ވިޔަފާރި

ފެންފުށި ކައުންސިލުން ފަތުރުވެރިކަމަށް ބިން ދޫކުރުމަށް ކުރިއަށްގެންދިޔަ ބީލަން ބާތިލްކޮށްފި


އދ. ފެންފުށި ތުނޑީ ސަރަޙައްދުން ފަތުރުވެރިކަން ތަރައްޤީކުރުމަށް 4 ބިމެއް ކުއްޔަށް ދޫކުރުމަށްޓަކައި ފެންފުށީ ކައުންސިލުން ކުރިއަށް ގެންދިޔަ ބީލަން ބާޠިލްކުރުމަށް ޓުއަރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވީ ފެންފުށި ކައުންސިލުން ކުރިއަށްގެންދިޔަ ބީލަން ބާތިލުކުރުމަށް ނިންމީ، ބީލަން ހުށަހެޅުމަށް ކުރި އިޢުލާނުގައި ފާހަގަވެފައިވާ މައްސަލަތަކަކާ ގުޅިގެންކަމަށެވެ. އެގޮތުން ފެންފުށި ކައުންސިލުން އެކަމަށްޓަކައި ކުރި އިޢުލާނުގައިވާ ކަންތައްތަކަށް ރިޢާޔަތްކޮށް ބީލަން ހުށަހަޅަންޖެހޭ ގޮތް ސާފުނުވުމާއި، އިޢުލާނުގެ ދަށުން ހުޅުވާލެވޭ ބިން ބިމުގައި ތަރައްޤީކުރެވޭނީ ވަކިވަކި ގެސްޓްހައުސްތަކެއްކަން ބީލަން ފޮތުން ސާފުނުވުން ހިމެނޭކަމަށް ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ. އެހެންކަމުން ބީލަން ކާމިޔާބު ކުރިފަރާތާއެކީ މިހާތަނަށް އެގްރީމަންޓްގައި ސޮއިކުރެވިފައި ނުވާތީ އެ ބީލަން ބާޠިލުކުރުމަށް ނިންމާފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.

ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވީ އދ. ފެންފުށީ ކައުންސިލާއި ގުޅިގެން ބިންތައް އަލުން ބީލަމަށް ހުޅުވާލުމަށް ކުރަންޖެހޭ ކަންތައްތައް މިހާރު ކުރަމުންދާކަމަށެވެ.

އދ. ފެންފުށި ތުނޑީ ސަރަޙައްދުން ފަތުރުވެރިކަން ތަރައްޤީކުރުމަށް 4 ބިމެއް ކުއްޔަށް ދޫކުރުމަށްޓަކައި ފެންފުށީ ކައުންސިލުން ބީލަމަށް ހުޅުވާލީ މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ ތެރޭގައެވެ.