ކުޅިވަރު

މި ކާމިޔާބަކީ ކުޅުންތެރިން އެކުގައި ކުރި މަސައްކަތުގެ ނަތީޖާ: ސުޕުން


ސައުތް އޭޝިއަން ގޭމްސްގައި ޤައުމީ ބާސްކެޓްބޯޅަ ޓީމު ހޯދި ތާރީހީ ކާމިޔާބަކީ، ކުޅުންތެރިން އެއް ޓީމެއްގެ ގޮތުގައި ކުރި މަސައްކަތުގެ ނަތީޖާ ކަމަށް ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމުގެ ކޯޗު ސުޕުން ވިމާލް ބުނެފިއެވެ.

ސައުތް އޭޝިއަން ގޭމްސްގެ ތާރީޙުގައި މިހާތަނަށް ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމު ފުރަތަމަ ފަހަރަށް ހޯދި މެޑަލްއާއެކު އެ ޓީމު ވަނީ ތާރީޙުގެ ތެރެއިން ޖާގަ ހޯދާފައެވެ.

ބޫޓާން ބަލިކޮށް ހޯދި ކާމިޔާބަށް ފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމުގެ ކޯޗު ސުޕުން ވިމާލް ބުނީ، މިއީ މީގެ 6 މަސް ކުރިން ފެށި މަސައްކަތުގެ ނަތީޖާކަމަށާއި، މި ހޯދުނު ކާމިޔާބަކީ ޓީމު އެކަތިގަނޑެއްގެ ގޮތުގައި ކުރި މަސައްކަތްކަމަށެވެ.

ސުޕުން ބުނީ މި ޓީމުގައި ގިނައިން ތިބީ ޒުވާން ކުޅުންތެރިން ކަމަށާއި، ކުރިޔަށް އޮތް 10 އަހަރު ގަދައަޅައި މަސައްކަތްކޮށްފިނަމަ އިތުރު ކާމިޔާބީތައްވެސް ހޯދޭނެކަމަށެވެ.

މި ސަރަހައްދުގެ ދެވަނަ ޓީމު ކަމަށްވާ ސްރީ ލަންކާ ބަލިކުރުމަކީ ޓީމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއްކަމަށާއި، ޒުވާން ކުޅުންތެރިން ގިނަ މި ޓީމުގައި މުސްތަގްބަލެއް އެބައޮތްކަމަށް ސުޕުން ބުންޏެވެ.

"މި ހޯދުނު ބްރޯންޒް މެޑަލްއާއެކު ހިތްހަމަޖެހޭ. އަސްލު މުބާރާތައް ތައްޔާރުވާން ފެށިއިރު ޓީމެއްވެސް ނެތް. 8 ކުޅުންތެރިންނާއެކު ފުރަތަމަ ފެށީ. ދެން ޓާގެޓް ހާސިލްވެއްޖެ އެކަމު ވެސް ރާއްޖެއަށް ރިހި މެޑަލް ހޯދުނީސް." ސުޕުން ބުންޏެވެ.

ސުޕުން ބުނީ ޤައުމީ އަންހެން ބާސްކެޓް ބޯޅަ ޓީމު މިހާ ހިސާބަށް އައުމުގައި ވަރަށް ގިނަ ބައެއްގެ އެހީތެރިކަން ލިބުނު ކަމަށާއި، އެގޮތުން ޔޫތް މިނިސްޓަރ އަޙުމަދު މަހުލޫފްއާއި ބާސްކެޓްބޯޅަ އެސޯސިއޭޝަނުން ޓީމަށް ތަނަވަސްކޮށްދިން ޓްރެއިނިންގ ކޭމްޕްތައް ސުޕުން ފާހަގަކުރިއެވެ.