ޚަބަރު

ޝަރީއަތް ނިމެންދެން އަމީން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފި


ހަނގުރާމަވެރި ޖަމާއަތްތަކުގައި ބައިވެރިވުމަށް ދިވެހިން ރެކްރޫޓުކޮށް، ހަނގުރާމަތަކަށް މީހުން ފޮނުވަމުގައި އިސްކޮށް ހަރަކާތްތެރިވާކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މުޙައްމަދު އަމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމަތަކަށް ދިވެހިން ފޮނުވާ ހަނގުރާމަވެރި ޖަމާއަތްތަކުގެ މީހުން ރެކްރޫޓް ކުރުމުގައި ހަރަކާތްތެރިވާކަމުގެ ތުހުމަތުގައި އަމީން ހައްޔަރުކޮށްފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހުގެ ރޭ މ. ވޯލްނަޓްގެ އިންނެވެ. އޭގެ ފަހުން ބަންދުގެ މުއްދަތު އެކި ފަހަރު އިތުރުކުރަމުން ގޮސްފައިވާއިރު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުގެ ގާޒީ މުޙައްމަދު ޝަކީލް އަމުރު ކުރެއްވީ ބަންދާމެދު ގޮތެއް ނިންމަން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލާއި އަމީންގެ ފަރާތުން ދެއްކެވި ވާހަކަތަކަށް ރިއާޔަތްކުރުމަށްފަހުއެވެ.

އަމީންގެ މައްޗަށް ތުހުމަތު ކުރެވޭ ދެ ކުށުގެ ދައުވާ މިހާރު ކްރިމިނަލް ކޯޓަށް ވަނީ ފޮނުވާފައެވެ. އެހެންވެ ދައުލަތުގެ ވަކީލް އެދުނީ ތުހްމަތު ކުރެވޭ ކުށަކީ ޖިނާއީ ބޮޑު ކުށަކަަށްވާތީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓާދިނުމަށެވެ. އެހެން ނަމަވެސް އަމީންގެ ދިފާއީ ވަކީލް ވަނީ އަމީންގެ މައްޗަށް ތުހުމަތުކުރެވޭ ކުށަކީ އޭނާގެ މައްޗަށް ސާބިތުވެފައިވާ ކުށެއް ކަމަށް ދޭހަވާ ގޮތައް ބައެއް ނޫސްތަކުގައި ލިޔެފައިވާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ކުށެއް ކުރިކަން ޝަރުއީ ކޯޓަކުން ކަނޑަނާޅާހިނދު އެމީހަކީ ކުށެއް ނުކުރާ މީހެއް ކަމަށް ބެލުމުގެ ޙައްޤު ކޮންމެ މީހަކަށްވެސް ލިބިގެންވީނަމަވެސް އަމީން އަކީ ޓެރަރިސްޓެއްކަމަށް ސިފަވާގޮތަށް ނޫސްތަކުގައި ލިޔުމުގެ ސަބަބުން އޭގެ އަސަރު އާއިލާއަށް ކުރަމުންދާ ކަމަށްވެސް އަމީންގެ ވަކީލް ވަނީ ބުނެފައެވެ.

އެ ވާހަކަތަކާ ގުޅިގެން ގާޒީ ވެސް ވަނީ ހަބަރުފަތުރާއިރު މީހެއްގެ އަބުރު ނުގެއްލޭނެ ގޮތަށް ޒިންމާދާރު ކަމާއެކު ޚަބަރު ފެތުރުމަށް ނަސޭހަތްތެރިވެފައެވެ.

މުޙައްމަދު އަމީނަކީ ރާއްޖެއިން ބޭރުގައި ހިންގާ ޓެރަރިސްޓް ޖަމާޢަތްތަކަށާއި، ހަނގުރާމަވެރި ޖަމާޢަތްތަކުގައި ބައިވެރިވުމަށް ރާއްޖެއިން މީހުން ރެކްރޫޓްކޮށް، ހަނގުރާމައަށް މީހުން ފޮނުވުމުގައި ގިނަ ދުވަސްވަންދެން ފުޅާ ދާއިރާއެއްގައި ޢަމަލީގޮތުން ބައިވެރިވެ، އެކަމަށް ހިތްވަރުދޭ މީހެއް ކަމަށް ފުލުހުން ވަނީ ތުހުމަތު ކޮށްފައެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަމީންގެ މައްޗަށް ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވާފައިވަނީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާއެވެ. އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ.

މިއީ ޓެރަރިޒަމްގެ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހުތަކާއެކު ޓެރަރިޒަމްގެ ދައުވާއެއް މިޤާނޫނުގެ ދަށުން މީހެއްގެ މައްޗަށް ކުރެވޭ ފުރަތަމަ ފަހަރެވެ.