ސިޔާސީ

ޔުނިވާސިޓީގެ ކައުންސިލަށް ބަދަލު ގެނައުމަށް މަޖިލީހުން ފާސްކޮށްފި


ދިވެހިރާއްޖޭގެ ގައުމީ ޔުނުވާސިޓީގެ ކައުންސިލަށް ބަދަލުތަކެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.ގައުމީ ޔުނިވާސިޓީގެ ކައުންސިލަށް ބައެއް މެމްބަރުން އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދެވޭ ގޮތަށް ގައުމީ ޔުނިވާސިޓީގެ ގާނޫނަށް  ހުށަހެޅި އިސްލާހު ފާސްވީ ވޯޓުގައި ބައިވެރިވި 38 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ.މާފަންނު މެދު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު ގައުމީ ޔުނިވާސިޓީގެ ގާނޫނަށް ހުށައަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ، ޔުނިވާސިޓީ ކައުންސިލް އެކުލެވިގެންވަނީ ޖުމުލަ ތޭރަ މެމްބަރުންގެ މައްޗަށް ކަމަށެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ 5 މެމްބަރުންނާއި، ޔުނިވާސިޓީގެ ކައުންސިލުގައި މަގާމުގެ ހައިސިއްޔަތުން ހިމެނިވަޑައިގަންނަވާ 4 މެމްބަރުންގެ އިތުރުން، އިންތިޚާބު ކުރާ 4 މެމްބަރުންނެވެ.މަގާމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ 4 މެމްބަރުންނަކީ، ޗާންސެލަރއާއި، ވައިސްޗާންސެލަރ، ޑެޕިއުޓީ ވައިސް ޗާންސެލަރ އިން އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް އަދި ޑެޕިއުޓީ ވައިސް ޗާންސެލަރ އިން ރިސާރޗް އެންޑް ރިނޮވޭޝަންއެވެ.މިހާރު އެގާނޫނުގައިވާގޮތުން ޔުނިވާސިޓީ ކައުންސިލްގައި އަށާރަ މެމްބަރުން ތިއްބަވައެވެ.ރިފާއު ހުށައަޅުއްވާ މަޖިލީހުން މިއަދު ފާސްކުރި މިއިސްލާހުގައި ބުނެފައިވަނީ، އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިައިވާ ކުށެއް ނުވަތަ ހިޔާނަތުގެ ކުށެއް ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ މީހަކާއި، އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ސާބިތުވެފައިވާާ މީހަކަށް ގައުމީ ޔުނިވާސިޓީގެ ކައުންސިލަކަށް އައްޔަންނުކުރެވޭނެކަމަށެވެ.މިއިސްލާހު ހުށަހެޅި މަގްޞަދުގައި ބުނެފައިވަނީ ގައުމީ ޔުނިވަސިޓީ އާއި އިސްލާމިކް ޔުނިވަސިޓީއަކީ ސަރުކާރުގެ ދެ ޔުނިވަސިޓީކަމަށްވާތީ އެދެ ތަނުގެެ ހިންގުމުގެ އޮނިގަނޑު އެއްގޮތަަކަމަށް ބަދަލުކުރުންކަމުގައެވެ.