ޚަބަރު

މަސްތުވާތަކެތީގެ މައްސަލައެއްގައި ޓެކްސީ ޑްރައިވަރަކާއި ފަސިންޖަރަކު ހައްޔަރުކޮށްފި


މާލޭގެ ޓެކްސީއަކުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެއްޗާއިއެކު 2 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ވިދާޅުވީ އެ އިދާރާއަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ރޭ އާ ސަހަރާ ކައިރިން ޓެކްސީއެއް ހުއްޓުވައި، ފާސް ކުރިއިރު ކާރުގެ ކުރީ ދެ ސީޓްގެ ދެމެދުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 8 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ. އޭރު ކާރުގައި ތިބީ 26 އަހަރުގެ ޑްރައިވަރުގެ އިތުރުން އުމުރުން 28 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ބުނިގޮތުގައި އެ ދެ މީހުން ހައްޔަރުކޮށް، 24 ގަޑިއިރު ވަންދެން ބަންދުގައި ބޭތިއްބުމަށް ފަހު މިހާރު ވަނީ ބަންދުން ދޫކޮށްލާފައެވެ.

އެހެންނަމަވެސް، ހައްޔަރު ކުރި ދެމީހުންގެ ތެރެއިން 28 އަހަރުގެ މީހާ އަކީ މަޢާފު ދިނުމާއި އަދަބު ލުއިކޮށް ދިނުމުގެ ގާނޫނުގެ ދަށުން ޝަރުތުތަކަކާއި އެކު ދޫކޮށްލާފައިވާ މީހެއް ކަމަށް ވެފައި، އިތުރު މައްސަލައެއްގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާތީ އޭނާއާ މެދު ގޮތެއް ނިންމުމަށް ކަރެކްޝަނަލް ސާވިސަސް އާއި ހަވާލު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.