ވިޔަފާރި

ޓްރިޕް އެޑްވައިޒަރ ވެބްސައިޓުގައި ރާއްޖެ އިޝްތިހާރުކުރަނީ


ރާއްޖެ އިޝްތިހާރުކުރުމަށް ފަތުރުވެރިންގެ މެދުގައި މަޤްބޫލް ޓްރިޕް އެޑްވައިޒަރ ވެބްސައިޓާއެކު އެމްއެމްޕީއާރުސީން ކެމްޕެއިނެއް ފަށައިފިއެވެ.

އެމްއެމްޕީއާރްސީން ބުނީ މިއީ އިނގިރޭސިވިލާތް، ސައުދީ އަރަބިއްޔާ، ރަޝިޔާ، އިންޑިޔާ، އިޓަލީ އަދި ޗައިނާގެ މާކެޓްތަކުގައި ރާއްޖެ އިތުރަށް އިޝްތިހާރުކުރުމަށް ކުރިއަށްގެންދާ ކެމްޕެއިނެއްކަމަށެވެ.

އެމްއެމްޕީއާރުސީން ފެށި ކެމްޕެއިންގެ ތެރެއިން ޓްރިޕް އެޑްވައިޒަރ ވެބްސައިޓުގައި ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި ރާއްޖެއަށް ކުރާ ޒިޔާރާތްތަކުގައި ކުރެވޭނެ ތަފާތު ކަންތައްތައް ފަތުރުވެރިންނަށް އިޝްތިހާރުކުރާނެއެވެ. އަދި ރާއްޖެއަކީ ޗުއްޓީ ހޭދަކޮށްލުމަށް ފަތުރުވެރިން އެންމެ ބޭނުންވާ އެއް މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓްވެސް ކުރެވިގެންދާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

ޓްރިޕްއެޑްވައިޒަރ އަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ސޯޝަލް ޓްރެވަލް" ވެބްސައިޓެވެ. 315 މިލިޔަނަށް ވުރެ ގިނަ ވިއުސް ލިބޭ މި ވެބްސައިޓަކީ ފަތުރުވެރިންގެ ތަފާތު ރިވިއުސް ހިމެނޭ ވެބްސައިޓެކެވެ. މި ވެބްސައިޓްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ހޮޓާތަކާއި، ރިސޯޓް އަދި ރެސްޓޯރެންޓުތަކުގެ މަޢުލޫމާތާއި، އެތަންތަނަށް ޒިޔާރަތްކޮށްފައިވާ މީހުންގެ ތަޖުރިބާ ޙިއްސާކޮށްފައި ހުރެއެވެ. އަދި މި ވެބްސައިޓް މެދުވެރިކޮށް ރިޒަވޭޝަން ހެދުމުގެ ފުރުސަތުވެސް ލިބިގެންދެއެވެ.

އެމްއެމްޕީއާރުސީން ބުނީ ޓްރިޕް އެޑްވައިޒަރއާއެކު ކުރިއަށްގެންދާ ކެމްޕެއިންއާއެކު ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑެތި ފައިދާތައް ކުރާނެކަމަށެވެ.

މިއަހަރުގެ ތެރޭ ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް އެމްއެމްޕީއާރުސީން ވަނީ ގިނަ ޙަރަކާތްތަކެއް ކުރިއަށްގެންގޮސްފައެވެ. އެގޮތުން 17 ޖޮއިންޓް ކެމްޕެއިނެއް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި 23 މާކެޓަކަށް އަމާޒުކޮށްގެން ފެއާތަކާއި ރޯޑްޝޯވގެ އިތުރުން ގްލޯބަލް ކެމްޕެއިންތަކެއް ވެސް ކުރިއަށްގެންގޮސްފައިވެއެވެ. މީގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދިޔަ ފެއަރތަކުގައިވެސް އެކުންފުނިން ވަނީ ބައިވެރިވެފައެވެ.