިޔަ ގެތަކެއްގެ މަޢުލޫމާތު ހާމަކޮށްފައެވެ.