ދެކުނު އޭޝިއާގެ ޤައުމުތަކުގެ ތެރެއިން ދިވެހިރާއްޖެއަކީ އިންސާނީ ޙައްގުތައް ކަށަވަރުކުރުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަމުން އަންނަ އެއް ޤައުމުކަމަށް ޔޫއެންޑީޕީގެ ރެޒިޑެންޓް ރެޕްރެޒެންޓެޓިވް އަކިކޯ ފުޖީ ވިދާޅުވެއްޖެއެވެ.
ވިޔަވަތި މަހާސިންތާ ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަކިކޯ ފުޖީ ވިދާޅުވީ ރަށްރަށުގެ އާއްމު ޙާލަތު ރަނގަޅުކޮށް، ބޭނުންވާ ޚިދުމަތްތައް ފޯރުވައިދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ ރަށްރަށުގެ ކައުންސިލުންކަމަށެވެ. އަދި ރަށުގެ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ އިތުރުންވެސް ކައުންސިލްގެ އެތައް ޒިންމާއެއް އޮންނަކަން އަކިކޯ ފުޖީ ވަނީ ފާހަގަކުރައްވާފައެވެ.
އަކިކޯވަނީ ރަށްރަށުގައި ހުރި މައްސަލަތަކަށް ޙައްލު ގެނައުމަށް ކައުންސިލަރުން ވީހާވެސް ބޮޑަށް ރައްޔިތުންނާއި ގުޅިގެން މަސައްކަތް ކުރުމަށް އެދިވަޑައިގެންފައެވެ.
އަކިކޯ ވިދާޅުވީ ޔޫއެންޑީޕީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ދެކުނު އޭޝިއާގެ ޤައުމުތަކުގެ ތެރެއިން ރާއްޖެއަކީ ވޭތުވެދިޔަ 30 އަހަރު ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ޤައުމެއްކަން ފާހަގަވެފައިވާކަމަށެވެ. ރިޕޯޓްގައި ފާހަގަކޮށްފައިވާގޮތުން ހަމަހަމަކަންމަތީ އެންމެންނަށް ތަޢުލީމް ދިނުމުގެ އިތުރުން މީހުން ދިރިހުންނަ އުމުރަށް އެވަރެޖްކޮށް 17އަހަރު އިތުރުވެފައިވާކަންވަނީ ފާހަގަކޮށްފައެވެ.
ތިމާވެށީގެ މައްސަލަތަކަށް ޙައްލުގެނައުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށްވެސް ތަޢުރީފް ކުރައްވާ އަކިކޯވަނީ މިހާރުވެސް ރާއްޖެއަށް ތިމާވެށީގެ ގޮތުން ބޮޑެތި ގޮންޖެހުންތައް ހުރިކަން ފާހަގަކުރައްވާފައެވެ.
"ވާރޭ ނުވެހުމާއި، އަދި ވާރޭ ވެހޭއިރު ފެންބޮޑުވުމާއި، ކުނިބުނި އެންދުމާއި ކޮންސްޓްރަކްޝަން މަޝްރޫޢުތަކުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންވެސް ބޮޑު. މިހާރުވެސް ފެނުގެ ދަތިކަން ދިމާވެގެން އެވަރެޖްކޮށް 80 ރަށުން ރިޕޯޓްކުރޭ. މިއީވެސް ދަނޑުވެރިކަމާއި، ސިއްޙަތާއި އަދި ތަޢުލީމަށްވެސް އެޅޭ ހުރަހެއް." އަކިކޯ ފުޖީ ވިދާޅުވިއެވެ.
އަކިކޯވަނީ ކައުންސިލްތަކުގައި ތިބޭ އަންހެނުންގެ އަދަދު %33 އަށް އިތުރުކުރުމަށް ސަރުކާރުން ނިންމި ނިންމުމަށް ތަޢުރީފްކުރައްވައި، ހަމަހަމަކަން ޤާއިމުކުރުމަށް ކުރާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