ތިމާވެށި

މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުދި ޤައުމުތަކަށް މާލީ އެހީތެރިކަން ބޭނުންވޭ - އެންވަޔަރަންމަންޓް މިނިސްޓަރ


މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކުން ކުދި ޖަރީޒާ ޤައުމުތަށް އަރައިގަތުމުގައި މާލީ އެހީތެރިކަން މިހާރަށްވުރެ ބޮޑަށް ބޭނުންވާކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

އެންވަޔަރަމަންޓް މިނިސްޓަރ މިހެން ވިދާޅުވީ އދ އިން ސްޕެއިންގައި މިހާރު ބާއްވަމުންގެންދާ ކޮޕް 25 ސަމިޓުގެ ހަވާސާގެ ތެރެއިން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް، ސިޑްސްގައި ހިމެނޭ ޤައުމުތަކުގެ މެދުގައި ކުރިއަށްދިޔަ މަތީފަންތީގެ މަޝްވަރާ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި، މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ހިއްސާކުރައްވާފައިވާއިރު، އެކަމުގައި ހުރި ގޮންޖެހުންތަކުގެ މައްޗަށްވެސް ވަނީ އަލިއަޅުއްވާލައްވާފައި. އެގޮތުން މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކުން ކުދި ޖަޒީރާ ޤައުމުތަށް އަރައިގަތުމުގައި އެންމެ ބޮޑަށް ބޭނުން ވަނީ މާލީ އެހީތެރިކަން ހަމަހަމަ އުޞޫލަކުން ލިބިގެންދިއުންކަން މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

މޫސުމަށް އަންނަ ބަދަލުތަކާއިބެހޭ އދ.ގެ އަހަރީ ބައްދަލުވުން، ކޮޕް 25 ގައި އެންވަޔަރަމަންޓް މިނިސްޓަރ ވަނީ ތަޤްރީރުކުރައްވާފައެވެ.

މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ، ޕެރިސް އެގްރީމަންޓް މާނަ ހުރި އަދި ޢަމަލީގޮތެއްގައި ތަންފީޒުކުރެވޭ އެއްބަސްވުމަކަށް ހެދުމަށްޓަކައި އިތުރު މާލީ ބޭނުންވާ ކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ އެކްޝަން ޕްލޭން ނުވަތަ އެން.ޑީ.ސީ.ގެ އަމާޒުތައް ހާސިލުކޮށް އަދި އަމާޒުތައް އިތުރު ކުރުމަށްވެސް މާލީ އެހީތެރިކަން ބޭނުންވާ ކަމަށާއި، މިފަދަ އެހީތައް ނުލިބި އަމާޒުތައް ކަނޑައެޅުމަކީ އެއްވެސް މާނައެއް ނެތް ކަމެއްކަމަށްވެސް މިނިސްޓަރ ވިދާޅުވެފައެވެ.