ޚަބަރު

އައްޑޫ ޓަރޝަރީ ހޮސްޕިޓަލްގެ ޚިދުމަތް ފެށުން ފަސްކޮށްފި


"އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް"ގެ ޚިދުމަތް ފެށުން ފަސްކޮށްފައިވާކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑައިރެކްޓަރ ހައްވާ ވަޖްދާ ޕީއެސްއެމް ނިއުސްއަށް ވިދާޅުވީ ޚިދުމަތް ފެށުން ފަސްކޮށްފައިވަނީ ޚިދުމަތަށް ބޭނުންވާ ބައެއް ތައްޔާރީތައް ނުނިމޭތީކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލް ހާމަކޮށްފައެއް ނުވެއެވެ.

ކުރިން ހޮސްޕިޓަލްގެ ޚިދުމަތް ފެށުމަށް ހަމަޖެހިފައި އޮތީ މިއަދުއެވެ. ނަމަވެސް ޚިދުމަތް ފެށުން ފަސްކޮށް، ޚިދުމަތް ފަށާ ތާރީޚް ފަހުން އިޢުލާންކުރާނެކަމަށްވަނީ ބުނެފައެވެ. އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަކީ 100 އެނދުގެ ޖާގައިގެ ހޮސްޕިޓަލެކެވެ. މީގެތެރޭގައި ޕްރައިވެޓް 6 ކޮޓަރިވެސް ހިމެނެއެވެ.

ހޮސްޕިޓަލް ހުޅުވާއިރު ފުރަތަމަ ފަށަނީ އާއްމު ބަލިތަކުގެ ޚިދުމަތްތައް ނަމަވެސް، ސްޕެޝަލިސްޓް ބައެއް ޑޮކްޓަރުންގެ ޚިދުމަތްވެސް ލިބޭނެކަމަށް ހޮސްޕިޓަލްގެ މެނޭޖްމަންޓުން ބުނެއެވެ.
ހޮސްޕިޓަލްގެ ޚިދުމަތް ފަށާއިރު 25 ސްޕެޝަލިސްޓް ޑޮކްޓަރުންނާއި 11 މެޑިކަލް އޮފިސަރުން ޚިދުމަތްދޭނެއެވެ. އަދި 73 ނަރުހުން މަސައްކަތްކުރާނެއެވެ.

އައްޑޫ ޓަރޝަރީ ހޮސްޕިޓަލްގެ ޚިދުމަތް ފެށުމަށް ވަމުން އަންނަ ތައްޔާރީތައް ބައްލާވާލެއްވުމަށް ނައީބް ރައީސް ފައިސަލް ނަސީމާއި ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވަނީ ވޭތުވެދިޔަ ހަފްތާގައި އެ ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި މުޢައްޒަފުންނާއި ބައްދަލުކުރައްވާފައެވެ.

"އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް"އަކީ މާލެއިން ބޭރުގައި ތަރައްޤީކޮށް ޚިދުމަތްފަށާ ފުރަތަމަ ޓަރޝަރީ ހޮސްޕިޓަލެވެ.