ޚަބަރު

ޒުވާނުންނަކީ ދީނީ ގޮތުން ޤާބިލް ބަޔަކަށް ހެދުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި


ޒުވާނުން ހަރުދަނާކޮށް ދީނީ ގޮތުން ޤާބިލް އަދި ހޭލުންތެރި ބަޔަކަށް ހެދުމާއި ގުޅޭގޮތުން އިސްލާމިކް މިނިސްޓަރ ޑރ އަޙްމަދު ޒާހިރު ނައިޖީރިއާގެ ދަޢުވާ އިންސްޓިޓިއުޓުގެ ޑިރެކްޓަރާއި ބަޙްރައިންގެ ޑިސްކަވަރ އިސްލާމް ސޮސައިޓީގެ އިސްވެރިޔާއާ ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފިއެވެ.

އިސްލާމިކް މިނިސްޓްރީގައި އޮތް މިބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ޢިލްމުވެރިންނަށް އަމާޒުކޮށްގެން ޒުވާނުންނަށް ދީނީ މަޢުލޫމާތު ހިއްސާކުރެވިދާނެ ހަރުދަނާ ގޮތްތައް ހަމަޖެއްސުމަށް މަސައްކަތުބައްދަލުވުންތަކެއް ހިންގަވާނެކަމަށެވެ.

މިބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރވަނީ ނައިޖީރިއާގެ ރިސަރޗް އެންޑް ޓްރެއިނިންގ، ދަޢުވާ އިންސްޓިޓިއުޓްގެ ޑިރެކްޓަރ އަލްއުސްތާޛް މުޙައްމަދު ނޫރުއްދީން ލޭމޫއާ ބަޙްރައިންގެ އައުޓްރީޗް އެންޑް އޮޕަރޭޝަންސް، މުޙައްމަދު ޒުހައިރުއާ ބައްދަލުކުރައްވާފައެވެ. މިބައްދަލުވުމުގައި މިފަރާތްތަކާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދާ "ޔޫތު ލީޑަރޝިޕް ކޭމްޕް"އާ ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

އަދި ޔޫތު ލީޑަރޝިޕް ކޭމްޕް ފަދަ ޕްރޮގްރާމްތަކުގައި ބޭނުންކުރެވިދާނެ ތަފާތު މަޢުލޫމާތުތަކުގެ މައްޗަށް ހިމެނޭ ފޮތްތައް މިބައްދަލުވުމުގައި އަލްއުސްތާޛް މުޙައްމަދު ނޫރުއްދީން ލޭމޫ ވަނީ ޑރ.އަހުމަދު ޒާހިރު ޢަލީއަށް ހަދިޔާ ކުރައްވާފައެވެ. އަދި ޒުވާން ޖީލެއް ބިނާކުރުމުގައި ޢިލްމުވެރިންނާއި، ދައުވަތުގެ މައިދާނުގައި މަސައްކަތްކުރާ ފަރާތްތަކާއި، ދުނިޔަވީ ގޮތުން ތަފާތު ޢިލްމުތައް އުނގެނިގެން ތިއްބެވި ބޭފުޅުންނަކީ ވަރަށް މުހިއްމު ދައުރެއް އަދާކުރައްވަން ޖެހިވަޑައިގެންތިބި ބައެއްކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޒުވާނުން ރަނގަޅު މަގުގައި ސާބިތުކޮށްދިނުމަށް ޒުވާން ޖީލުތަކަށް ދެމިގެންދާނެ ފަދަ ގޮތަކަށް ކަންކަން ރާވާ ހިންގުމަށްވެސް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރ ވިދާޅުވީ ކުރިއަށް އޮތްތަނުގައި މިފަދަ ޔޫތު ޕްރޮގްރާމްތައް ރާވާ ހިންގުމަށް މަސައްކަތްކުރައްވާނެކަމަށެވެ.
އަދި ބައްދަލުވުން ނިންމަވާލައްވަމުން މެހްމާނުން ސޮއިކުރުމަށް ހަމަޖެހިފައިވާ ފޮތުގައި އަލްއުސްތާޛް މުޙައްމަދު ނޫރުއްދީން ލޭމޫ އާއި މުޙައްމަދު ޒުހައިރު ސޮއިކުރެއްވިއެވެ.