މިހަފުތާގެ ތެރޭގައި ފިންލެންޑުގެ ބޮޑުވަޒީރުގެ މަޤާމާ ހަވާލުވެވަޑައިގަތް 34 އަހަރުގެ ސަންނާ މަރީންނަކީ މިވަގުތު ދުނިޔޭގައި ބޮޑުވަޒީރުކަންކުރައްވާ ބޭފުޅުންގެ ތެރެއިން އެންމެ ޒުވާން ބޮޑުވަޒީރެވެ. އޭނާއަކީ ސިޔާސީ ދާއިރާގައި ގިނަ ޢަދަދެއްގެ އަންހެނުން ޙަރަކާތްތެރިވާ ފިންލެންޑުގައި ބޮޑުވަޒީރުކަންކުރާ ތިންވަނަ އަންހެން ބޭފުޅާއެވެ. މިވަގުތު ފިންލެންޑުގައި ވެރިކަންކުރާ އިއްތިޙާދުގައި ހިމެނޭ ފަސް ސިޔާސީ ޕާޓީގެ ތެރެއިން ހަތަރު ސިޔާސީ ޕާޓީގެ މުގުލުގައި ތިއްބެވީ އަންހެން ބޭފުޅުންނެވެ.
ދުނިޔޭގައި މިވަގުތު ހުރި އެންމެ ޒުވާން ބޮޑުވަޒީރު ސަންނާ މަރީންވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސިޔާސީގޮތުން ބޮޑެތި ކާމިޔާބުތަކެއް ހޯއްދަވާފައެވެ. އެގޮތުން، 2012ވަނަ އަހަރު ސިޓީ ކައުންސިލަށް އިންތިޚާބުވެވަޑައިގެންނެވިއެވެ، އޭނާ ފިންލެންޑުގެ ޤާނޫނު ހަދާ މަޖިލިހަށް އިންތިޚާބުވެވަޑައިގަތީ 2015ވަނަ އަހަރުއެވެ. 2019ވަނަ އަހަރުގެ ޖޫން މަހު އެޤައުމުގެ ދަތުރުފަތުރާ މުވާސަލާތީ ގުޅުންތަކާ ބެހޭ ވަޒީރުގެ މަޤާމާ ހަވާލުވެވަޑައިގެންނެވިއެވެ. ލިބަރެލް ހިޔާލުގެ ސަންނާ މަރީންނަށް ފިންލެންޑުގެ ބޮޑުވަޒީރުކަން ލިބިވަޑައިގަތީ ދެވަނަ ދައުރަކަށް އެޤައުމުގެ ޤާނޫނު ހަދާ މަޖިލިހަށް އިންތިޚާބުވެވަޑައިގަތުމުންނެވެ.
ބެލެވޭ ގޮތުގައި 18 ވަޒީރުންގެ މައްޗަށް އެކުލެވޭގޮތަށް ސަންނާ މަރީން އެކުލަވާލައްވާ ސަރުކާރުގައި 12 އަންހެން ވަޒީރުން ހިމެނިވަޑައިގަންނަވާނެއެވެ.