ތަރައްްޤީ

ވީއައިއޭގައި ތަރައްޤީކުރަމުން އަންނަ ސީޕްލޭން ޓާމިނަލްގެ މަސައްކަތް މެއިމަހު ނިމޭނެ: އެމްއޭސީއެލް


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ތަރައްޤީކުރަމުން އަންނަ ސީޕްލޭން ޓަރމިނަލްގެ މަސައްކަތް އަންނަ އަހަރުގެ މެއިމަހަށް ނިންމާލުމަށް މަސައްކަތް ކުރަމުންގެންދާކަމަށް އެމް.އޭ.ސީ.އެލުން ބުނެފިއެވެ.

އެއަރޕޯޓްގައި މިހާރު ކުރިއަށްދާ މަޝްރޫޢުތަކުގެ މަޢުލޫމާތު ހިއްސާކުރައްވަމުން އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރ މޫސާ ޞާލިޙް ވިދާޅުވީ އަންނަ އަހަރު ކުރީކޮޅު ސީޕްލޭން އޮޕަރޭޓް ކުރާފަރާތްތަކަށް ތަން ހަވާލުކުރުމުގެ މަސައްކަތްފަށާނެ ކަމަށެވެ.

އަދި އެ ފަރާތްތަކުން އައު ޓާރމިނަލްއަށް ބަދަލުވުމެގެ މަސައްކަތްތައް ނިމި އަންނަ އަހަރުގެ މެއިމަހަށް އައު ޓާރމިނަލްގެ ޚިދުމަތް ފެށޭވަރުވާނެކަމަށެވެ. މިހާރުގެ ޓާރމިނަލްއިން އެއްފަހަރާ 55 ސީޕްލޭން އޮޕަރޭޓްކުރަމުންދާއިރު އާ ޓާރމިނަލްއާއެކު ގާތްގަޑަކަށް 100 ސީޕްލޭނަށް އެއްފަހަރާ ޚިދުމަތް ދެވޭވަރުވާނެއެވެ.
"މިތަނުގެ މިލްކުވެރި ފަރާތަކީ އެމްއޭސީއެލް. އޮޕަރޭޓަރުން ހިންގަން ބޭނުންވާގޮތަށް މިތަނުން ޚިދުމަތް ލިބޭނެ ގޮތް ހަމަޖައްސަދޭނަން. "ޞާލިހް ވިދާޅުވިއެވެ.

އާ ސީޕްލޭން ޓާރމިނަލްގެ ޖެޓީތަކަކީ 50 އަހަރުގެ މުއްދަތަށް ހެދިފައިވާ ޖެޓީތަކެއްކަމަށްވެސް އެމްއޭސީއެލްއިން ބުނެއެވެ. އެ ޖެޓީތަކަށް ފެނާ ކަރަންޓާއި ފިއުލް ބޭނުންވާ ވަގުތަކަށް ބޭނުންކުރެވޭ ގޮތަށް ހަމަޖައްސާފައިވާކަމަށްވެސް އެ ކުންފުނިން ވިދާޅުވެއެވެ.

ވީއައި.އޭ ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢުގެ ތެރެއިން ޢިމާރާތްކުރާ އައު ސީޕްލޭން ޓާމިނަލަކީ އެންމެފަހުގެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކުރަމުންދާ ޓަރމިނަލެކެވެ. އަށާވީސް ހާސް އަކަމީޓަރުގެ ޖާގައިގެ ފްލޯރ ސްޕޭސްއަކާއެކު 4 ފަންގިފިލާއަށް ތަރައްޤީކުރާ އައު ސީޕްލޭން ޓަރމިނަލުން ވީ.ވީ.އައި.ޕީގެ ޚިދުމަތާއި، ޕަސެންޖަރުންނަށް ޚާއްސަ ލޮބީތަކާއި ލައުންޖްތަކުގެ އިތުރުން އޮފީސް މަސައްކަތަށް ޚާއްސަ ތަނެއްވެސް ހުންނާނެއެވެ.

ސީޕްލޭން ޓަރމިނަލް ބޭރުގެ ފަރާތަކަށް ދޭން އުޅޭކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ކަނބޮޑުވުން ފާޅުކޮށްފައެވެ.