ޚަބަރު

މީހުން މެރުމަށް ފަސްނުޖެހޭ 1400 އެއްހާ މީހުން ދިވެހި މުޖުތަމައުގައި އެބައުޅޭ - ސީޕީ


އެއްވެސް ފަސްޖެހުމެއްނެތި މީހުންގެ ފުރާނަޔަށް ގެއްލުންދިނުމަށް ފަސްނުޖެހޭ 1400 އަށްވުރެ ގިނަ ދިވެހިން މި މުޖުތަމައުތެރޭގައި އެބައުޅޭ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

"ވިއަވަތި ރާއްޖެ" ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ރާއްޖޭގައި ޓެރަރިޒަމްގެ ނުރައްކާ އޮތް މިންވަރު ހާމަކޮށްދެއްވައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ޓެރަރިޒަމްގެ އަމަލުތަކާއި ހަނގުރާމަތަކުގައި ބައިވެރިވުމަށް ޝައުގުވެރިވާ ދިވެހިން މި މުޖުތަމައުގެ ތެރޭގައި ތިބިކަމަށެވެ. މިގޮތުން ސީރިޔާގައި ކުރަމުންދާ ހަނގުރާމައިގައި ބައިވެރިވުމުގެ ޝައުގުވެރިކަމުގައި ދިވެހިންގެ ތެރެއިން 423 މީހަކު އެބަ ތިބިކަމަށާއި އޭގެ ތެރެއިން 170 މީހަކު ސީރިޔާއަށް ގޮސްފައިވާ ކަމަށް ކަމިޝަނރ އޮފް ޕޮލިސް ވިދާޅުވިއެވެ.

ސީރިޔާ ހަނގުރާމަ ފެށުމުގެ ކުރިންވެސް ރާއްޖޭގައި ތިބި ހަރުކަށި ފިކުރުގެ ބައެއް މީހުން އަފްޣާނިސްތާނާއި، ޕާކިސްތާނުގައި ކުރި ހަނގުރާމަތަކުގައި ބައިވެރިވެފައިވާ ކަމަށާއި އޭގެ ތެރެއިން ބައެއް މީހުން މިހާރުވެސް ރާއްޖޭގައި ހަރަކާތްތެރިވާ ކަމުގައި ސީޕީ ވިދާޅުވިއެވެ. އަދި އެފަދަ ހަނގުރާމަތަކަށް މީހުން ދިޔުމަށް އެމީހުން ބާރުއަަޅައި ވާހަކަތައް ދައްކަމުންދާކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވިއެވެ.

"ވިއަވަތި ރާއްޖެ" ނަމުގައި ބޭއްވި ކޮންފަރެންސްގައި ފުލުހުން ވަނީ ރާއްޖޭގައި ޓެރަރިޒަމްގެ ކަންކަން އޮތް މިންވަރާއި، އެކަން ފެށިގެންދިޔަ ގޮތުގެ ތަފްސީލުތައް ހިމެނޭ ޕްރެޒެންޓޭޝަނެއް ހުށައަޅާފައެވެ. އެގޮތުން 2007 ވަނަ އަހަރު ސަލްޓަންޕާކުގައި ބޮން ގޮއްވި ހިސާބުން ފެށިގެން 2019 ވަނަ އަހަރާއި ދެމެދު ޓެރަރިޒަމަށް މަގުފަހިވާގޮތަށް ހިންގާފައިވާ އެކި އަމަލުތަކުގެ މައުލޫމާތުވެސް ހާމަކޮށްފައެވެ.

ރާއްޖޭގައި ތިބި ހައްދުފަހަނައަޅާފައިވާ މީހުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަނގުރާމަތަކުގެ ތެރެއިން ސީރިޔާގެ ހަނގުރާމައިގައި ބައިވެރިވުމަށް ކުރާ މަސައްކަތްތަކާއި، ދިވެހިން އެ ހަނގުރާމާގައި ބައިވެރިވެފައިވާ މިންވަރުވެސް މި ޕްރެޒެންޓޭޝަންގައި ވަނީ ހާމަކޮށްފައެވެ. އެގޮތުން މިހާތަނަށް ސީރިޔާ ހަނގުރާމާގައި ބައިވެރިވުމަށް 170 މީހަކު އެޤައުމަށް ގޮސްފައިވެއެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުން ސީރިޔާގަ އިތިބި ދިވެހިންގެ ތެރެއިން 53 ޕަސެންޓަކީ ފިރިހެނުންނަށްވާއިރު މީގެ ތެރެއިން 48 ޕަސެންޓް މީހުންނަކީ ގޭންގްތަކަށް ނިސްބަތްވާ މީހުންކަމަށް ފުލުހުން ބުނެއެވެ. އަދި ސީރިޔާގައި ތިބި ދިވެހިންގެ ތެރެއިން 26 ޕަސެންޓަކީ އަންހެނުންކަމަށްވާއިރު 21 ޕަސެންޓް މީހުންނަކީ 18 އަހަރު ނުފުރޭ ކުޑަކުދިން ކަމަށްވެސް ފުލުހުން އާއްމު ކުރި މައުލޫމާތުގައި ވަނީ ހާމަކޮށްފައެވެ.

މިވަގުތު ސީރިޔާ ހަނގުރާމާގައި ތިބި ދިވެހިންގެ ތެރެއިން ދިރިތިބި މީހުންގެ ނިސްބަތްވެސް ފުލުހުން ވަނީ އާންމުކޮށްފައެވެ. ފުލުހުންގެ އާންމުކޮށްފައިވާ މައުލޫމާތުތަކުން މިވަގުތު ސީރިޔާގައި ތިބި ދިވެހިންގެ ތެރެއިން ދިރިތިބިކަން އެނގޭ މީހުންގެ ތެރެއިން 91 ޕަސެންޓަކީ އަންހެނުންނެވެ. އަދި ސީރިއާއަށް ދިޔަ ފިރިހެނުންގެ ތެރެއިން މިހާރު ދުނިޔޭގައި ތިބީ 9 ޕަސެންޓް މީހުންނެވެ.

ރާއްޖޭގައި ހިންގޭ ޓެރަރިޒަމްގެ އަމަލުތަކާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގޭ ޓެރަރިޒަމްގެ ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތައް ހުއްޓުވުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.އަދި ޓެރަރިޒަމްގެ ނުރައްކާތެރިކަމާއި، ބިރު ފެތުރެމުންދާ މިންވަރަށް ބަލާއިރު އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާކަން ސަލާމަތީ ޚިދުމަތްތަކުންވެސް ފާހަގަކުރެއެވެ.