ޚަބަރު

ޢާންމު ޚިދުމަތްތައް ހެޔޮ އަގެއްގައި ފޯރުކޮށްދިނުމަށް ޚާއްޞަ އޮތޯރިޓީއެއް އުފައްދަނީ


ޢާންމު ބޭނުންތަކަށް ރައްޔިތުންނަށް ދެމުންދާ ހުރިހާ ޚިދުމަތެއް ހެޔޮ އަގެއްގައި ފޯރުކޮށްދީ، އަގުތައް ކޮންޓްރޯލް ކުރެވޭގޮތަށް ޤާނޫނެއް އެކުލަވާލަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ސަނީފް މަޖިލީހަށް ހުށައަޅާފައިވާ ބިލުގައި ރައްޔިތުންނާއި ގުޅުންހުރި ޚިދުމަތްތައް ދިނުމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮޓޯރިޓީގެ ނަމުގައި އޮތޯރިޓީއެއް އުފެއްދުމަށްވެސް ވަނީ ކަނޑައަޅާފައެވެ.

މި ބިލުގެ މަޤްޞަދަކީ ޢާންމު ބޭނުންތަކުގެ ޚިދުމަތްތައް ދިނުމާގުޅޭ ކަންކަން ތަންޒީމުކުރުމަށްޓަކައި އޮތޯރިޓީއެއް އުފައްދައި، ޢާންމު ބޭނުންތަކުގެ ޚިދުމަތްތަކާގުޅޭ ކަންކަން ރާވައި، ހިންގާނެ ގޮތުގެ ޢާންމު އުސޫލުތައް ބަޔާންކުރުމާއެކު، ޢާންމު ބޭނުންތަކުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ޤާނޫނާ ޚިލާފުވާ ފަރާތްތަކާ މެދުގައި ފިޔަވަޅު އެޅުމާބެހޭ އުސޫލުތައް ބަޔާންކުރުމެވެ.

މި ބިލު ޤާނޫނަކަށް ވުމުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީކުރެވޭނެ ޔުޓިލިޓީ ރެގިއުލޭޓަރީ އޮޓޯރިޓީގެ ނަމުގައި ސަރުކަރުން އިދާރާއެއް އުފެއްދަންޖެހެއެވެ. އަދި އެ އިދާރާގައި ފަސް މެންބަރުން ހިމެނޭގޮތަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ފަސް މެންބަރުން ޢައްޔަންކުރަންޖެހެއެވެ. މި ޤާނޫނުގެ ދަށުން ދޫކުރާ ޞައްޙަ ލައިސަންސެއް ނުވަތަ ވަގުތީ ހުއްދައެއް ލިބިގެން މެނުވީ ޢާންމު ބޭނުންތަކުގެ ޚިދުމަތްތަކެއް ނުދެވޭނެއެވެ.

މި ޤާނޫނުގެ ދަށުން އުފައްދާ އޮތޯރިޓީގެ ޒިންމާތަކުގެ ތެރޭގައި ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ފޯރުކޮށްދޭ ޢާންމު ޚިދުމަތްތަކަކީ އެކަށީގެންވާ ހެޔޮ އަގެއްގައި، އިތުބާރު ހިފޭގޮތަށް އަދި ދެމެހެއްޓެނެވި ގޮތެއްގެމަތިން، ފޯރުކޮށްދެވޭ ޚިދުމަތެއްކަމުގައި ހަދަންޖެހެއެވެ. އަދި އެ ޚިދުމަތްތަކަކީ ރައްޔިތުންގެ ބޭނުންތައް ފުއްދައިދެވޭ އަދި ކާމިޔާބުކަމާއެކު ރަނގަޅު ފެންވަރުގައި ދެވޭ ޚިދުމަތްތަކަކަށް ހެދުމަކީވެސް އެ އޮތޯރިޓިގެ ޒިންމާތަކުގެ ތެރެއިން އެ އޮތޯރިޓީއަށް ލާޒިމްކޮށްފައިވާ ކަންކަމެވެ.
އަދި އެ ޚިދުމްތަކުގެ އަގުތަކަކީ އިންޞާފުވެރި އަގުތަކެއްކަމުގައިވުމާއި، އެކަށީގެންނުވާ ގޮތެއްގައި ތަފާތުކުރެވިފައިވާ އަގުތަކެއްކަމުގައި ވެގެން ނުވާނެކަމަށްވެސް ބުނެފައިވެއެވެ. އަދި އޮތޯރިޓީން އަންގާ އެންގުމެއްގެ ދަށުން ނުވަތަ ލައިސަންސް ދޫކުރުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމަނައިގެން، ލައިސަންސް ލިބިފައިވާ ފަރާތުގެ އަގުތަކަށް ބަދަލުގެނެވޭނީ ވަކި ފޯމިއުލާއަކާ އެއްގޮތްވާ ގޮތުގެމަތިން ކަމުގައި ލައިސަންސް ލިބިފައިވާ ފަރާތްތަކަށް އޮތޯރިޓީން އެންގިދާނެކަމަށްވެސް ބުނެފައިވެއެވެ.

މި ބިލުގެ ފުރަތަމަ ކިޔުން ވަނީ ނިމިދިޔަ ދައުރުގައި މަޖިލީހުގެ ތަޅުމަށް އިއްވާފައެވެ. މި ބިލު ޤާނޫނަކަށްވުމުން ރާއްޖޭގައި ޢާންމު ޚިދުމަތުގެ ގޮތުގައި ދެމުން އަންނަ ހުރިހާ ޚިދުމަތެއް ފޯރުކޮށްދޭ ކުންފުނިތަކުން ޚިދުމަތް ދެމުންދާނީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮޓޯރިޓީން އަންގާ ގޮތުގެ މަތިންނެވެ.