ޚަބަރު

އިންފޮމޭޝަން ކޮމިޝަނަރު އުއްތަމަ ފަނޑިޔާރާއި ބައްދަލުކުރައްވައފިި


ޝަރުއީ ދާއިރާއިން، މަޢުލޫމާތު ހޯދައި ލިބިގަތުމުގައި ހުރި ކަންބޮޑުވުންތަކާއި ގުޅޭ ގޮތުން އިންފޮމޭޝަން ކޮމިޝަނަރު ޙުސައިން ފިޔާޒު މޫސާ، އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު މުޢުތަޞިމް އަދުނާން އާ ބައްދަލުކުރައްވައިފިއެވެ

އިންފޮމޭޝަން ކޮމިޝަނަރު، އުއްތަމަ ފަނޑިޔާރާ ބައްދަލުކުރެއްވީ "މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ" ގާނޫނުގައި ބަޔާންކޮށްފައިވާ ބައެއް ކަންކަމާ ޚިލާފަށް ޝަރުޢީ ދާއިރާއިން ނިންމާފައިވާ ނިންމުންތައް ބާތިލްކޮށް ދެއްވުމަށާއި، "މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ" ޤާނޫނު ޝަރުޢީ ދާއިރާއިން ފުރިހަމައަށް ތަންފީޒުކޮށް ދެއްވަމުން ގެންދެވުމަށް ދެންނެވުމަށްކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވިދާޅުވެއެވެ.

މިބައްދަލުވުމުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޝަރުޢީ ދާއިރާގެ ކަންކަން ވީހާ ވެސް ދެ ފުށް ފެންނަ ގޮތަށް ހެދުމަށް މަސައްކަތްޕުޅު ކުރައްވާ ކަމަށާއި ފުޅާ ދާއިރާއެއްގައި މަޢުލޫމާތު ރައްޔިތުންނަށް ލިބިދިނުމަށް ބާރު އަޅުއްވާ ކަމަށެވެ
އިންފޮމޭޝަން ކޮމިޝަނަރު ޙުސައިން ފިޔާޒު މޫސާ ވިދާޅުވީ ޝަރުޢީ ދާއިރާއާމެދު އާންމު ރައްޔިތުން ދެކޭ ގޮތް ބަދަލުކޮށް، ތަސައްވަރު ރަނގަޅު ކުރެވޭނީ މަޢުލޫމާތު ހާމަކުރާ މިންވަރު އިތުރުކޮށްގެންކަމަށެވެ.

"މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ" ޤާނޫނުގައި ދައުލަތުގެ ކޮންމެ އިދާރާއެއްގައި އިންފޮމޭޝަން އޮފިސަރަކު ހުންނަވަންޖެހޭނެ ކަމާށާއި ކޮންމެ އިދާރާއަކުން ވެސް މަޢުލޫމާތު ހޯދުމަށް ރައްޔިތުންނަށް ހުށަހެޅޭނެ ކަމަށް ބަޔާންކޮށްފައިވޭ. އަދި "މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ" ޤާނޫނުގެ 42 ވަނަ މާއްދާގައި ބަޔާންކުރާ އަހަރީ ރިޕޯޓް ދައުލަތުގެ ކޮންމެ އިދާރާއަކުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅަންޖެހެއެވެ.

ނަމަވެސް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން 2014 ވަނަ އަހަރު ނޮވެމްބަރު މަހު ނިންމަވާފައި ވަނީ، ޝަރުޢީ ދާއިރާގައި ހިމެނޭ ދައުލަތުގެ ވަކިވަކި އިދާރާތަކުން މަޢުލޫމާތު ހޯދުމާއި ކޮންމެ އިދާރާއަކަށް އިންފޮމޭޝަން އޮފިސަރަކާއި މުރާޖަޢާ ކޮމިޓީއެއް އައްޔަންކުރެއްވުމުގެ ބަދަލުގައި، ޝަރުޢީ ދާއިރާއިން ކަނޑައަޅާނީ އެންމެ އިންފޮމޭޝަން އޮފިސަރެއް ކަމަށާއި އަދި އެންމެ މުރާޖަޢާ ކޮމިޓީއެއް ކަމަށެވެ. އެގޮތުން އިންފޮމޭޝަން އޮފިސަރެއްގެ ގޮތުގައި އަދި މުރާޖަޢާ ކޮމިޓީގައި ހިމަނާނީ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މުވައްޒަފުންގެ ތެރެއިން ބޭފުޅުން ކަމަށް ވެސް ސުޕްރީމް ކޯޓުން އޭރު ވަނީ ނިންމަވައިފައެވެ.

"މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ" ގާނޫނަށް 2014 ވަނަ އަހަރު އަމަލަކުރަން ފަށާފައިވާއިރު، ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރުޢީ ދާއިރާއިން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅުއްވާފައިވަނީ އެންމެ އަހަރީ ރިޕޯޓެއްކަމަށް އެ އޮފީހުން ވިދާޅުވެއެވެ. 2014 ވަނަ އަހަރު ޖުވެނައިލް ކޯޓުން ހުށައެޅި ރިޕޯޓް ފިޔަވާ ޝަރުޢީ ދާއިރާގެ އެހެން އެއްވެސް އިދާރާއަކުން، މިހާތަނަށް އަހަރީ ރިޕޯޓު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅުއްވާފައިނުވާކަމަށް އެ އޮފީހުން ވިދާޅުވެއެވެ.