ޚަބަރު

ޓެރަރިޒަމްގެ ނުރައްކަލުން ރާއްޖެ ސަލާމަތް ކޮށްދޭނަން - ރައީސް


ޓެރަރިޒަމްގެ ހަރަކާތްތައް ރާއްޖެއިން ނައްތާލައި ކުރިމަތިވެފައިވާ ނުރައްކަލުން ރާއްޖެ ސަލާމަތް ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، "ވިއަވަތި ރާއްޖެ" ކޮންފަރެންސް ނިންމާލުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައެވެ.

މި ކޮންފަރެންސް ނިންމާލުމުގެ ގޮތުން ކައުންސިލަރުންނާއި މުޚާތަބްކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޓެރަރިޒަމްގެ ވާހަކަޔަކީ ނުދައްކައި ސިއްރުކޮށްފައި ބޭއްވޭވަރަށް ވުރެ މާ ނުރައްކާތެރި ކަމެއްކަމަށެވެ. އަދި މިއަދު ރާއްޖޭގައި މިކަން އޮތް މިންވަރާއި ފެތުރެމުންދާ ގޮތަށްބަލާއިރު މިކަން އޮތްކަން ގަބޫލުކޮށް ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތް ކުރަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

މިގޮތުން ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތް ކުރުމުގައި ދިވެހި ސަރުކާރާއި، ސަލާމަތީ ބާރުތަކުން ފަސްނުޖެހޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ގައުމަށް ދިމާވެފައިވާ މިނުރައްކަލުން އަރައިގަނެ ރައްޔިތުންނަށް އަމާން ސުލްހަވެރި މާހައުލެއް ހޯއްދަވައި ދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމުހޫރިއްޔާ ވަނީ ދެއްވާފައެވެ.

ލާމަރުކަޒީ ގާނޫނަށް ސަރުކާރުން އިސްލާހް ގެނައި ނަމަވެސް، އަދިވެސް ބައެއް ފަރާތްތަކުން ސަރުކާރުން ބާރުތައް ދޫކޮށްލާނެކަމާއި މެދު ސުވާލު އުފައްދާކަމުގައި ރައީސް ވިދާޅުވިއެެވެ. ނަމަވެސް މިކަމަކީ އެއްވެސް ރައްޔިތަކު ސުވާލު އުފައްދަންޖެހޭ ކަމެއް ނޫންކަމަށާއި ގާނޫނުގައި ލާޒިމްކުރާ ބާރުތައް ދޫކޮށްލައްވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން އެމަނިކުފާނު ވަނީ ތަކުރާރު ކުރައްވާފައެވެ.

މިބައްދަލުވުމުގައި ރައީސް ވަނީ ކައުންސިލަރުން މިހާރަށްވުރެވެސް ބޮޑަށް ރައްޔިތުންގެ މަޝްވަރާއާއިއެކު ކަންކަން ކުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ގާނޫނަށް ގެނައި ބަދަލުތަކާއިކު ބޮޑު ބަޖެޓެއް ކައުންސިލްތަކަށް ލިބިގެންދާއިރު ރަށްރަށުގެ ބަޖެޓް އެކުލަވާލުމުގައި ރައްޔިތުންގެ މަޝްވަރާ ހޯއްދެވުމަށް ރައީސް އެދި ވަޑައިގެންނެވިއެވެ. އަދި ސަރުކާރުގެ ބައެއް މިނިސްޓްރީތަކާއި ވުޒާރާތަކުގެ ތެރެއިން ކައުންސިލްތަކާއި ގުޅުން ކުޑަކަމަށް ފާހަގަކުރެވޭ މިނިސްޓްރީތަކަށް ފަސޭހައިން ގުޅައި ކަންކަން އޮޅުންފިލުވޭނެ މަގު ފަހިކޮށްދެއްވާނެކަމަށް ރައިސް ވިދާޅުވިއެވެ.

ރައީސުލް ޖުމްހޫރިއްޔާވަނީ މިކޮންރަފެންސަކީ ލާމަރުކަޒީ ނިޒާމު ތަންފީޒުކުރުމުގެ ކުރިން ކައުންސިލަރުންނަށް މުހިންމު މައުލޫމަތުތަކެއް ދެވުނު ކޮންފަރެއްސެއް ކަމަށެވެ. އަދި މި ކޮންފަރެންސުގެ ސަބަބުން ގާނޫނައި ގެނައި ބަދަލުތަކާއި މެދު އުފުދުނު އެތަކެއް ސުވާލެއްގެ ޖަވާބު ސާފުކޮށްދެވިފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.