 
					
									
			ރާއްޖެއާއި ސައިޕްރަސްއާ ދެމެދު ވިސާއާ ނުލާ ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާއި ގުޅޭގޮތުން ދެ ޤައުމުން މަޝްވަރާކޮށްފިއެވެ. 
މި މަޝްވަރާކުރައްވާފައިވަނީ، ސައިޕްރަސްއިން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު އެގިސް ލޮއިޒޫ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދާއިއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. 
		
			މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން، ދެ ބޭފުޅުން ވަނީ، ރާއްޖެއާއި ސައިޕްރަސްއާ ދެޤައުމުގެ ދެމެދު ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން ދެ ޤައުމުގެ ވައިގެ ދަތުރުފަތުރުގެ ނިޒާމު ވަރުގަދަކުރުމާއި، ސިއްޙީ ދާއިރާއިން ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުންވަނީ މަޝްވަރާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި ސައިޕްރަސްއާ ދެމެދު ވިސާއާއި ނުލާ ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާއި ގުޅޭގޮތުންވެސްވަނީ މަޝްވަރާކުރައްވާފައެވެ. 
މި ބައްދަލުވުމުގައި ސައިޕްރަސްގެ ސަފީރުވަނީ، ރާއްޖެއިން ކޮމަންވެލްތާއި ގުޅުމަށް ނިންމި ނިންމުމަށް މަރުޙަބާ ވިދާޅުވެފައެެވެ. 
		
ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދުވަނީ އާޖެންޓީނާއިން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ޑެނިއަލް ޗުބޫރޫއާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން، ދެ ބޭފުޅުން ވަނީ، ރާއްޖެއާއި އާޖެންޓީނާއާ ދެމެދު ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމަށްފަހު ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވަނީ، ނެދަލެންޑްސްއިން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ޓާންޔާ ހޮންހުރައިޕާވެސް ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ މޫސުމީ ބަދަލުތަކުން ކުރާ އަސަރުތައް ކުޑަކުރުމަށް ދެ ޤައުމު ގުޅިގެން ކުރެވޭނެ މަަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެެވެ. އެގޮތުން މިދާއިރާއިން ހޯދޭނެ ދެމެހެއްޓެނިވި ހައްލުތަކާއި ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.