ސަރުކާރުގެ އޮފީސްތަކުގެ ބަޖެޓް އަންނަ އަހަރު ދޫކުރުމަށް ހަމަޖެހިފައިވަނީ ބަޖެޓް ޑިސްބަރސްމަންޓް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން، މަހުން މަހަށްކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ފިނޭންސް މިނިސްޓްރީން ވިދާޅުވީ ދައުލަތުގެ އޮފީސްތަކުގެ ބަޖެޓް އަންނަ އަހަރު ދޫކުރެވޭނީ އެ އޮފީހެއްގެ ކޭޝްފްލޯ ޕްލޭން ފިނޭންސް މިނިސްޓްރީއަށް ލިބިގެންކަމަށެވެ. އަދި އަންނަ އަހަރު އޮފީސްތަކުގެ ބަޖެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބަޖެޓް ޑިސްބަރސްމަންޓް ޕްލޭނާއި އެއްގޮތްވާ ގޮތުގެ މަތިން މަހުން މަހަށްކަމަށްވެސް ފިނޭންސްއިން މަޢުލޫމާތުދެއްވައެވެ.
ފިނޭންސް މިނިސްޓްރީން ވިދާޅުވީ ޤާނޫނުގައި ބަޔާންކުރާ ކޭޝްފްލޯ ޕްލޭން ތައްޔާރުކުރުމަށާއި ދައުލަތަށް ލިބޭ ފައިސާއިން ދައުލަތުން ކުރަންޖެހޭ ހޭދަތައް ހަމަޖެއްސުމަށްޓަކައި ދައުލަތުގެ އެންމެހާ އޮފީސްތަކުން، އެ އޮފީހަކަށް ލިބޭނެކަމަށް އަންދާޒާކުރާ އާމްދަނީއާއި ހިނގާނެކަމަށް ލަފާކުރާ ޙަރަދުގެ ތަފްސީލް ކޮންމެ މަހެއް ވަކިން އެނގޭނެހެން ތައްޔާރުކުރަން ޖެހޭނެކަމަށެވެ.
ފިނޭންސް މިނިސްޓްރީން ވިދާޅުވީ ކޭޝްފްލޯ ޕްލޭން ތައްޔާރުކުރާއިރު ޚަރަދާއި ލަފާކުރާ އާމްދަނީ ހިމަނަންވާނެކަމަށާއި، އަދި ކޭޝްފްލޯ ޕްލޭން ތައްޔާރުކުރާނީ ކޮންމެ ޕްރޮގްރާމަކަށް އަދި ކޮންމެ ޕްރޮޖެކްޓަކަށް ވަކިންކަމަށެވެ.
ފިނޭންސް މިނިސްޓްރީން ވިދާޅުވީ ކޭޝްފްލޯ ޕްލޭން ތައްޔާރުކުރަންޖެހޭނީ ލިބިފައިވާ ބަޖެޓު ތަންފީޒުކުރަން ބޭނުންވާ ގޮތުގެ އަހަރީ ވޯކް ޕްލޭނެއް ތައްޔާރުކޮށް، އެ އޮފީހަކަށް ފާސްކުރައްވާފައިވާ ބަޖެޓުގެ ޖުމްލަ ޚަރަދަށްވުރެ އިތުރު ނުވާނެ ގޮތުގެ މަތިންކަމަށެވެ. މި ގޮތުން އޮފީސްތަކުގެ އަހަރީ ވޯކް ޕްލޭން ތައްޔާރުކުރާއިރު، އަހަރުގެ ވަކި މަހަކަށް ބުރަ ބޮޑުނުވާނެ ގޮތަށް ސަމާލުކަންދޭންޖެހޭނެކަމަށް ފިނޭންސްއިން ވިދާޅުވެއެވެ.
ފިނޭންސް މިނިސްޓްރީން ވިދާޅުވީ ކޭޝްފްލޯ ތައްޔާރުކުރާއިރު އަންނަ އަހަރު އަލަށް ފެށުމަށް ފާސްކޮށްފައިވާ މަޝްރޫއުތައް ކުރިޔަށް ގެންދާނެގޮތުގެ ޕްލޭނެއް ތައްޔާރުކުރުމަށްފަހު، އެ ޕްލޭނާއި އެއްގޮތްވާ ގޮތުގެ މަތިން ޕޭމަންޓް ޝެޑިއުލް ތައްޔާރުކޮށް، ޕޭމަންޓް ޝެޑިއުލާއި އެއްގޮތްވާގޮތުގެ މަތިން ކެޝްފްލޯ ޕްލޭންގައި ހިމަނަންވާނެކަމަށެވެ. މިގޮތުން ޕީ.އެސް.އައި.ޕީގައި ހިމެނޭ ކޮންމެ މަޝްރޫއެއްގެ ޕޭމަންޓް ޝެޑިއުލާއި އެއްގޮތްވާ ގޮތުގެ މަތިން، އެ މަޝްރޫއެއްގެ ޚަރަދުތައް ކޭޝްފްލޯ ޕްލޭންގައި ހިމަނަންވާނެކަމަށްވެސް ފިނޭންސް މިނިސްޓްރީން ސަރުކާރުގެ އޮފީސްތަކަށް ފޮނުވާފައިވާ ސަރކިއުލާގައިވެއެވެ.
ފިނޭންސް މިނިސްޓްރީން ވިދާޅުވީ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ ދަށުން އޮފީސްތަކުން ތައްޔާރުކުރަންޖެހޭ ބަޖެޓްގެ ކޭޝް ފްލޯ ޕްލޭން ތައްޔާރުކުރުމާއި، މި ކޭޝް ފްލޯ ޕްލޭނަށް ބިނާކޮށް ތައްޔާރުކުރާ ބަޖެޓް ޑިސްބަރސްމަންޓް ޖަދުވަލުތައް ތައްޔާރުކޮށް މިމަހުގެ ނިޔަލަށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހޭކަމަށެވެ. އެހެންކަމުން ދައުލަތުގެ ހުރިހާ އޮފީސްތަކުން އަހަރީ ކޭޝްފްލޯ ޕްލޭން ތައްޔާރުކުރުމަށްފަހު މިމަހުގެ 23 ވަނަ ދުވަހުގެ ކުރިން ފިނޭންސް މިނިސްޓްރީއަށް ހުށަހަޅަންޖެހޭނެކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.