ޚަބަރު

މުއިއްޒުގެ މައްސަލަ ފުލުހުން ބަލަން ފަށައިފި


ނޫމަޑި މައްސަލައިގައި ކުރީގެ މިނިސްޓަރ ޑރ.މުޙައްމަދު މުއިއްޒު އަމަލުކުރެއްވި ގޮތާ ގުޅިގެން ފުލުހުން ޖިނާއީ ތަހުގީގެއް ހިންގުމުގެ ކުރިން ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރަން ފަށައިފިއެވެ.

ކުރީގެ ހައުސިންގ މިނިސްޓަރގެ މައްސަލަ ފުލުހުން ބަލަން ފަށާފައި މިވަނީ އަތޮޅުތެރޭގައި ހައުސިންގ ޔުނިޓްތަކެއް އަޅަން ހަވާލުކުރި ނޫމަޑި ކުންފުންޏަށް ދައުލަތުން ބަދަލުދޭން ޖެހުނު މައްސަލައެއްގައި އޭނާ ޢަމަލުކުރައްވާފައިވާ ގޮތުން، އެކަން ތަހްޤީޤްކުރުމަށް މަޖިލީހުން ފުލުހުންނަށް ހުށަހެޅުމުންނެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ މުޢިއްޒުއާ ގުޅޭގޮތުން އެއިދާރާއަށް ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށެވެ.

އާބިޓްރޭޝަން މަރުހަލާގައި އެހާބޮޑު ބަދަލެއް ދައުލަތުން ދައްކަން ޖެހިފައިވަނީ އެ ޕްރޮޖެކްޓް ކުރިއަށް ގެންދިޔަ ހައުސިން މިނިސްޓްރީގެ އޭރުގެ ވަޒީރު މުހައްމަދު މުއިއްޒު ދައުލަތާ ދެކޮޅަށް އާބިޓްރޭޝަނަށް ބަޔާން ދެއްވުމުންކަމަށް އެޓާނީ ޖެނެރަލް ވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވިދާޅުވެފައެވެ.

މާލިއްޔަތު ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ނޫމަޑިއަށް ދައުލަތުން ބަދަލު ދޭން ޖެހުނީ އެނޫން އެއްވެސް ގޮތެއް ނެތުމުންކަމަށެވެ. އަދި މިމައްސަލައަކީ އާބިޓްރޭޝަންގައިވެސް އޮތް މައްސަލައަކަށްވުމުން މިމައްސަލަ ބައިނަލް އަޤްވާމީ ކޯޓްތަކުގައި ބަލާނަމަ މިއަށްވުރެ ބޮޑު އަދަދަކުން ފައިސާ ދައްކަންޖެހުމަކީވެސް އެކަށީގެންވާކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން މިފައިސާ ނުދައްކައިފިނަމަ ދައުލަތަށް އިތުރު ގެއްލުންތަކެއް ވެދާނެކަމަށްބަލައި މިފައިސާ ދިނުމަކީ މިކަމަށް އޮތް ހައްލުކަމަށް މިނިސްޓަރ އަމީރު ވަނީ ވިދާޅުވެފައެވެ.

ނޫމަޑިއާއެކު ސަރުކާރުން ވެފައިވާ އެއްބަސްވުން ބާތިލުކުރުމުން އެކުންފުނިން ވަނީ ސިންގަޕޫރުގެ އާބިޓްރޭޝަނާއި ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް މައްސަލަ ހުށަހަޅާފައެވެ. އޭގެފަހުން ސަރުކާރުން ވަނީ ނޫމަޑިއާއެކު ސެޓްލްމަންޓު އެގްރީމަންޓެއްގައި ސޮއިކޮށް، ބަދަލެއްގެ ގޮތުގައި 55 މިލިއަން ޑޮލަރު އެކުންފުންޏަށް ދޭން އެއްބަސްވެފައެވެ.