ޚަބަރު

ރަށްރަށުގެ މަޢުލޫމާތު ހިމެނޭ "އައިލްސް" ވެބްސައިޓް އިފްތިތާޙްކޮށްފި


ރަށްރަށުގެ އާންމު ހުރިހާ މައުލޫމާތެއް އެއްތަނަކުން ފެންނަން ހުންނާނޭ ވެބްސައިޓެއް "އައިލްސް"ގެ ނަމުގައި ސަރުކާރުން އިފްތިތާޙްކޮށްފިއެވެ.

"ވިވަތި ރާއްޖެ" ކޮންފަރެންސްގެ ތެރެއިން އިފްތިތާހުކުރި މި ވެބްސައިޓަކީ ރާއްޖޭގެ ހުރިހާ ރަށެއްގެ މައުލޫމާތާއި، ރަށްރަށުގައި ހިނގާ ހުރިހާކަމެއްގެ މައުލޫމާތު ފަސޭހަކަމާއިއެކު ލިބޭނެ ގޮތަކަށް ފަރުމާކޮށްފައިވާ ވެބްސައިޓެކެވެ.

މިވެބްސައިޓްގައި ރަށްރަށުގައި ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން ނިމިފައިވާ މަޝްރޫޢުތަކާއި ކުރިއަށްދާ މަޝްރޫޢުތައް އެގޭނެގޮތަށް އެމައުލޫމާތު ހިމަނާފައިވެއެވެ. މީގެ އިތުރުން ރަށްރަށުގެ އިޖްތިމާއީ އިޤްތިޞާދީ ކުރިއެރުމަށް ކުރެވޭ ކަންކަމާއި ގުޅޭ މައުލޫމާތުވެސް ހިމަނާފައިވެއެވެ.

ވެބްސައިޓްގައި ރަށްރަށުގައި އިންތިޚާބުވެފައިވާ ކައުންސިލަރުންގެ މައުލޫމާތާއި، ގުޅޭނެ ގޮތާއި، އެދާއިރާގެ މެމްބަރުގެ މައުލޫމާތާއި، ސަރުކާރުގެ ވުޒާރާތަކުގެ މައުލޫމާތުވެސް ހިމަނާފައިވެއެވެ. އަދި މީހުން ދިރިއުޅޭ ރަށްތަކުގެ އިތުރުން ފަޅުރަށްރަށާއި، ރިސޯޓްގެގޮތުގައި ތަރައްޤީކޮށްފައިވާ ރަށްތަކާއި، ތިމާވެށީގެ ގޮތުން ހިމާޔަތްކޮށްފައިވާ ރަށްތަކުގެ މައުލޫމާތުވެސް މި ވެބްސައިޓުން ލިބިގެންދެއެވެ.

އާންމު ހުރިހާ މައުލޫމާތުވެސް އެއްތަނަކުން ލިބޭނެފަދަގޮތަކަށް ފަރުމާކޮށްފައިވާ މި ވެބްސައިޓްގައި ރާއްޖޭގެ މިހާރުގެ ބޯހިމެނުމުގެ މައުލޫމާތުވެސް ހިމަނާފައިވެއެވެ. މީގެ އިތުރުން ރަށްރަށުގެ ކައުންސިލްތަކުން އެކުލަވާލާފައިވާ ބޯހިޔާވަހިކަމުގެ މައުލޫމާތާއި، ރަށްރަށުގެ ޚާއްސައެހީއަށް ބޭނުންވާ ފަރާތްތަކުގެ މައުލޫމާތާއި، ރަށްރަށުގައި ހުންނަ ޚާއްސަ މައުލޫމާތުތައްވެސް މިވެބްސައިޓުން ލިބޭނެ އިންތިޒާމުވަނީ ހަމަޖައްސާފައެވެ.

މިވެބްސައިޓްގެ އެންމެ މުހިންމު މަޤްސަދަކީވެސް ރަށްރަށުގެ މައުލޫމާތުތައް ވީހާވެސް ސާފުކޮށް ކޮންމެ ރައްޔިތަކަށްވެސް ފެންނަން ހުރުމެވެ.

ލާމަރުކަޒީ ނިޒާމަށް ސަރުކާރުން ގެނައި ބޮޑުބަދަލާއިއެކު ގިނަ ބާރުތަކެއް ކައުންސިލްތަކަށް ވަނީ ދޫކޮށްލާފައެވެ. މިފަދަ ބާރުތައް ދޫކޮށްލާއިރު ރަށްރަށުގައި ހިންގޭ މަޝްރޫޢުތަކާއި ކުރެވޭ ކަންކަން އެއްތަނަކުން ފެންނަން ހުންނާނޭ ނިޒާމެއް ގާއިމްކުރުމަކީ އެރަށެއްގެ މައުލޫމާތު ފަސޭހައިން ލިބިގެންދާނެ ނިޒާމެއްކަމަށް ސަރުކާރުން ދެކެއެވެ.