ޚަބަރު

އިތިއޯޕިއާގެ ބޮޑުވަޒީރަށް ނޮބެލް ސުލްޙައިގެ އިނާމު އަރުވައިފި


2019ވަނަ އަހަރުގެ ނޮބެލް ސުލްޙައިގެ އިނާމު އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަޙްމަދަށް އަރުވައިފިއެވެ. އޭނާއަށް އިނާމު އަރުވާފައިވަނީ ނޯވޭގެ ވެރިރަށް އޮސްލޯގައި ބޭއްވި ޚާއްޞަ ހަފުލާއެއްގައެވެ. އުމުރުން 43 އަހަރުގެ އަބީއަކީ 1901ވަނަ އަހަރުން ފެށިގެން ދެމުންދާ ނޮބެލް ސުލްޙައިގެ އިނާމު ލިބިވަޑައިގަތް 100ވަނަ ބޭފުޅާއެވެ.

އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަޙްމަދަށް ނޮބެލް ސުލްހައިގެ އިނާމު އެރުވީ ސުލްޙަ ޤާއިމުކުރެއްވުމަށާއި ބައިނަލްއަޤްވާމީ ގުޅުންތައް ހަރުދަނާކުރެއްވުމަށް ކުރެއްވި މަސައްކަތްތަކުގެ ސަބަބުންނެވެ. އޭނާވަނީ އިތިއޯޕިއާގެ އަވަށްވެރި ޤައުމެއްކަމަށްވާ އެރިޓްރިއާއާ ދެމެދު އޮތް ޒަމާންވީ އަސްކަރީ ދެކޮޅުވެރިކަން ނިންމުމަކަށް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

މިދިޔަ އަހަރުގެ އޭޕްރިލް މަހު ވެރިކަމާ ހަވާލުވެވަޑައިގަތް އަބީ އަޙްމަދުވަނީ އިތިއޯޕިއާއަށް މުޙިއްމު އިންޤިލާބީ ބަދަލުތަކެއް ގެނެސްފައެވެ. ކުރު މުއްދަތެއްގެ ތެރޭގައި އެނާ ގެނެސްދެއްވި އިސްލާޙީ ބަދަލުތަކުގެ ނަތީޖާއެއްގެ ގޮތުން އޭނާއަށްވަނީ އަމިއްލަ ޤައުމުންނާއި ޤައުމުން ބޭރުން ބޮޑު ތާޢީދެއް ލިބިވަޑައިގެންފައެވެ.