ޚަބަރު

ޕެސްޓިސައިޑް ކޮންޓްރޯލްކުރުމާބެހޭ ބިލް ރައީސް ތަސްދީޤް ކުރައްވައިފި


ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ކޮންޓްރޯލްކުރުމާބެހޭ ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލީޙް މިއަދު ތަޞްދީޤު ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވި މިބިލަކީ މިދިޔަ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލެކެވެ. މި ބިލް އެދުވަހުގެ ޖަލްސާގައި ފާސްކޮށްފައިވަނީ 72 މެންބަރުން ވޯޓުންނެވެ.

މި ޤާނޫނަކީ ޕެސްޓިސައިޑުގެ ގޮތުގައި ބޭނުންކުރާ ބާވަތްތައް ދަނޑުވެރިކަމުގައި ބޭނުންކުރުމާއި، ދިވެހިރާއްޖޭގައި ޕެސްޓިސައިޑް އުފެއްދުމާއި ދިވެހިރާއްޖެއަށް ޕެސްޓިސައިޑް އިމްޕޯޓުކުރުމާއި އެކްސްޕޯޓުކުރުމާއި ވިއްކުމާއި ބޭނުންކުރުމާއި ނައްތާލުމާބެހޭ އުޞޫލުތައް ކަނޑައަޅާފައިވާ ޤާނޫނެވެ. އަދި މިއީ ޕެސްޓިސައިޑް ބޭނުންކުރުމުގައި ޢާންމު ސިއްޙަތާއި، ތިމާވެއްޓަށް ގެއްލުން ލިބޭގޮތަށް ކުރާ ޢަމަލުތައް ބަލައި ފިޔަވަޅުއެޅުމާއި، ޕެސްޓިސައިޑާގުޅޭ ސިޔާސަތުތަކާއި، އުޞޫލުތައް ބަޔާންކުރުމަށްޓަކައި އެކުލަވާލަންޖެހޭ ޤާނޫނީ އޮނިގަނޑު އެކުލަވާލުމުގެ ބޭނުމުގައި އެކުލަވާލާފައިވާ ޤާނޫނެކެވެ.

މި ޤާނޫނުގެ ދަށުން ޕެސްޓިސައިޑާބެހޭ ކަންތައްތައް އެންމެރަނގަޅު ފެންވަރެއްގައި ބެލެހެއްޓުމަށްޓަކައި ޒިންމާވާނެ ޕެސްޓިސައިޑާބެހޭ ޔުނިޓެއް، އެގްރިކަލްޗަރ މިނިސްޓްރީގައި ޤާއިމުކުރަން ޖެހެއެވެ. އަދި ޕެސްޓިސައިޑުގެ ސަބަބުން ދިމާވެދާނެ ނުރައްކަލަކުން ރައްކާތެރިކުރުމުގެ ގޮތުން އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް ކަނޑައަޅައި ތަންފީޛުކުރުމާއި، ޕެސްޓިސައިޑް ތަޙްލީލު ކުރުމަށްޓަކައި ރަސްމީ ލެބޯރޓަރީތައްވެސް މިޤާނޫނުގެ ދަށުން ޤާއިމްކުރެވިގެންދާނެއެވެ.

މި ޤާނޫނާއި ޚިލާފަށް ޢަމަލުކުރާ ފަރާތްތަކާ މެދު އަޅާނެ ފިޔަވަޅުތައްވެސް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން ބައެއް ކުށްތަކުގެ އަދަބެއްގެ ގޮތުން 5000 ރުފިޔާއާއިި 100،000 ރުފިޔާއާ ދެމެދުގެ ޢަދަދުން ޖޫރިމަނާކުރުންވެސް ހިމެނެއެވެ.