ޚަބަރު

ޤާނޫނުގައިވާ ބާރުތައް ކައުންސިލްތަކަށް ދޭނަން - ރައީސް


ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކަކާއެކު ލޯކަލް ކައުންސިލްތަކަށް ދީފައިވާ ބާރުތައް، ކައުންސިލްތަކަށް ދޫކޮށްލައްވާނޭކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ކައުންސިލްތަކަށް ދެއްވައިފިއެވެ.

"ވިއަވަތި ރާއްޖެ" ކޮންފަރެންސް މިއަދުގެ ސެޝަން ފައްޓަވައިދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ލާމަރުކަޒީ ޤާނޫނަށް ގެނައި ބަދަލުތަކާއިއެކު ޤާނޫނު ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ވަރަށް ގިނަ ފަރާތްތަކެއްގެ ކޮނޑުގައި އެޅޭކަމަށެވެ. އަދި ސަރުކާރާއި، ރަށްރަށުގެ ކައުންސިލްތަކާއި ކައުންސިލަރުންނަކީ މިމަސައްކަތް ކުރުމުގެ އެންމެ މުހިންމު ދައުރެއް އަދާކުރައްވަންޖެހޭ ފަރާތްތަކަށްކަމުގައި ރައީސް ވިދާޅުވިއެވެ.

ސަރުކާރުތަކުން ކައުންސިލުތަކަށް ބާރުތައް ދޫކޮށްލުމަށް ޖެހިލުންވާކަމަށް ކައުންސިލަރުން ވިދާޅުވުމުން، ރައީސް ވިދާޅުވީ ލާމަރުކަޒީ ޤާނޫނަށް ސަރުކާރުން ގެނެސްފައިވާ ބަދަލުތަކާއިއެކު ޤާނޫނު ތަންފީޒު ކުރުމުގައި ސަރުކާރުން ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށް ދެއްވާނެކަމަށެވެ. މިގޮތުން ގާނޫނު ތަންފީޒުކުރުމުގައި ކައުންސިލަރުންނަށް ދޫކުރަންޖެހޭ ބާރުތައް އެއްވެސް ހިފެހެއްޓުމެއްނެތި ސަރުކާރުން ދޫކުރާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިކަންކަން ކައުންސިލްތަކާއި ހަވާލުކުރެވޭއިރު ޒިންމަދާރުކަމާއިއެކު ކަންކަން ތަންފީޒު ކުރުމުގައި ކައުންސިލަރުންގެ ދައުރު މުހިންމުކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މިކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވީ ކައުންސިލުތަކުގެ ބެލުމުގެ ދަށަށް 2 ބިލިއަން ރުފިޔާ ދާއިރު، ބަނދަރު ހެދުމާއި މަގުހެދުމާއި، ތަރައްގީގެ ކަންކަމަކީ ހުއްޓުމެއްނެތި ކުރެވެންޖެހޭ މަސައްކަތްތަކެއްކަމަށެވެ.

ހޯމަދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޕެނަލިސްޓެއްގެ ގޮތުން، ކައުންސިލަރުން ކުރިމަތިކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވުމުގައިވެސް ބައިވެރިވެވަޑައިގެންފައެވެ. އަދި ގިނަ ސެޝަންތަކުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އަމަލީގޮތުން ބައިވެރިވެ ވަޑައިގެން އެމަނިކުފާނުގެ ޚިޔާލުފުޅުވެސް ކައުންސިލަރުންނާއި ޚިއްސާކުރައްވާފައެވެ. މި ކޮންފަރެންސްގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކުން 200 ވުރެ ގިނަ ކައުންސިލަރުން ބައިވެރިވެއެވެ.