ޚަބަރު

ހުކުމް ތަންފީޒުކޮށް ނިމުމުން އިނާޔަތް ލިބޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހު ތަސްދީޤު ކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތައް ހުކުމް ތަންފީޒުކޮށް ނިމުމުން ދޭންޖެހޭ ގޮތަށް ޤާނޫނަށް ގެނައި އިޞްލާޙު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރެއްވި މި އިސްލާހަކީ މިދިޔަ ޑިސެންބަރު މަހުގެ 2 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 73 ވަނަ ޖަލްސާއިން ފާސްކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި ޢިނާޔަތްތަކާއި ބެހޭ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލެވެ.

މިބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރެއްވުމާ ގުޅިގެން، މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި އެ ޤާނޫނު ޝާއިޢު ކުރައްވާފައެވެ. މި ބިލަށް ގެނެސްފައިވާ އިޞްލާޙު ތަކުގެ ތެރޭގައި، އެ ޤާނޫނުގެ 10 ވަނަ މާއްދާގައި ބުނެފައިވާ ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަގާމުގައި ހުރި އިރު ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވާ ހިސާބުން ފެށިގެން އެ ގާނޫނުގެ ދަށުން ލިބިދޭ އެއްވެސް ރައްކާތެރިކަމަކާއި އިނާޔަތެއް ނުލިބޭނެކަމަށް ބަޔާންކޮށްފައި އޮތް އޮތުން ވަނީ އުވާލާފައެވެ.

މިގޮތުން އެމާއްދާ އިސްލާޙުކޮށް، ބަޔާންކޮށްފައި ވަނީ ރައީސްކަން ކޮށްފައިވާ ފަރާތެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ އިއްވާ ހުކުމެއް ތަންފީޒުކޮށް ނިމުމުން، ދައުލަތުން ދޭ އިނާޔަތާއި ރައްކާތެރިކަން އިޔާދަކުރަން ޖެހޭނެ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާބެހޭ ބިލް ތަސްދީގު ކުރައްވާފައިވާއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، އެމަނިކުފާނު މިހާރު ގެންދަވަނީ 5 އަހަރުގެ ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

މީގެ އިތުރުން މިގާނޫނަށް ގެނެސްފައިވާ އިސްލާހުތަކުގެ ތެރޭގައި ރައީސްކަން ކުރެއްވި ބޭފުޅަކު ދައުލަތުގެ މަޤާމެއް އަދާކުރައްވާނަމަ، ކުރީގެ ރައީސުންނަށް ދޭ އިނާޔަތާއި، މަގާމުގެ މުސާރައާއި ޢިނާޔަތްތަކުގެ ތެރެއިން ކޮންމެވެސް އެއް ޢިނާޔަތެއް އިޚްތިޔާރު ކުރާގޮތަށް ވަނީ އިސްލާހު ގެނެސްފައެވެ. ކުރީގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ދައުލަތުގެ މަގާމެއް ފުރުއްވަމުންދާ ހަމައެކަނި ބޭފުޅަކީ މިހާރުގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

ރައީސް ނަޝީދު ވަނީ އެމަނިކުފާނު މަޖިލީހަށް އިންތިޚާބުވެ ވަޑައިގެންނެވުމަށްފަހު މަޖިލީހުގެ ރިޔާސަތާ ޙަވާލުވެ ވަޑައިގެން ވާހަކަފުޅުދައްކަވަމުން ކުރީގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ހަތްދިހަ ފަސް ހާސް ރުފިޔާއާއި އެކޮމޮޑޭޝަން އިނާޔަތުގެ ދިހަ ހާސް ރުފިޔާ ނުނަންގަވާނެކަމަށް ވިދާޅުވެ އެއިނާޔާތްތައް ދޫކޮށްލައްވާފައެވެ.