ޚަބަރު

ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި


ކުރިއަށްއޮތް ދެތިން ދުވަހު ރާއްޖޭގެ މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފާއި ފުލުހުން އިލްތިމާސްކޮށްފިއެވެ. އެމްއެންޑީއެފާއި ފުލުހުން ވަނީ ކަނޑު ދަތުރުފަތުރު ކުރާއިރު މޫސުމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށާއި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް އިލްތިމާސްކޮށްފައެވެ.

އެމައެންޑީއެފާއި ފުލުހުން މިކަމަށް އިލްތިމާސްކޮށްފައިވާއިރު ރެއާއި މިއަދު ކަނޑުމަތީގެ ހާދިސާތަކެއްވެސް ވަނީ ހިނގާފައެވެ. އެގޮތުން މިއަދު ހެނދުނު 10:30 ހާއިރު އެނބޫދޫ ފިނޮޅު ކައިރީގައި އޮންނަ އަޑިމަގު ފަޅުތެރޭގައި މަސްވެރިކަން ކުރަން އުޅުނު ދޯންޏެއް ދިޔަވެ އޭގެން ދަތުރުކުރި ދެ މީހަކު އަނިޔާވެފައިވެއެވެ. ފުލުހުން ބުނީ އެ ދެ މިހުންނަށް އައިޖީއެމްއެޗުގައި ފަރުވާދީފައިވާކަމަށާ، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށެވެ. އެ ދޯނީގައި ތިބީ ދިވެހި ފިރިހެނެކާއި ބަންގްލަދޭޝްގެ 3 ފިރިހެނުން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެ ދޯނީގައި ތިބި 2 މީހުންނާއި ފުލުހުން ގުޅިގެން އެ ދޯނި މީހާރު އެނބޫދޫ ފިނޮޅުގެ ކައިރީގައި ހިއްކަން ފަށާފައިވާ ސަރަޙައްދަށް ގެންގޮސްފައިވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

މީގެ އިތުރުން ރޭ ފަތިހު 4:20 ހާއިރު ކ.ގާފަރުގެ ހުޅަނގު ފަރާތު ކަނޑިންމައާ ދިމާލު ކަނޑުމަތިން ދެ ދޯނި ޖެހި އެކްސިޑެންޓެއްވެސް ހިނގާފައިވެއވެެ. މި އެކްސިޑެންޓުގައި މީހަކަށް އަނިޔާވެފައެއް ނުވެއެވެ. ނަމަވެސް މި އެކްސިޑެންޓުގައި ދެ ދޯންޏައްވެސް އެކިވަރުގެ ގެއްލުން ވަނީ ލިބިފައެވެ.