ޚަބަރު

ލާމަރުކަޒީ ޤާނޫނަށް ގެނައި ބަދަލާއެކު ސިއްޙީ ދާއިރާ ފުޅާވެގެން ހިނގައްޖެ- ރައީސް


ލާމަރުކަޒީ ޤާނޫނަށް ގެނައި ބޮޑެތި ބަދަލުތަކުގެ ސަބަބުން، ޞިއްޙީ ޚިދުމަތް ތަރައްޤީ ކުރުމުގައި، ހެލްތު ޕޯސްޓްތަކާއި ޞިއްޙީ މަރުކަޒުތަކާއި އަތޮޅު ހޮސްޕިޓަލުތަކުގެ ދައުރު ވަރަށް ބޮޑަށް ފުޅާވެގެން ހިނގައްޖެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ހައްދުންމަދީ ހިތަދޫ ސިއްޙީ ޚިދުމަތުގެ ރަންޔޫބީލް ފާހަގަކުރުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވަނީ ލާމަރުކަޒީ ޤާނޫނާއެކު، ރަށްރަށުގެ ރައްޔިތުން ބަލިވުމުގެ ކުރިން، ބަލިން ދުރުކުރެވޭނެ ޢާންމު ޞިއްޙަތުގެ ރަނގަޅު ނިޒާމެއް، ރަށުކައުންސިލްތަކުން އިސްނަގައިގެން ކުރިއަށްގެންދިއުމަށް އިލްތިމާސްކުރައްވާފައެވެ.

ހައްދުންމަތީ ހިތަދޫ ސިއްޙީ ޚިދުމަތަށް 50 އަހަރުފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ސިއްޙީ ޚިދުމަތް ހޯދުމަށްޓަކައި ބަލިމީހާ އުފުލަންޖެހޭ ތަކުލީފުތައް ވީހާވެސް މަދުކުރުމަކީ، ސަރުކާރުގެ ވަރަށް ބޮޑު ސިޔާސަތެއްކަމަށެވެ. އެގޮތުން ރާއްޖެއަށް ތަޢާރަފްކުރި މޯބައިލް ލެބޯޓެރީގެ ޚިދުމަތް މިހާރު ލ.އަތޮޅުގައި ވެސް ފެށިގެން ކުރިއަށްދާކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ސއްޙީ ދާއިރާއިން ސަރުކާރުން ގެންގުޅޭ އެންމެ މުހިންމު ވިސްނުމަކީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ޞިއްޙީ ޚިދުމަތްތައް ފުޅާކޮށް ހަރުދަނާ ކުރުންކަމަށެވެ. އެގޮތުން ދާދިފަހުން ތަސްދީޤްކުރެއްވި ލާމަރުކަޒީ ޤާނޫނުގެ ސަބަބުން، ޞިއްޙީ ޚިދުމަތް ތަރައްޤީ ކުރުމުގައި، ހެލްތު ޕޯސްޓްތަކާއި ޞިއްޙީ މަރުކަޒުތަކާއި އަތޮޅު ހޮސްޕިޓަލުތަކުގެ ދައުރު ވަރަށް ބޮޑަށް ފުޅާވެގެން ގޮސްފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޞިއްޙީ ޚިދުމަތް ދިނުމުގައި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ ޒިންމާތައްވެސް އިތުރުވެއްޖެކަން އެމަނިކުފާނު ފާޙަގަކުރެއްވިއެވެ..

"ޤާނޫނީ ގޮތުން މިގެނައި ބަދަލާއެކު، ދައުލަތުގެ ބަޖެޓުން މުސާރަ ދޭގޮތަށް، އަދި ބަޖެޓްވެސް ހަމަޖެހިގެންދާ ގޮތަށް، ކޮންމެ ރަށެއްގައި އަންހެނުންގެ ކޮމިޓީއެއް އިންތިޚާބު ކުރެވޭނެ. އެކޮމިޓީތަކުގެ އެންމެ މުހިންމު އެއް ޒިންމާއަކީ، އަންހެނުންނާއި ކުޑަކުދިންގެ ޞިއްޙީ ޙާލަތު ރަނގަޅުކުރުމަށް މަސައްކަތްކުރުން. އަޅުގަނޑު ހިތުން، އެކޮމިޓީތައް އިންތިޚާބު ކުރެވި ހިނގައިގަތުމުން، ރަށްރަށުގެ ޢާންމު ޞިއްޙީ ނިޒާމަށް ވަރަށް ހެޔޮ ބަދަލުތަކެއް އަންނާނެ." ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ލާމަރުކަޒީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ސަރުކާރުން ގެންނެވީ، ރައްޔިތުން އެދޭ ގޮތަށް ވީހާވެސް ގާތުން ޚިދުމަތް ދިނުމުގެ ސިޔާސަތުގެ ދަށުންކަން ފާހަގަކުރައްވާ އެމަނިކުފާނު ވަނީ، މިބަދަލާއެކު ބަލިވުމުގެ ކުރިން، ބަލިން ރައްކާތެރި ވެވޭނެ ޢާންމު ޞިއްޙަތުގެ ރަނގަޅު ނިޒާމެއް، ރަށްރަށުގައި ޤާއިމްކުރުމަށް ކައުންސިލްތަކުން އިސްނަގައިގެން މަސައްކަތްކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

