ޤަވައިދާ ޚިލާދުވި ބިދޭސީއަކު ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ހޯދަމުން ދަނީ މުހައްމަދު އިޤްބާލް ހޮސައިން ނަމަކަށް ކިޔާ 37 އަހަރުގެ ބަނގްލަދޭޝްގެ ފިރިހެނެއްކަމަށެވެ. މި ފިރިހެންމީހާ ހޯދަމުން ދަނީ އިމިގްރޭޝަންގެ ޤާނޫނާއި ޚިލާފުވެގެންކަމަށް އިމިގްރޭޝަނުން ބުނެއެވެ. އެހެން ނަމަވެސް އެކަމުގެ ތަފްސީލެއް އެއޮފީހުން ހާމައެއް ނުކުރެއެވެ.
މިމީހާ އާއި ބެހޭ މަޢުލޫމާތު އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ މަޢުލޫމާތު ލަސްނުކޮށް އެމައުލޫމާތެއް ހިއްސާކޮށްދިނުމަށް އިމިގްރޭޝަނުން ވަނީ އެދިފައެވެ. އަދި މަޢުލޫމާތު ހިއްސާކުރާ ފަރާތުގެ ސިއްރު ހިފަހައްޓައިދީ ރައްކާތެރިކަން ކަށަވަރުކޮށް ދޭނެ ކަމުގެ ޔަޤީންކަން އިމިގްރޭޝަނުން ވަނީ ދީފައެވެ.
ޤަވައިދާ ޚިލާދުވެގެން ބަނގްލަދޭޝްގެ ރައްޔިތަކު ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން އާންމުންގެ އެހީތެރިކަމަށް އެދިފައިވާއިރު، އިމިގްރޭޝަނުން ދާދިފަހުން ވަނީ ދިރިއުޅެން ރައްކާތެރި ނޫންކަމަށް ބެލެވޭ ދެ ގެސްޓް ހައުސް ރެއިޑްކޮށް ބިދޭސީންތަކެއް ހައްޔަރުކޮށްފައެވެ.
އަދި އިމިގްރޭޝަނުން ވަނީ މިމަހުގެ އެއްވަނަ ދުވަހުވެސް މާލޭގައި ޤަވައިދާ ހިލާފަށް ހިންގާ ގެސްޓް ހައުސް އެއްގައި ގިނަ އަދަދެއްގެ ބިދޭސީން ގެންގުޅުނު ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފައެވެ. ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ރަޖިސްޓްރީވުމަށް 6 މަސްދުވަހުގެ ފުރުޞަތެއް ވަނީ ހުޅުވާލާފައެވެ.
މީގެ އިތުރުން ގަވައިދާއި ހިލާފަށް ބިދޭސީން ރެކްރޫޓް ކުރާކަމަށް ތުހުމަތު ކުރެވޭ އަދި ގަވައިދާއި ހިލާފަށް ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން ދިޔަ ބިދޭސީއަކުވެސް އިމިގްރޭޝަނުން އަތުލައިގަނެ ވަނީ ޑީޕޯޓްކޮށްލާފައެވެ.