ޚަބަރު

"ތިމާވެށީގެ މައްސަލަތަކަށް ގުދުރަތީ ވަސީލަތްތަކުގެ އެހީ ހޯދަންޖެހޭ"


  • "ވިލުންތެރި ބިނާރު" ޕްރޮގްރާމް ކުރިއަށްދާނީ މާލެ، އައްޑޫ ސިޓީ، އަދި ކުޅުދުއްފުށި ސިޓީގައި

  • ކާރިސާތަކުން ކުރިމަތިވެދާނެ ނުރައްކާތަކަށް ނިޒާމީ ގޮތެއްގައި ރިޢާޔަތްކުރާނެ

ރަށްގިރުމުން ސަލާމަތްވުމަށާއި ގޮނޑުދޮށްތައް ހިމާޔަތްކުރުމުގައި ގުދުރަތީ ވަސީލަތްތަކުގެ އެހީގައި ހައްލު ހޯދުމުގެ ސިޔާސަތުތަކަށް އިސްކަންދޭންޖެހޭކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ނާޒިމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

ސްޓޭޓް މިނިސްޓަރ މިފަދައިން ވިދާޅުވީ ޤައުމީ ތަމްރީނު ޕްރޮގްރާމް "ވިލުންތެރި ބިނާރު" އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެއެވެ.

ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ނާޒިމް މުޙައްމަދު ވިދާޅުވީ، ބާރުވެރި މުޖުތަމައަކަށް ވުމަށްޓަކައި، އެންމެންގެ ބައިވެރިވުން ހިމެނޭ އަދި ތިމާވެއްޓާ ރައްޓެހި ނިޒާމަކަށް ވާންޖެހޭކަމަށެވެ. ދައުލަތުގެ އާންމު ވަސީލަތްތަކާއި ބިނާވެށި ތަރައްގީކުރަންވާނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުޖުތަމައުގައި ޝާމިލުކުރުމުގެ ގައުމީ އެކްޝަން ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން، ހުރިހާ ފަރާތްތަކަށްވެސް ފަސޭހައިން ބޭނުންކުރެވޭނެ ފަދަ މަގުތައް ފަހިވެފައިވާ ގޮތަކަށްކަމަށް ނާޒިމް ވިދާޅުވިއެވެ

މީގެއިތުރުން ރަށްގިރުމުން ސަލާމަތްވުމަށާއި ގޮނޑުދޮށްތައް ހިމާޔަތްކުރުމުގައި ގުދުރަތީ ވަސީލަތްތަކުގެ އެހީގައި ހައްލު ހޯދުމުގެ ސިޔާސަތުތަކަށް އިސްކަންދޭންޖެހޭކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ނާޒިމް މުޙައްމަދު ވިދާޅުވިއެވެ.

މި ޕްރޮގްރާމަކީ އިންފްރާސްޓްރަކްޗަރ ފޯ ރެސިލިއަންޓް އައިލެންޑް ސްޓޭޓްސް، އައިއާރްއައިއެސް ޕްރޮގްރާމްގެ ދަށުން، ކޯލިޝަން ފޯ ޑިޒާސްޓަރ ރެސިލިއަންޓް އިންފްރާސްޓްރަކްޗަރސް އިންފްރާސްޓްރަކްޗަރ ރެސިލިއަންސް އެކްސެލެރޭޓަރ ފަންޑު، ސީޑީއާރްއައި - އައިއާރްއޭއެފްގެ މާލީ އެހީތެރިކަމާއެކު ހިންގާ ޕްރޮގްރާމެކެވެ.

އައި.އާރް.އައި.އެސް އަކީ ސްމޯލް އައިލެންޑް ޑިވަލޮޕިންގ ސްޓޭޓް (ސިޑްސް) ގައި ވިލުންތެރި އަދި ހުރިހާ ފަރާތްތަކެއް ޝާމިލުވާ ބިނާވެށީގެ ނިޒާމުތަކެއް ގާއިމުކޮށް، ދެމެހެއްޓެނިވި ތަރައްގީ ހާސިލުކުރުމަށް އެހީތެރިވުމަށް ސީޑީއާރްއައިއިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. "ވިލުންތެރި ބިނާރު" ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ އުމްރާނީ ތަރައްޤީގެ ކަންކަން ރާވައި ހިންގުމުގައި، މޫސުމީ ބަދަލުތަކާއި ކާރިސާތަކުން ކުރިމަތިވެދާނެ ނުރައްކާތަކަށް ނިޒާމީ ގޮތެއްގައި ރިޢާޔަތްކުރުމަށްޓަކައި، ކައުންސިލްތަކުގެ ފަންނީ ޤާބިލުކަން އިތުރުކޮށް ހަރުދަނާކުރުމެވެ. މިއީ ދިވެހިރާއްޖޭގެ ރަށްތަކަކީ ރައްކާތެރި، ދެމެހެއްޓެނިވި، އަދި ވިލުންތެރި މުޖުތަމައުތަކަކަށް ހެދުމަށް ބާރުއެޅުމުގެ ގޮތުން ކުރިއަށްގެންދާ މަސައްކަތެކެވެ.