"ރަށްރަށުގެ ޢާއްމު ޞިއްޙީ ޚިދުމަތްތެރިން، ޤަވާޢިދުން ގޭގެއަށް ޒިޔާރަތްކޮށް، ވަކިވަކި ފަރުދުންގެ ޙާލުއަހުވާލު ބަލައި، ޞިއްޙީ ގޮތުން ރައްޔިތުންނަށް ބޭނުންވާ މަޢުލޫމާތާއި އިރުޝާދު ފޯރުކޮށްދިނުމަކީ، މިހާރު އަލުން ފަށަންވެފައި އޮތް ކަމެއް. އެކަމަށް ހަރުދަނާ އިންތިޒާމެއް ހަމަޖެއްސުމަށް، ޞިއްޙީ ޚިދުމަތްދޭ އިދާރާތަކަށާއި ކައުންސިލްތަކަށް އަޅުގަނޑު އިލްތިމާސްކުރަން." ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ލާމަރުކަޒީ ނިޒާމަށް ސަރުކާރުން ގެނައި ބަދަލުތަކުގެ ސަބަބުން، ރަށްރަށުގެ ޢާންމު ޞިއްޙީ ނިޒާމު ހަރުދަނާވެގެންދާނެކަން ފާހަގަކުރައްވާ ރައީސް ވަނީ ރައްޔިތުންނަށް ދޭންޖެހޭ ޞިއްޙީ ޚިދުމަތްތައް މިހާރަށްވުރެ ފުޅާކޮށް، ދުޅަހެޔޮ ދިރިއުޅުމަކަށް ރައްޔިތުންނަށް މަގު ފަހިކޮށްދިނުމަށް ކައުންސިލަރުންނަށް އިލްތިމާސްކުރައްވާފައެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ހައްދުންމަތީގައި ސިއްޙީ ޚިދުމަތް ފެށިގެން އައިގޮތުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވާފައެވެ.

ހިތަދޫގައި ޞިއްޙީ ޚިދުމަތް ފެށިގެން އައި ދުވަސްތަކުގެ ހަނދާންތައް އައުކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، އެ ދުވަސްވަރު މުޅި ރާއްޖޭގައި ގައިން ގަޔަށް އަރާ ބަލިތައް އިތުވެފައިއޮތްކަމަށެވެ. ނަމަވެސް އެ ބަލިތައް ނައްތައިލުމުގައި، ކުރު މުއްދަތެއްގެ ތެރޭގައި، ރަނގަޅު ކާމިޔާބެއް ހޯދުނީ، ޢާންމު ޞިއްޙަތަށް އިސްކަން ދީގެން، ވަރަށް ރޭވުންތެރިކަމާއެކު ކުރި މަސައްކަތުންކަމަށް ވިދާޅުވެ ސިއްޙީ ދާއިރާގެ މަސައްކަތްތެރިންނަށް ތަޢުރީފް ކުރެއްވިއެވެ.

ރައީސް ވިދާޅުވީ ގައިންގަޔަށް އަރާ ބަލިތައް މިއަދު މަދުކުރެވުނު ނަމަވެސް، ޞިއްޙީ ގޮތުން މިހާރު ކުރިމަތިވެފައި ހުރި ނުރައްކާތައް ކުޑަނޫންކަމަށެވެ. މިހާރު ޞިއްޙީ ގޮތުން އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ގައިން ގަޔަށް ނާރާ ބަލިތައް، ދިވެހިންގެ ތެރޭގައި އާދަޔާއި ޚިލާފަށް ގިނަވުންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މިހާރު އެންމެ ގިނަ ދިވެހިން މަރުވަނީ ކެންސަރާއި، ހިތުގެ ބަލިތަކާއި، ސްޓްރޯކާއި، ފުއްޕާމޭގެ ބަލިތަކާއި ކިޑްނީއާ ގުޅުން ހުރި ބަލިތަކުގައި ކަމަށެވެ.

މިފަދަ ބަލިބައްޔަކީ، ދިރިއުޅުމުގެ އާދަތަކާއި ދިރިއުޅުމުގެ ނުރަނގަޅު ވައްޓަފާޅިއާ ގުޅިފައިވާ ބަލިތައްކަމުން، އެފަދަ ބަލިތަކަށް މަގުފަހިކުރާ ކަންކަމުން ދުރުހެލިވުމަށް އިލްތިމާސްކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ޞިއްޙީ ޚިދުމަތް ލިބިގަތުމުގަޔާއި ޚިދުމަތް ދިނުމުގައި މުޅިން އާ ވިސްނުންތަކެއްގެންގުޅެންޖެހިފައިވާކަމަށެވެ.

އޭގެ އެއް ވިސްނުމަކީ، ރާއްޖޭގެ ފަސް ސަރަޙައްދެއްގައި ޓާޝަރީ ހޮސްޕިޓަލްތައް ތަރައްޤީ ކުރުންކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން ލ.ގަމުގައި ހުރި އަތޮޅު ހޮސްޕިޓަލް، ޓާޝަރީ ހޮސްޕިޓަލަކަށް ތަރައްޤީކުރުމުގެ މަސައްކަތްކުރަމުން އަންނަކަމަށާއި، އެކަމުގެ ސަބަބުން އެމް.އާރް.އައިގެ ޚިދުމަތާއި ސީ.ޓީ ސްކޭންގެ ޚިދުމަތާއި، އެކްސްރޭގެ އިތުރުން، ބަލިބަލީގެ ޚާއްޞަ ޑޮކްޓަރުންނަށް ދެއްކުމުގެ ޚިދުމަތްވެސް ލިބެން ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.