ޚަބަރު

ބްރިޖްގެ ޑިޒައިން ފައިނަލް ކުރުމުގެ މަޝްވަރާތައް ފަށައިފި


މާލެއާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖްގެ ޑިޒައިން ފައިނަލް ކުރުމުގެ މަޝްވަރާތައް ފަށައިފިއެވެ.ހައުސިން މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ، ބްރިޖްގެ ޑިޒައިން ފައިނަލް ކުރުމާއި، ބްރިޖްއާ ގުޅޭ އެހެނިހެން ނިންމުންތައް ނިންމުމަށް، ޗައިނާ ސަރުކާރުގެ އިސް ވަފްދެއް މިހާރު ރާއްޖެއައިސް، އިކޮނޮމިކް ކައުންސިލާއި ސަރުކާރާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ.މިނިސްޓަރ ވިދާޅުވީ، ބްރިޖްއާ ގުޅޭގޮތުން މިހާރު ކުރިއަށްދާ މަޝްވަރާތައް ނިމި، ބުރާސްފަތި ދުވަހު ފުރިހަމަ ނަތީޖާ އަކާ ހަމައަށް ދާއިރު، ބްރިޖް އެޅުމަށް ދިވެހި ސަރުކާރާއި، ޗައިނާ ސަރުކާރުގެ ދައުރާއި، ބްރިޖަށް ހިގާނެ ޚަރަދުތަކާއި، ބްރިޖްގައި ހިމެނޭ ލޭންތައްވެސް ފައިނަލް  ކުރެވިގެންދާނެ ކަމަށެވެ.މި އަހަރުގެ އޮކްޓޯބަރު މަސް ނިމެންވާއިރަށް ބްރިޖްގެ ސައިޓް މޮބިލައިޒޭޝަން މަސައްކަތް ފެށުމަށްވަނީ ހަމަޖެހިފައެވެ.ބްރިޖްގެ ސާވޭގެ މަސައްކަތް ކުރަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައެވެ. އެ މަސައްކަތަށް 3 ނުވަތަ 4 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް ބްރިޖް ހެދުމުގެ މަސައްކަތް ކުރަނީ ޗައިނާގެ އެގްޒިމް ބޭންކުގެ ސޮފްޓް ލޯނެއްގެ ދަށުންނެވެ. ސަރުކާރުން ވަނީ، 2017 ގައި ބްރިޖްގެ މަސައްކަތްނިމި ހުޅުވާނެ ކަމަށް ވިދާޅުވެފައެވެ.