ވިޔަފާރި

އިމްޕޯޓް އަދި އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ ދަށްވެއްޖެ


މިއަހަރުގެ ނޮވެމްބަރުމަހު އިމްޕޯޓް އަދި އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ ދަށްވެއްޖެއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ނޮވެމްބަރުމަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިދިޔައަހަރުގެ ނޮވެމްބަރުމަހާ އަޅާބަލާއިރު މިއަހަރުގެ ނޮވެމްބަރުމަހު ދައުލަތަށް ލިބުނު އާމްދަނީ ވަނީ ދަށްވެފައެވެ. އެގޮތުން މިއަހަރުގެ ނޮވެމްބަރުމަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނީ 265 މިލިއަން ރުފިޔާއެވެ. އަދި މިއީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހު ލިބުނު 268 މިލިއަން ރުފިޔާއަށްވުރެ މަދު އަދަދެކެވެ.

އިމްޕޯޓް އަދި އެކްސްޕޯޓް ދަށްވިނަމަވެސް ނޮވެމްބަރުމަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި،އެފް އަގު 2018 ވަނަ އަހަރުގެ ނޮވެމްބަރ މަހާ އަޅާބަލާއިރު 4 އިންސައްތަ ވަނީ އިތުރުވެފައެވެ. 2018 ވަނަ އަހަރުގެ ނޮވެމްބަރުމަހު ދިވެހިރާއްޖެއަށް 4.2 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ ނޮވެމްބަރ މަހު މި ޢަދަދުވަނީ 4.3 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

ރާއްޖެއަށް އެންމެ ގިނައިން އިމްޕޯޓްކޮށްފައިވާ މުދަލުގެ ތެރޭގައި ހިމެނެނީ މެޝިނަރީއާއި، މެކޭނިކަލް އަދި ކަރަންޓުގެ ސާމާނެވެ. އެއީ ރާއްޖެއަށް އިންޕޯޓްކުރި މުދަލުގެ 17 އިންސައްތަ ނުވަތަ 710 މިލިއަން ރުފިޔާގެ މުދަލެވެ. ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓްކޮށްފައިވާ ޤައުމުތަކަށް ބަލާއިރު 819 މިލިއަން ރުފިޔާގެ މުދާ ޔޫއޭއީއިން އިންޕޯޓްކޮށްފައިވާއިރު، 616 މިލިއަން ރުފިޔާގެ މުދާ އިންޕޯޓްކޮށްފައި ވަނީ ޗައިނާއިންނެވެ. 510 މިލިއަން ރުފިޔާގެ މުދާ އިންޑިއާއިން އެކްސްޕޯޓްކޮށްފައިވާއިރު، 4 ވަނަ އަށް އެންމެ ގިނައިން މުދާ އިންޕޯޓްކޮށްފައި ވަނީ ޕްރާންސްއިންނެވެ. އެއީ ޖުމްލަ 370 މިލިއަން ރުފިޔާގެ މުދަލެވެ. ޕްރާންސްއަށްފަހު ދެން އެންމެ ގިނައިން ރާއްޖެއަށް މުދާ އިންޕޯޓްކޮށްފައިވަނީ ސިންގަޕޫރުންނެވެ. އެއީ 327 މިލިއަން ރުފިޔާގެ މުދަލެވެ.

ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައި ވަނީ ތައިލެންޑަށެވެ. އެކްސްޕޯޓްކުރި މުދަލުގެ 51 އިންސައްތަ ތައިލެންޑަށް އެކްސްޕޯޓްކޮށްފައިވާއިރު މިއީ 114 މިލިއަން ރުފިޔާގެ މުދަލެވެ. ފްރާންސްއަށް 24 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާއިރު، ޖަރުމަނުވިލާތާއި، އެމެރިކާއަށް 14 މިލިއަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓްކޮށްފައެވެ. އަދި ޔޫކޭއަށް 11 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކައެވެ.

ރާއްޖެއިން އެކްސްޕޯޓްކުރި މުދަލުގެ ތެރޭގައި ހިމެނެނީ އެކި ބާވަތްތަކުގެ ތާޒާ އަދި ފިނިކުރި މަހުގެ ބާވަތްތަކެވެ.