ޚަބަރު

ރާއްޖެއާއި އިންޑިއާގެ ޖޮއިންޓް ކޮމިޝަންގެ ބައްދަލުވުމަކަށް މިނިސްޓަރ ޝާހިދު އިންޑިއާއަށް


ރާއްޖެއާއި އިންޑިއާގެ ޖޮއިންޓް ކޮމިޝަންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު އިންޑިއާއަށް ވަޑައިގެންފިއެވެ.

ފޮރިން މިނިސްޓަރ އިންޑިއާއަށް މިއަދު ވަޑައިގަތުމުން އިންދިރާ ގާނދީ އިންޓަރނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ އިންޑިއާގެ ފޮރިން ސެކްރެޓަރީ އަމިތު ނަރަންގއެވެ.

ރާއްޖެ-އިންޑިއާ ޖޮއިންޓް ކޮމިޝަންގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުއެވެ. މި ބައްދަލުވުމުގައި ދެޤައުމުގެ މަންފާއަށް ރާވާފައިވާ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވާކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖެ-އިންޑިއާ ޖޮއިންޓް ކޮމިޝަން އުފައްދާފައިވަނީ 1986 ވަނަ އަހަރުއެވެ. ރާއްޖެ-އިންޑިއާ ޖޮއިންޓް ކޮމިޝަނަކީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް ދެޤައުމަށްވެސް އިޤްތިޞާދީ ރޮނގުންނާއި އެހެނިހެން ދާއިރާތަކުންވެސް ފައިދާކުރާނެ ގޮތްތައް ދެނެގަނެ އެކަންކަމާ ގުޅޭގޮތުން މަތީ ފަންތީގައި މަޝްވަރާކުރުމަށް އެކުލަވާލާފައިވާ ކޮމިޝަނެކެވެ.

އެންމެފަހުން މިކޮމިޝަންގެ ބައްދަލުވުމެއް ބާއްވާފައިވަނީ 2015 ވަނަ އަހަރު މާލޭގައެވެ.

ރާއްޖެ - އިންޑިއާގެ ޖޮއިންޓް ކޮމިޝަންގެ ބައްދަލުވުމަށް ފޮރިން މިނިސްޓަރ އިންޑިއާއަށް ވަޑައިގެންފައިވާއިރު މިއީ އެމަނިކުފާނު އިންޑިއާއަށް ކުރައްވާ ރަސްމީ ދެވަނަ ދަތުރުފުޅެވެ.