ޚަބަރު

ޒުވާނުންނަށް ދިރިއުޅުމުގެ ހުނަރު ދަސްކޮށްދޭ ކޭމްޕެއް ހިންގަނީ


ޒުވާނުންނަށް އާއްމުދިރިއުޅުމުގެ ހުނަރުތަކާއި، ސަވައިވަލް ސްކިލްސް ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ކުރިއަށްގެންދިއުމަށް ޔޫތް މިނިސްޓްރީއިން ނިންމައިފިއެވެ.

މި ޕްރޮގްރާމަކީ ކުއްލި ޙާލަތެއް ދިމާވެއްޖެނަަމަ، ލިބެންހުރި ވަސީލަތްތަކާއި ހުނަރު ބޭނުންކޮށްގެން އެހީ ހޯދުމަށް މަސައްކަތްކުރަން ދަސްކޮށްދޭ ޕްރޮގްރާމެކެވެ. 2 ހަފްތާއަށް ކުރިއަށްގެންދާ މި ކޭމްޕް ބޭއްވުމަށް ހަމަޖެހިފައި ވަނީ ދ.ވާނީ ގައެވެ.

ޕްރޮގްރާމްގައި ޒުވާނުންނަށް ބޭނުންވާ ތަމްރީންތައް ދޭނީ ޔޫތު މިނިސްޓްރީ އާއި ފުލުހުން ގުޅިގެންނެވެ. ޒުވާނުންގެ ކިބައިގައި ހުނަރާއި ރީތި އާދަތައް އަށަގެންނެވުމަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި އެންމެން ގުޅިގެން އެކުގައި މަސައްކަތް ކުރާނެ ގޮތާއި، އަމާޒަށް ވާސިލުވުމަށް މަސައްކަތް ކުރުމާއި، އިޙްތިރާމް ހޯދާ ލިބިގަތުމާއި، ދީނީ ކަންކަމާއި، އަދި މުހިންމު ހުނަރުތައް ދަސްކޮށްދޭނެއެވެ.

ޔޫތް މިނިސްޓްރީއިން ބުނެފައި ވަނީ މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު 100 ޒުވާނުންނަށް ދޭނެކަމަށެވެ. މި ޕްރޮގްރާމަކީ 18އަހަރާއި 25އަހަރާއި ދެމެދުގެ ޒުވާނުންނަށް ޢަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެއް ނަމަވެސް، ބެލެނިވެރިންގެ ހުއްދައާއިއެކު 16އަހަރާއި 18އަހަރާއި ދެމެދުގެ ކުދިންނަށްވެސް ބައިވެރިވެވޭނެކަމަށް ޔޫތް މިނިސްޓްރީން ވަނީ ބުނެފައެވެ. ކޭމްޕުގައި ދެ ޖިންސުގެ މީހުންނަށްވެސް ބައިވެރިވެވޭނެއެވެ.

ޔޫތު މިނިސްޓްރީއިން ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފޯމް ލިބެން ހުންނާނީ ޔޫތް ސެންޓަރުތަކުންނާއި، ޔޫތް މިނިސްޓްރީގެ ވެބްސައިޓުންނެވެ.

ފޯމް ހުށައެޅުމުގެ އެންމެ ފަހު ތާރީޚަކީ މިމަހުގެ 24ވަނަ ދުވަހެވެ. މީގެތެރެއިން ފުރުސަތު ދެވޭނީ ޝޯޓް ލިސްޓްކުރާ ތަރުތީބުންނެވެ.