ދަޅުގައި މަސް ބަންދުކުރުމަށް ހުޅުމާލޭގައި ޤާއިމްކޮށްފައިވާ "އެންސިސް މަސް ފެކްޓްރީ" ރަސްމީކޮށް ހުޅުވައިފިއެވެ. މިއީ ގްރޭޓަރ މާލޭ ސަރަޙައްދުގައި މިހާތަނަށް ހުޅުވާފައިވާ އެންމެ ބޮޑު މަސް ފެކްޓްރީއެވެ.
އެންސިސް ފިޝަރީޒް ކުންފުނީގެ މި މަސް ފެކްޓްރީ ރަސްމީކޮށް ހުޅުއްވާދެއްވާފައިވަނީ ހުޅުމާލޭ އިންޑަސްޓްރިއަލް އޭރިއާގައި މިކަމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ދިވެހިރާއްޖޭގެ ރަޢީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފިޝަރީސް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު ދެއްކެވި ވާހަކަފުޅުގައި
އެންސިސް ކުންފުނީގެ ދަޅުގައި މަސް ބަންދުކުރާ ފެކްޓްރީއާއެކު މިހާރު ރާއްޖޭގައި ހުރި މަސް ކުންފުނިތަކުގެ މެދުގައި ވާދަވެރިކަން އުފެދި މަހުގެ އަގަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ވިދާޅުވި. ސަރުކާރުގެ އަމާޒަކީ މަސްވެރިކަމުގެ ސިނާޢަތުން އިތުރު އިންވެސްޓްމަންޓުތައް އުފެއްދުންކަން ފާހަގަކުރައްވާ މިނިސްޓަރ ޒަހާ ވަނީ އެންސިސް ފެކްޓްރީއާއެކު އަމިއްލަ ކުންފުނިތަކުން ވެސް މިދާއިރާގައި ވިޔަފާރިކުރުމަކީ މުހިއްމުކަމެއްކަން ފާހަގަކުރައްވާފައެވެ.
"މިސަރުކާރުގެ މަސްވެރިކަމުގެ ސިޔާސަތުތަކުގެ އެންމެ ބޮޑު އެއް އަމާޒަކީ މަސްވެރިކަމުގެ ސިނާޢަތަށް އައު އިންވެސްޓްމަންޓްތައް ހުޅުވާލުން. މިއަދު މި ހުޅުވޭ އެންސިސް ފެކްޓްރިއަކީ މި ސިލްސިލާގެ ފެށުމެއްކަމުގައި އުއްމީދުކުރަން." މިނިސްޓަރ ޒަހާ ވިދާޅުވިއެވެ.
އެންސިސް ފިޝަރީސްގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ވަސީމް ވިދާޅުވީ މިއީ ކުންފުނީގެ ތާރީޚުގައި ވެސް ކުރި އެންމެ ބޮޑު އިންވެސްޓްމަންޓްކަމަށެވެ. އޭނާ ވިދާޅުވީ މި ފެކްޓްރީއާއެކު ކުންފުނީގެ މަސައްކަތްތައް ފުރިހަމަވެ މަސްވެރިން ވިއްކާ މަހަށް ވަގުތުން ފައިސާ ލިބޭގޮތް ހަމަޖެހިގެންދާނެކަމަށެވެ.
" މިއަދު ފެކްޓްރީއެއްގެ ގޮތުގައި ތިބޭފުޅުންގެ ލޮލަށް ތި ފެންނަ މަންޒަރަކީ 17 އަހަރު ވަންދެން މި ކުންފުނިން ކުރަމުންދިޔަ މަސައްކަތުގެ ފޮނި ނަތީޖާ. މިއީ ގްރޭޓަރ މާލޭ ސަރަހައްދުގައި ހުޅުވޭ އެންމެ ބޮޑު ފެކްޓްރީ. މި ކުންފުނީގެ ވަޒީފާ އަދާކުރާ 650 އެއްހާ މުވައްޒަފުންނާއި ޤަވައިދުން މަސްކިރުވާ 300 އެއްހާ މަސްދޯންޏާއި އެކީ 5000 އާއިލާއަށް ކުންފުނީގެ މަންފާ ސީދާގޮތުގައި ލިބޭނެ." މުހައްމަދު ވަސީމް ވިދާޅުވިއެވެ.
އެންސިސް ފިޝަރީސް ކުންފުނި ވުޖޫދަށް އައީ 2002 ވަނަ އަހަރު ބޮޑު ކަންނެލި ބޭރުގެ މާކެޓްތަކަށް އެކްސްޕޯޓުކުރުމުގެ ތެރެއިންނެވެ. އެއަށްފަހު އެކުންފުނިން ވަނީ 2006 ވަނަ އަހަރު ފުރަތަމަ ފަހަރަށް މަސް ފެކްޓްރީއެއް ޤާއިމްކޮށްފައެވެ. އޭގެ ފަހުން "އެންޒީ" ގެ ނަމުގައި އަމިއްލަ މަސް ބްރޭންޑެއް ތަޢާރަފްކޮށް އެންސިސްއިން ރާއްޖެއާއި ރާއްޖެއިން ބޭރުގެ މާކެޓްތަކަށް މަސް އެކްސްޕޯޓުކުރިއެވެ.
އެއަށްފަހު ކުންފުނީގެ މަސައްކަތްތައް ފުޅާކޮށް އިތުރު ހަރުފަތަކަށް ގެނައުމަށްޓަކައި މަސް ފެކްޓްރީއެއް ތަރައްޤީކުރުމުގެ މަސައްކަތް 2015 ވަނަ އަހަރު ތައިލެންޑްގެ ކުންފުންޏަކާއި ހަވާލުކުރިއެވެ. މިއީ 15 މިލިއަން ޑޮލަރުގެ ބޮޑު އިންވެސްޓްމަންޓެކެވެ.
ކޭނިންގ ފެކްޓްރީގެ މަސައްކަތް ނިމި މިހާރު ފެކްޓްރީ ހުޅުވާފައިވާއިރު ދުވާލަކު 25 ޓަނުގެ މަސް ދަޅު އުފެއްދުމުގެ ޤާބިލްކަން މި ފެކްޓްރީގައި ހުރެއެވެ. އަދި 1000 ޓަނުގެ އައިސް ޕްލާންޓަކާއި 1200 ޓަނުގެ ފިނިކުރި މަސް ރައްކާކުރުމުގެ ޤާބިލުކަން މި ފެކްޓްރީގައި ހުރެއެވެ.
އެންސިސް މަސް ފެކްޓްރިއާއެކު 400 ވަޒީފާގެ ފުރުސަތު ހުޅުވާލިއެވެ. މީގެ ތެރެއިން 200 އެއްހާ ވަޒީފާ ދިވެހިންނަށް ލިބިފައިވާކަމަށް އެންސިސްއިން ބުނެއެވެ.
އެންސިސްގެ މަސް ބަންދުކުރާ ފެކްޓްރީއާއެކު ރާއްޖޭގައި މަސް ދަޅު ބަންދުކުރާ ފެކްޓްރީގެ ޢަދަދު ތިނަކަށް އެރީއެވެ. މަސް ދަޅު ބަންދުކުރުމުގެ މަސައްކަތުގައި އެންސިސްގެ އިތުރުން ހަރަކާތްތެރިވަނީ ސަރުކާރުގެ މަސް ކުންފުނި މިފްކޯ އާއި ހޮރައިޒަން ފިޝަރީސް އެވެ.