ޚަބަރު

ކުޑަކުދިންގެ މައްސަލަތަކާއި މެދު މުއައްސަސާތަކުން އަމަލުކުރާގޮތް އިސްލާހު ކުރަންޖެހޭ - އޮޑިޓް ރިޕޯޓު


ކުޑަކުދިންނަށް ކުރާ ގޯނާތަކާއި ގުޅިގެން ހުށަހެޅޭ މައްސަލަތަކާއި މެދު މުއައްސަސާތަކުން އިހުމާލުވެފައިވާކަން އެ ކަންކަން ހިނގާގޮތް ދެނެގަތުމަށް ހެދި އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

ކުޑަކުދިންނަށް ކުރާ ގޯނާތަކާއި ގުޅިގެން ހުށަހެޅޭ މައްސަލަތަކާއި މެދު ކަމާ ގުޅުންހުރި މުއައްސަސާތަކުން ޢަމަލުކުރަމުންދާ ގޮތް ދެނެގަތުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހެދި ޕަރފޯމަންސް އޮޑިޓްގައި ފާހަގަކޮށްަފައި ވާގޮތުން ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކާ ގުޅިގެން މުއައްސަސާތަކުން ޢަމަލުކުރަމުން ދަނީ އެންމެ ހަރުދަނާ ގޮތެއްގައެއް ނޫނެވެ. އެގޮތުން، މުއައްސަސާތަކަށް ހުށަހެޅިފައިވާ ރިފަރަލްތަކާއި ކޭސްތަކުގެ އެސެސްމަންޓްތައް ހެދުމާއި، މައްސަލަ ތަޙްޤީޤުކުރުމަށް ދިގު މުއްދަތެއް ހޭދަވެފައިވާކަން އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ.

މި އޮޑިޓުގައި މައިގަނޑު ގޮތެއްގައި ބަލާފައި ވަނީ 2014 އިން 2016 އަށް ކުޑަކުދިންނަށް ކުރާ ގޯނާތަކާއި ގުޅިގެން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އާއި މޯލްޑިވްސް ޕޮލިސް ސާރވިސް އާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ މަސައްކަތުގައި ޢަމަލުކޮށްފައިވާ ގޮތަށް ކަމަށް މި އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މި ރިޕޯޓުގައި ވާގޮތުން ބައެއް މައްސަލަތަކުގައި މަސައްކަތްކުރާނެ މުވައްޒަފުން ކަނޑައެޅުމަށް އެކަނިވެސް 60 ދުވަހުގެ މުއްދަތެއް ހޭދަވެފައި ވެއެވެ. އަދި މުއައްސަސާތަކަށް ހުށަހަޅާ ކޭސްތަކަށް އިސްކަން ދިނުމުގައި ގެންގުޅޭނެ މިންގަނޑުތަކެއް އެއްވެސް ވަރަކަށް ކަނޑައަޅާފައި ނުވާކަންވެސް މި އޮޑިޓްގައި ފާހަގަކޮށްފައި ވެއެވެ. އަދި މައްސަލަތައް ބެލުމުގެ ޤަވާއިދާއި ޚިލާފަށް 20 މައްސަލައަށްވުރެ ގިނަ މައްސަލަ އެއްފަހަރާ ބައެއް މުވައްޒަފުންނާއި ހަވާލުކޮށްފައިވާކަންވެސް ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ކުދިން އާއިލާ އާއި އަނބުރާ ހަވާލުކުރާއިރު ސަމާލުވާންޖެހޭ ކަންތައްތަކުގެ ތެރެއިން ވަކި އުސޫލެއްގެ މަތިން މޮނީޓަރކޮށް ބަލަން ކަނޑައަޅާފައި ވީނަމަވެސް މި އޮޑިޓު ރިޕޯޓު އެކުލަވާލުމަށް އެއްކުރި މަޢުލޫމާތަށް ބަލާއިރު، އެކަން މޮނީޓަރ ކުރާނޭ ގޮތުގެ ޕްލޭނެއް އެކުލަވާލާފައިނުވުމާއި، އާއިލާއާ އަނބުރާ ހަވާލުކުރުމަށްފަހު މިނިސްޓްރީން ބައެއް ކުދިންގެ ހާލަތު ބަލާ މޮނީޓަރކުރިކަމުގެ އެއްވެސް ލިޔެކިޔުމެއް ނެތްކަން ވަނީ ފާހަގަކޮށްފައެވެ.

ދަޢުލަތުގެ ބެލުމުގެ ދަށުގައި އެކި އުމުރުފުރައިގެ ކުދިން ތިބިއިރު، ދަރުމަޔަށް ކުދިން ބެލެހެއްޓުމަށް އެދޭ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކުގެ އެސެސްމަންޓްތައް ހެދުމުގެ ކަންކަން އަވަސްވާނޭ ގޮތެއް ބަލައި، އެސެސްމަންޓުން ހޮވޭ ފަރާތްތަކާއި ކުދިން ހަވާލުކުރުމުގެ ކަންކަން އަވަސް ވާނޭ ގޮތްތަކެއް ކަނޑައެޅުމުގެ ކަންކަން އިސްލާހު ކުރުމަށް ވެސް މި ރިޕޯޓުގައި ލަފާދީފައި ވެއެވެ.

މި އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާގޮތުން ދަރުމަޔަށް ކުދިން ބެލެހެއްޓުމަށް ހަވާލުކުރުމުގެ ކަންތައްތައް ކުރިޔަށް ގެންގޮސްފައި ވަނީ އެންމެ ހަރުދަނާ ގޮތެއްގައެއް ނޫނެވެ. އެގޮތުން އުސޫލުތަކާ ޚިލާފަށް ދަރުމަޔަށް ކުދިން ބެލެހެއްޓުމަށް ހަވާލުކޮށްފައިވުމާއި، އެކަމާ ގުޅުންހުރި ލިޔެކިޔުންތައް ރަނގަޅަށް ބަލަހައްޓާފައި ނުވުމާއި ދަރުމަޔަށް ބެލެހެއްޓުމަށް އެކި މީހުންނާ ހަވާލުކޮށްފައިވާ ކުދިންގެ ކަންކަން އެކަށީގެންވާ ވަރަށް މޮނިޓަރކޮށްފައި ނުވާކަންވެސް ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ކުޑަކުދިން ބައިތިއްބާ މަރުކަޒުތަކުގައި ހުންނަންވާނެ މިންގަނޑުތަކުގެ ޤަވާއިދުގައިވާ ކަންކަން ކުޑަކުދިން ބަލަހައްޓަމުން ގެންދާ މަރުކަޒުތަކުގައި ހުރީ އެންމެ ފުރިހަމައަށް ނޫންކަންވެސް މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި ކުޑަކުދިންނަށް ކުރާ ގޯނާތަކާއި ގުޅޭގޮތުން ހަރަކާތްތެރިވާ މުއައްސަސާތަކުގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް އެންމެ ބޮޑަށް ދިމާވާ ގޮންޖެހުންތަކުގެ ގޮތުގައި މުއައްސަސާތައް ހިންގުމަށް ބަޖެޓުގެ ދަތިކަން ހުރުމާއި މުވައްޒަފުން މަދުވުމުގެ ސަބަބުން ދިމާވާ ދަތިތައް ކަމަށާއި ޤާބިލް މުވައްޒަފުން އެ ދާއިރާއަށް ހޯދުމަށް ދިމާވާދަތިތައް، މުއައްސަސާތަކުން ފާހަގަ ކޮށްފައިވާ ކަމަށްވެސް މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.