ޚަބަރު

ޏ.އަތޮޅު ހޮސްޕިޓަލުގައި ޑަޔަލަސިސްގެ ޚިދުމަތް ފަށައިފި


ޏ.އަތޮޅު ހޮސްޕިޓަލުގައި ޑަޔަލަސިސްގެ ޚިދުމަތް ފަށައިފިއެވެ.

މި ޚިދުމަތް ފައްޓަވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.

ޑަޔަލަސިސްއަކީ ކިޑްނީ މައްސަލައާއި ގުޅިގެން ގައިގައި އިތުރުވާ ފެނާއި، ޓޮކްސިކްގެ ބާވަތްތައް މެޝިނެއްގެ އެހީގައި ހަށިގަނޑުން ބެރުކުރުމަށް ދޭ ފަރުވާއެކެވެ.

ޏ.އަތޮޅު ހޮސްޕިޓަލްގައި މުޅިން އަލަށް ދޭންފެށި މި ޚިދުމަތް ފައްޓަވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ. އެމަނިކުފާނު ވަނީ ޑައިލަސިސް ޔުނިޓް ބައްލަވާލައްވާ، ޔުނިޓްގެ މުއައްޒަފުންނާއި ވަނީ ބައްދަލު ކުރައްވާފައެވެ.

އެރަސްމިއްޔާތުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ސަރުކާރުން މަސައްކަތް ކުރައްވަމުން ދަނީ ރައްޔިތުންގެ ޚިޔާލު ހޯދައި އެބަޔަކަށް އެންމެ ބޭނުން ޚިދުމަތްތައް ދެނެގަނެ ޚިދުމަތް ފޯރުކޮށް ދެއްވުމަށް ކަމަށެވެ. އަދި ޚިދުމަތްތައް ދިނުމުގައި ރަށުގެ ކުޑަބޮޑުމިނަށް ނުބައްލަވާނެކަމަށް ވިދާޅުވިއެވެ.

"ސިއްޙީ ނިޒާމު ކުރިއެރުވުމަށް އަންނަ އަހަރަށް ގިނަ މަސައްކަތްތައް އެބަހުރި. މިދާއިރާއިން 4 ބިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ކަނޑައަޅާފައި. އަމާޒަކީ އެހެން ތަންތަނަށްދާން ނުޖެހި ރަށުގައި ހުރެގެން ޚިދުމަތް ލިބޭނެގޮތް ހެދުން." ނައިބު ވިދާޅުވިއެވެ.

ޔުނިޓް ހުޅުއްވުމަށް ބޭއްވި ރަސްމިއްޔަތުގައި ހެލްތް މިނިސްޓްރިގެ ސްޓޭޓް މިނިސްޓަރ ޑރ.ޝާހް މާހިރު ވިދާޅުވީ އެންމެ މުހިންމުކަމެއްދެނީ ހަމަހަމަކަމާއިއެކު ރަނގަޅު ފެންވަރެއްގައި ލުއިފަސޭހަކޮށް ޚިދުމަތެއް ދިނުމަށް ކަމަށެވެ. ޑރ.ޝާހް ވަނީ ރާއްޖޭގައި ކިޑްނީ ބަލި ހުރި މިންވަރާއިގުޅޭ މަޢުލޫމާތު އެކަށީގެންވާ މިންވަރަށް ރައްކާކުރެވިފައި ނެތްކަން ފާހަގަކޮށް އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ރާއްޖޭގެ އަތޮޅުތަކުގެ 7 ރަށެއްގައި 60 މީހުންނަށް މިހާރުވެސް ޑައިލަސިސް ހެދޭނެ އިންތިޒާމް ހަމަޖައްސާފައި ވެއެވެ.

ފުވައްމުލައް ސިޓީގައި ހެދި ޑައިލަސިސް ޔުނިޓްގައި ޑައިލަސިސް ހެދުމަށް ބޭނުންކުރާ 3 މެޝިން ބަހައްޓާފައި ވާއިރު، އެއްފަހަރާ 3 މީހުންނަށް ފަރުވާ ދެވޭނެ އެވެ.

މިހާތަނަށް މި ޚިދުމަތަށް އެދި 3 މީހުން އެ ހޮސްޕިޓަލްގައި ރެޖިސްޓްރީކޮށްފައި ވާކަމަށް ހޮސްޕިޓަލުން ބުނެއެވެ.

ހޮސްޕިޓަލްގެ މެނޭޖަރ ހެލްތް ސަރވިސަސް އަޙްމަދު ސައީދު ވިދާޅުވީ ޚިދުމަތް ދިނުމަށްޓަކު ފުވައްމުލައް ހޮސްޕިޓަލްގެ 3 ނަރުހުންނަށް ވަނީ އައިޖިއެމް ހޮސްޕިޓަލުން ތަމްރީނު ދީފައި ކަމަށެވެ.

"ރަށުގައި މި ޚިދުމަތް ލިބެން ނެތުމާއި ގުޅިގެން ރަށުގެ ގިނަ މީހުން ފަރުވާ ހޮދުމަށްދަނީ އައްޑުއާއި މާލެއަށް. އެހެން ނަމަވެސް މި ފަރުވާ އަމިއްލަ ރަށުން ލިބެން ފެށުމާއިއެކު ލުއިފަސެހާވެ، މާލީ ލުއިފަސެހަވެސް ލިބޭނެ." އަހްމަދު ސައީދު ވިދާޅުވިއެވެ.

ފުވައްމުލައް ހޮސްޕިޓަލަކީ ކޮންމެ ދުވަހަކުވެސް އެވަރެޖްކޮށް 150މިހުންނަށް ޚިދުމަތްދޭ ހޮސްޕިޓަލެކެވެ.

ޑައިލަސިސް ޔުނިޓްގެ އިތުރުން ޑެންޓަލް ޔުނިޓަކާއި، ފިޒިއޮތެރަޕީ ޔުނިޓެއްވެސް އެ ހޮސްޕިޓަލްގައި މިހާރު ހުރެއެވެ.