ޚަބަރު

ބޯކޮށް ވާރޭވެހި ގއ.ދާންދޫގެ 30 ގެއަކަށް އެކިވަރުގެ ގެއްލުންވެއްޖެ


ބޯކޮށް ވާރޭވެހި ގއ.ދާންދޫގެ 30 ގެއަކަށް ފެންވަދެ އެކިވަރުގެ ގެއްލުން ވެއްޖެއެވެ. ދާންދޫ ކައުންސިލްގެ ރަޢީސް އިސްމާއިލް މުޙައްމަދު ވިދާޅުވީ ގޭގެއަށް ފެންވަދެ ބައެއް ގޭގޭގެ ހިފާގެންގުޅޭ ތަކެއްޗާއި ކަރަންޓު ސާމާނަށް ގެއްލުން ލިބިފައިވާ ކަމަށެވެ.

ގއ.ދާންދުއަށް ރޭ ދަންވަރާއި މިއަދު ހެނދުނުވެސް ވަނީ އާދަޔާއި ޚިލާފަށް ބޯކޮށް ވާރޭވެހިފައެވެ.

އެރަށުން ފެން ހިންދުމުގެ މަސައްކަތް ރަށުގެ ކައުންސިލާއި، ފުލުހުންނާއި، ޖަމިއްޔާތަކާއި ރައްޔިތުން ގުޅިގެން ވަނީކޮށްފައެެވެ.
މި ގޮތުން 3 ޕަމްޕް ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

އިސްމާއިލް މުޙައްމަދު ވިދާޅުވީ ރަށުގެ ސްކޫލް ސަރަޙައްދަކީ އަބަދުވެސް ވާރޭ ވެހިއްޖެއްނަމަ އެންމެ އަވަހަށް ފެންބޮޑުވާ ސަރަޙައްދަށްވުމާއިއެކު، ފެން ހިންދުމުގައި އެ ސަރަޙައްދުން ފެން ހިންދުމަށް އިސްކަން ދީގެން މަސައްކަތްކުރަމުންދާކަމަށެވެ.


މެޓް އޮފީހުން މިއަދު ހެނދުނު ވަނީ ހުވަދު އަތޮޅުން ފެށިގެން އައްޑު އަތޮޅަށް ވައިޓް އެލަރޓްވެސް ނެރެފައެވެ.

މެޓް އޮފީހުން ބުނެފައި ވަނީ ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ ހުރިހާ ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށެވެ.