ޚަބަރު

ލިޔުންތެރިކަމުގެ ދުވަސް ފާހަގަ ކުރުމަށް ހަރަކާތްތަކެއް ހިންގަނީ


ލިޔުންތެރިކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދިވެހި ބަހުގެ އެކަޑަމީގެ ފަރާތުން ދުވަހާއި ގުޅުވައިގެން ގިނަ ހަރަކާތްތަކެއް ރާއްވަމުންދާކަމަށް ދިވެހި ބަހުގެ އެކަޑަމީގެ ރައީސް ވިދާޅުވެއްޖެއެވެ.ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވީ ލިޔުންތެރިކަމުގެ ދުވަސް ފާހަގަ ކުރުމުގެގޮތުން މާދަމާރޭގައި ހާއްސަ ޖަލްސާއެއް ބޭވުމަށް ހަމަޖެހިފައުވާކަމަށާއި މި ޖަލްސާގައި ލިޔުން ތެރިން ލިޔެފައިވާ ފޮތްތައް ނެރުމަށް ހަމަޖެހިފައިވާކަމަށެވެ.މީގެ އިތުރުން ދިވެހި ބަހުގެ ސަގާފަތުގެ ދާއިރާއިން އާދަޔާހިލާފް ހިދުމަތްތަކެއް ކުރައްވާފައިވާ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ހާއްސަ އިނާމެއް ދިނުމަށްޓަކައި މަޝްވަރާކުރަމުންދާކަމަށް ވެސް އަޝްރަފް އަލީ ވިދާޅުވިއެވެ. އަދި "މަދުރަސީ ފޮތް މައުރަޒު"ގެ ނަމުގައި ސްކޫލް ކުދިންނަށް ދިވެހި ބަހުން ލިޔެފައިވާ ލިޔުންތައް ދައްކާލުމުގެ ގޮތުން ދާރުލް އާސާރާއި ގުޅިގެން މަސައްކަތް ކުރަމުންދާކަމަށްވެސް އަޝްރަފް ވިދާޅުވިއެވެ.މީގެ އިތުރުން ހުރިހާ ލިޔުންތެރިން އެބޭފުޅުންގެ ޒިންމާ ވަފާތެރިކަމާއެކު އަދާކޮށް އަންނަން އޮތް ޖީލުތަކަށް ވާސިލް ކޮށްދިނުމަށް އަޝްރަފް އަލީ އެދިވަޑައިގެންނެވިއެވެ.މި ދުވަހުގެ ޝިޔާރަކީ "ލިޔުންތެރިންގެ ބާރު މިނިވަންކަމުގެ އާރު" މި ޝިޔާރެވެ.