އެ ވުޒާރާއިން ވިދާޅުވީ މި ތަމްރީނު ޕްރޮގްރާމަކީ ވަރަށް މުހިންމު ދަނޑިވަޅެއްގައި ފެށުނު ޕްރޮގްރާމްއެއްކަމަށެވެ. ސަބަބަކީ މިދުވަސްވަރަކީ މުޅި ރާއްޖޭގެ ކައުންސިލްތަކުން ކުރިއަށް އޮތް ފަސް އަހަރުގެ ރަށު ތަރައްގީގެ ޕްލޭންތައް އެކުލަވައިލުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅަކަށް ވުމާއެކު ލޯކަލް އޮތޯރިޓީތަކަށް ބޭނުންވާ އަމަލީ ވަސީލަތްތަކާއި، އުސޫލުތަކާއި، އަދި ހިރާސްތަކަށް ރިއާޔަތްކޮށް ޕްލޭންކުރުމުގެ މައުލޫމާތު މި ޕްރޮގްރާމްގެ ދަށުން ފޯރުކޮށްދިނުމުން، ރަށު ފެންވަރުގައި ނިންމާ ތަރައްގީގެ އިސްކަންދޭ ކަންކަމާއި ބިނާވެށީގެ އިންވެސްޓްމަންޓްތަކުގައި ފެށުނީއްސުރެ މޫސުމީ ވިލުންތެރިކަން ހިމެނިގެންދާނެކަމަށް ވިދާޅުވިއެވެ. އަދި މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހިންގާ މި ޕްރޮގްރާމް ކުރިއަށްދާނީ މާލެ، އައްޑޫ ސިޓީ، އަދި ކުޅުދުއްފުށި ސިޓީގައި ބާއްވާ ސަރަހައްދީ ތިން ވޯކްޝޮޕެއްގެ ގޮތުގައެވެ.

"ވިލުންތެރި ބިނާރު" ޕްރޮގްރާމް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އިންޑިއާގެ ހައި ކޮމިޝަނަރ ޖީ. ބާލަސުބްރަމާނިއަން އާއި ދިވެހިރާއްޖޭގައި ހުންނަ އޮސްޓްރޭލިއަން ހައި ކޮމިޝަންގެ ޑެޕިއުޓީ ހައި ކޮމިޝަނަރ އެންޑްރޫ ހޮޖަސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޔޫއެންޑީޕީގެ ފަރާތުން ޔޫއެންޑީޕީ މޯލްޑިވްސްގެ ރެސިޑެންޓް ރެޕްރެޒެންޓެޓިވް އަދުނާން ޗީމާ އާއި، ޔޫއެންޑީޕީ ބެންކޮކްގެ ރީޖަނަލް ހެޑްކުއާޓާރޒްގެ، ރީޖަނަލް ކްލަސްޓަރ ލީޑް އޮން ކްލައިމެޓް ޗޭންޖް އެންޑް ޑިޒާސްޓަރ ރެސިލިއަންސް، ސްޓެނިސްލާވް ކިމްގެ އިތުރުން، ކޯލިޝަން ފޯ ޑިޒާސްޓަރ ރެސިލިއަންޓް އިންފްރާސްޓްރަކްޗަރ (ސީޑީއާރްއައި) ގެ އައި.އާރް.އައި.އެސް ޕްރޮގްރާމްގެ ލީޑް ސްޕެޝަލިސްޓް އައިޝްވަރްޔާ ޕިއްލައި ވަރޗުއަލްކޮށް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ކޮމިޓީގެ މުގައްރިރާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)، ޔޫއެންޑީޕީ، ސީޑީއާރްއައި ގެ މަންދޫބުންނާއި، އަދި އިންފްރާސްޓްރަކްޗަރ ރެސިލިއަންސް އެކްސެލެރޭޓަރ ފަންޑަށް އެހީތެރިކަން ފޯރުކޮށްދޭ ގައުމުތައް ކަމަށްވާ އިންޑިއާ، އޮސްޓްރޭލިއާ، އިނގިރޭސިވިލާތް (ޔޫކޭ) އަދި ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ މަންދޫބުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.