ވިޔަފާރި

މަންޓާ އެއަރގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ލޯންޗުކޮށްފި


މަންޓާ އެއަރގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ލޯންޗުކޮށްފިއެވެ.

މަންޓާ އެއަރގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މަންޓާ އެއަރ އާއި ޔުނިސެފް ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މިއީ މަންޓާ އެއަރއިން އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިއަށްގެންދާ ފުރަތަމަ ފަހަރެވެ. މި ޕްރޮގުރާމްގައި ބައިވެރިވުމުގެ ފުރުސަތު މަންޓާއިން ވަނީ 6 ކުއްޖަކަށްދީފައެވެ. އެއީ 3 ފިރިހެން ކުދިންނާއި 3 އަންހެން ކުދިންނެވެ. މި ޕްރޮގުރާމްގެ ބައިވެރިން މަންޓާ އެއަރގައި 3 މަސްދުވަހު ތަމްރީން ހޯދާނެކަމަށް އެ ކުންފުނިން ބުނެއެވެ.

މަންޓާ އެއަރއާއި ޔުނިސެފް ގުޅިގެން ކުރިއަށްގެންދާ މި އެޕްރެންޓިސްޝިޕް ޕްރޮގުރާމަކީ އޭވިއޭޝަން ދާއިރާއަށް ޝަޢުޤުވެރިވާ ޒުވާނުންނަށް ހުޅުވިގެންދިޔަ ރަނުގެ ފުރުސަތެއްކަމަށް މަންޓާ އެއަރއިން ވިދާޅުވެއެވެ.

މަންޓާ އެއަރއަކީ ދާދިފަހުން ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ޚިދުމަތްދޭންފެށި އަމިއްލަ ކުންފުންޏެކެވެ. މި އެއަރލައިނުން މިހާރު އަންނަނީ ރާއްޖޭގެ 3 މަންޒިލަތަކަށް ޝެޑިއުލް ދަތުރުތައް ބާއްވަމުންނެވެ. އެއީ ކޫއްޑޫ ދަރަވަންދޫ އަދި ދާލު އެއާޕޯޓެވެ. މީގެ އިތުރުން އެކުންފުނިން ވަނީ ސީ ޕްލޭންގެ ޚިދުމަތްވެސް މިހާރު ދޭން ފަށާފައެވެ.