ވިޔަފާރި

މަސްވެރިންނަށް ޚާއްސަކޮށްގެން ދެ އެޕްލިކޭޝަނެއް ތަޢާރަފްކޮށްފި


މަސްވެރިންނަށް ޚާއްސަކޮށްގެން ދެ އެޕްލިކޭޝަނެއް ތަޢާރަފްކޮށްފިއެވެ.

މި ދެ އެޕްލިކޭޝަން ތަޢާރަފްކޮށްފައި ވަނީ 39 ވަނަ މަސްވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ޚާއްސަ ޖަލްސާގެ ތެރެއިންނެވެ.

އަލަށް ތަޢާރަފްކޮށްފައިވާ މި ދެ އެޕްލިކޭޝަނަކީ ޑިއުޓީއާއި ނުލައި ތެޔޮ ގަތުމަށް މަގުފަހިކޮށްދޭ "ފަހި ހަކަތަ" އެޕްލިކޭޝަނަކާއި މަސްވެރިކަމުގެ އެކި މަޢުލޫމާތު ފޯރުކޮށްދޭ އެޕްލިކޭޝަނެއްކަމަށްވާ " ކެޔޮޅު" އެޕްލިކޭޝަނެވެ.

ފަހި ހަކަތަ އެޕްލިކޭޝަންގައި ރާއްޖޭގައި މަސްވެރިކަމުގެ ލައިސެންސް އޮތް ހުރިހާ އުޅަނދަކަށް ވެސް ރަޖިސްޓްރީވެ ޑިއުޓީއާއި ނުލައި ތެޔޮ ގަނެވޭނެއެވެ. މިއީ ސަރުކާރުން ތެލުގެ ޑިއުޓީއަށް ދީފައިވާ އިނާޔަތް ތަންފީޒުކޮށް މަސްވެރިން މަހަށް ފުރުމަށް ކުރާ ހޭދަކުޑަކުރުމުގެ ގޮތުން ތަޢާރަފްކޮށްފައިވާ އެޕްލިކޭޝަނެކެވެ.

މި އެޕްލިކޭޝަން މެދުވެރިކޮށް ޑީސަލް ވިއްކާ ސަޕްލައިޔަރުންނާއި މިނިސްޓްރީ އާއި އަދި މަސްވެރިންނާއި މެދު މުޢާމަލާތް ކުރެވިގެންދާނެއެވެ.

މިނިސްޓްރީން ދެން ތަޢާރަފްކޮށްފައި ވަނީ މަސްވެރިކަމުގައި އުޅުއްވާ ފަރާތްތަކަށް މަސްވެރިކަމާއި ބެހޭ އެކި މަޢުލޫމާތު ފޯރުކޮށްދޭ އެޕްލިކޭޝަނެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް އާންމުކޮށް މަސް ހުންނަށް ސަރަޙައްދުތަކާއި އެދުވަހެއްގެ މޫސުން ލަފާކުރެވޭގޮތް މަސްވެރިންނަށް އެނގިގެންދާނެއެވެ.

މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު ވިދާޅުވީ، މަސްވެރިން ބާނާ މަހުން ލިބެންޖެހޭ ހަޤިޤީ މަންފާ އަދިވެސް މަސްވެރިންނަށް ނުލިބޭކަމީ ހިތާމަކުރާކަމެއް ކަމަށެވެ.

މަސްވެރިން ބާނާ މަހަށް ހަމައަގު ހޯދައި ދިނުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވައި މިނިސްޓަރ ޒަހާ ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ރާއްޖޭގައި ބާނާ ހުރިހާ މަހެއް ރާއްޖޭގައި ޕްރޮސެސްކުރެވި ބޭރު ޤައުމުތަކަށް ވިއްކައި އޭގެއިން މަސްވެރިންނަށް ނަފާލިބުންކަމަށެވެ.

"ރާއްޖޭގައި ބާނާ މަސް ގަނޑުކޮށްގެން ރޯ މެޓީރިއަލްގެ ގޮތުގައި ބޭރުގެ ބާޒާރުތަކަށް ވިއްކުމަކީ މަހަށް ރަނގަޅު އަގުހޯދައިދޭނެ އެންމެ އެކަށޭނަ އަދި އެންމެ ފައިދާ ހުރި ގޮތެއް ނޫން. އެހެންކަމުން، ރާއްޖޭގައި ބާނާ ހުރިހާ މަހެއް ރާއްޖޭގައި ޕްރޮސެސްކޮށް އަގުއެއްކުރުމަކީ ކޮންމެހެން މުހިއްމުކަމެއް. މިކަމަށް ސަރުކާރުގެ ވިސްނުން އެބަހުރި. މަސް ގަންނަ ކުންފުނިތަކުގެ ޢަދަދު އިތުރުކުރުމާއި ރަށު ފެންވަރުގައި މަސް ޕްރޮސްސްކުރެވޭ މިންވަރު އިތުރުކުރުމަކީ އަޅުގަނޑުމެންގެ މުހިއްމު ސިޔާސަތެއް." މިނިސްޓަރ ޒަހާ ވިދާޅުވިއެވެ.

39 ވަނަ މަސްވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި މި ޖަލްސާގައި މަސްވެރިކަމުގައި ހަރަކާތްތެރިވާ ބައެއް ކުންފުނިތަކާއި ޖަމިއްޔާ ޖަމާޢަތްތަކާއި އަމިއްލަ ފަރާތްތައް އަގުވަޒަންކުރުމަށް ހަނދާނީ ލިޔުން އަރުވާފައިވެއެވެ.