ވިޔަފާރި

މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ގާލާ މިމަހުގެ 19ގައި


މަޓާޓޯ މޯލްޑިވްސް ޓްރެވެލް އެވޯޑްސްގެ ގާލާ މިމަހުގެ 19 ވަނަ ދުވަހުގެރޭ ބޭއްވުމަށް ހަމަޖައްސައިފިއެވެ.

މިއަހަރުގެ މަޓާޓޯ މޯލްޑިވްސް ޓްރެވެލް އެވޯޑްސް އޮންނާނީ ކްރޮސްރޯޑް މޯލްޑިވްސްގައެވެ. މިއަހަރުގެ އެވޯޑް ހަފްލާގައި ދާއިރާގެ 200 އަށްވުރެ ގިނަ ފަރާތުން ބައިވެރިވާނެކަމަށް މަޓާޓޯއިން ބުނެއެވެ. މިއަހަރުގެ އެވޯޑް ހަފްލާގައި 28 ދާއިރާއަކުން އެވޯޑް ދޭނެއެވެ. މި 28 ދާއިރާއަކުން 236 ފަރާތެއް ވަނީ ނޮމިނޭޓްވެފައެވެ.

ގެސްޓްހައުސް އެޑިޝަންގައި 13 ދާއިރާއަކުން އެވޯޑްދޭއިރު 196 ފަރާތެއް ވަނީ މި އެވޯޑަށް ނޮމިނޭޓްވެފައެވެ. މި އެވޯޑް ލިބޭ ފަރާތްތައް ކަނޑައަޅަނީ ޖަޖުންގެ މާކްސްއާއި އެސްއެމްއެސްއިން ލިބޭ ޕޮއިންޓަށް ބަލައިގެންނެވެ.

މިއަހަރުގެ ނޮމިނޭޝަންއަށް އެއް ލައްކައަށްވުރެ ގިނަ އެސްއެމްއެސް ލިބިފައިވާކަމަށް މަޓާޓޯއިން ބުނެއެވެ.

މޯލްޑިވްސް ޓްރެވެލް އެވޯޑްސްއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ކުންފުނިތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން 2012 ވަނަ އަހަރުން ފެށިގެން މަޓާޓޯއިން ދެމުން އަންނަ އެވޯޑެކެވެ.

މޯލްޑިވްސް ޓްރެވެލް އެވޯޑްސްގެ މިއަހަރުގެ އެޑިޝަން އިފްތިތާހުކޮށްފައިވަނީ މޭމަހުގެ ތެރޭގައެވެ. މިއީ މަޓާޓޯއިން މޯލްޑިވްސް ޓްރެވެލް އެވޯޑްސް ބާއްވާ 8 ވަނަ އަހަރެވެ.