ޚަބަރު

ކުއްޔަށްދޫކުރާ ތަނަކުން 2 މަހަށްވުރެ އިތުރަށް ޑިޕޮސިޓް ނުނެގޭ ގޮތަށް ޤާނޫނެއް ހަދަނީ


ދިރިއުޅެން ކުއްޔަށްދޫކުރާ ތަނަކުން ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި އެންމެ ގިނަވެގެން ނެގޭނީ ދެ މަހުގެ ކުލިކަމަށް ބަޔާންކޮށް، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށައަޅައިފިއެވެ.

ސަރުކާރުން ހުށަހަޅާފައިވާ ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށް ދޫކުރުމާއި ބެހޭ ބިލުގައިވާ މީހުން ދިރިއުޅެން ތަންތަން ކުއްޔަށް ދޫކުރެވޭނެ އުސޫލުތަކާއި އެޑްވާންސްއަށް ފައިސާ ނެގޭނެ އުސޫލުތައް ބަޔާންކޮށްފައިވެއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ "ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށް ދޫކުރުމާއި ބެހޭ" ބިލުގައި ބުނެފައިވަނީ ދިރިއުޅުމަށްޓަކައި ރާއްޖޭގެ އެއްވެސްތަނަކުން ކުއްޔަށް ދޫކުރާ ތަނެއްގެ ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި ދެ މަހުގެ ކުލީގެ ފައިސާއަށްވުރެ އިތުރަށް ފައިސާ ނުނެގޭނެކަމަށެވެ. އަދި ސެކިއުރިޓީ ޑިޕޮޒިޓް ފައިސާގެ ގޮތުގައި ނަގާ ފައިސާ ޖަމާކުރަންވާނީ މި ޤާނޫނުގެ ދަށުން އެކުލަވާލާ ޓެނެންސީ ބޯޑުން ކަނޑައަޅާ އެކައުންޓަކަށް ކަމަށްވެސް ބިލުގައިވެއެވެ.

ޓެނެންސީ ބޯޑަކީ މި ޤާނޫނުގެ ދަށުން އެކުލަވާލާ 3 މީހުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ. ބޯޑަށް މެންބަރުން ޢައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

ބިލުގައިވާ ގޮތުން އެއްވެސް ސަބަބަކާހުރެ ކުލީގެ އެއްބަސްވުން ނިމުމަކަށް ގެނެވިއްޖެނަމަ ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ޓެނެންސީ ބޯޑާ ޙަވާލުކޮށްފައިވާ ފައިސާ، ކުއްޔަށްދޭ ފަރާތާއި ކުއްޔަށްހިފާ ފަރާތުން ހުށަހަޅާ ކަންކަމަށް ބެލުމަށްފަހު އެ ހުށަހެޅުން ހުށަހަޅާތާ ގިނަވެގެން 15 ދުވަހުގެ ތެރޭގައި ފައިސާ ދޫކުރަންޖެހެއެވެ. މީގެއިތުރުން ކުއްޔަށް ދިނުމުގެ އެއްބަސްވުމެއްގެ ދަށުން ކުއްޔަށް ދިނުމުގެ ޖުމްލަ މުއްދަތަށް އެކުގައި ކުލި ނަގާ ޙާލަތް ފިޔަވައި، އިތުރު ޙާލަތެއްގައި އެޑްވާންސް ފައިސާގެ ގޮތުގައި އެއްވެސް ފައިސާއެއް ނުނެގޭނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

މިބިލުގައި މީހުން ދިރިއުޅުމަށްޓަކައި ތަނެއް ކުއްޔަށް ދެވޭނެ އެންމެ ކުރު މުއްދަތެއްކަމަށް ކަނޑައަޅާފައިވަނީ 6 މަސްދުވަހެވެ. އަދި އެންމެ ދިގު މުއްދަތަކަށް ކުއްޔަށް ދިނުމަށް އެއްބަސްވުމެއް އެކުލަވާލެވޭނީ 10 އަހަރަށްކަމަށާއި، އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކުލީގެ ޢަދަދަށް އެއްބަސްވުމުގެ މުއްދަތުގައި ބަދަލެއް ނުގެނެވޭނެކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް، ކުއްޔަށްދިނުމުގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، އާ އެއްބަސްވުމެއްގެ ދަށުން އެތަން އަލުން ކުއްޔަށްދިނުމަށް ޤާނޫނުން ހުރަހެއް ނާޅައެވެ. އަދި ކުއްޔަށްދޭ ފަރާތަށް ކުއްޔަށް ހިފާ ފަރާތުން ކުލި ދައްކަމުންދާގޮތް އެއްބަސްވުމުގެ މުއްދަތު ނިމެންދެން ކުއްޔަށްހިފާ ފަރާތުންނާއި ކުއްޔަށް ދޭ ފަރާތުން ލިޔުމުން ބަލަހައްޓަން ވާނެކަމަށްވެސް ބުނެފައިވެއެވެ.

މި ބިލު ޤާނޫނަކަށްވުމުން ރާއްޖޭގެ އެއްވެސް ސަރަޙައްދެއްގައި އެއްވެސް ތަނެއް 6 މަސްދުވަހަށްވުރެ ދިގު މުއްދަތަކަށް ދިރިއުޅުމަށްޓަކައި ކުއްޔަށް ދޭނަމަ ދެފަރާތުން އެކުލަވާލާ އެއްބަސްވުން ނުވަތަ އެގްރީމަންޓް ރަޖިސްޓްރީކުރުމަށްވެސް ލާޒިމްކުރެއެވެ. އެގޮތުން ކުއްޔަށް ދިނުމުގެ އެއްބަސްވުން ރަޖިސްޓަރީ ކުރަންޖެހޭނީ ސިޓީއެއްގައިނަމަ ސިޓީ ކައުންސިލްގައެވެ. އަދި ރަށެއްގައިނަމަ އެރަށެއްގެ ރަށު ކައުންސިލް އިދާރާގައިކަމަށްވެސް ބުނެފައިވެއެވެ. އަދި އެ އެއްބަސްވުން ހުށަހަޅާތާ ގިނަވެގެން 7 ދުވަހުގެ ތެރޭގައި އެ އެއްބަސްވުން ރަޖިސްޓަރީކޮށްދޭން ސިޓީ ކައުންސިލަށާއި ރަށު ކައުންސިލަށް ލާޒިމްކުރެއެވެ.