ވިޔަފާރި

މޯލްޑިވިއަންގެ އައްޑޫ-ހުވަދޫ ދަތުރުތަކުގެ އަގުތައް ހާމަކޮށްފި


މޯލްޑިވިއަން އިން އައްޑޫ އާއި ހުވަދޫ އަތޮޅާއި ދެމެދު ކުރާ ދަތުރުތަކުގެ އަގުތައް ކަނޑައަޅައިފިއެވެ.

މޯލްޑިވިއަންއިން ބުނީ އައްޑޫސިޓީ ގަމާއި ހުވަދު އަތޮޅުގެ ދެ އެއާޕޯޓު ކަމަށްވާ ކޫއްޑޫ އަދި ކާޑެއްދޫއަށް ކުރާ ދަތުރުތަކުގައި އެއްކޮޅަށް ނަގާނީ 555 ރުފިޔާކަމަށެވެ.

މޯލްޑިވިއަންއިން އައްޑޫއާއި ހުވަދޫއާ ދެމެދު ކުރާ ދަތުރުތަކުގެ އަގުތައް ކަނޑައަޅާފައިވާއިރު، އެދަތުރުތަކުގެ ޝެޑިއުލްވެސް މިހާރު ވަނީ ހަމަޖައްސާފައެވެ.

މިދަތުރުތަކާއި ގުޅޭ ގޮތުން ޕީއެސްއެމް އަށް މައުލޫމާތު ދެއްވަމުން އައިލޭންޑް އެވިއޭޝަންގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރ މޫސާ ވަސީމް ވިދާޅުވީ، މީގެ ކުރީންވެސް ' އޮން ޑިމާންޑް ' އަށް މޯލްޑިވިއަން ގެ ދަތުރުތައް ހުވަދު އަތޮޅާއި އައްޑު އާއި ދެމެދު އޮތް ކަމަށެވެ. ނަމަވެސް މީހަރު ޝެޑިއުލްއެއްގެ ދަށުން ދަތުރުތައް ފެށުމުން ކުރިއަށްވުރެ އަގުހެޔޮކޮށް ދަތުރު ކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

މޯލްޑިވިއަންއިން ހަފްތާއަކު 6 ފްލައިޓު ހުވަދޫ އަތޮޅާއި އައްޑު އާއި ދެމެދު ދަތުރު ކުރާނެއެވެ. އެގޮތުން މޯލްޑިވިއަންގެ 3 ފްލައިޓު ކޫއްޑޫ އާއި ގަމާއި ދޭތެރޭ ހަފްތާ އަކު އޮންނަ އިރު، ކާނޑެއްދޫ އާއި ގަމާއި ދޭތެރޭވެސް 3 ފްލައިޓު އޮންނާނެވެ. ހުވަދޫ އަތޮޅާއި އައްޑޫއާ ދެމެދު ޝެޑިއުލް ދަތުރުތައް ފެށިއިރު، މޯލްޑިވިއަންއިން ވަނީ ލ. އަތޮޅާއި އައްޑޫ އާއި ދެމެދު ވެސް ދަތުރުތައް ފަށާފައެވެ.

މޯލްޑިވިއަންގެ ދަތުރުތައް ފަށާކަން އިއުލާން ކުރައްވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް ވިދާޅުވީ، މޯލްޑިިވިއަން މިވަގުތު ދަތުރުތައް ކުރާނީ ގެއްލުމުގައި ކަމަށެވެ. ނަމަވެސް ކުރިއަށް އޮތްތަނުގެ މިއަށް ވުރެ ރަނގަޅު އިންތިޒާމެއްގެ ދަށުން ދަތުރުތައް ހަމަޖެއްސުމަށް މަސައްކަތް ކުރައްވަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.