ކުޅިވަރު

ސެމީ ފައިނަލަށް ދިއުމުން ލިބުނު އުފާވެރިކަން ބުނެދޭންވެސް ނޭނގޭ: ކޯޗު ސުޕުން


ސައުތު އޭޝިއަން ގޭމްސްގެ ތާރީޙުގައި ފުރަތަމަ ފަހަރަށް އަންހެނުން ޤައުމީ ބާސްކެޓްބޯޅަ ޓީމު ސެމީ ފައިނަލަށް ދިއުމުން ލިބުނު އުފާވެރިކަން ބުނެދޭންވެސް ނޭނގޭކަމަށް ޤައުމީ ޓީމުގެ ކޯޗު ސުޕުން ވިމާލް ބުނެފިއެވެ.

ނޭޕާލްގެ ކަތުމަންޑޫގައި މިހާރު ކުރިޔަށްދާ 13ވަނަ ސައުތު އޭޝިއަން ގޭމްސްގެ އަންހެނުންގެ ބާސްކެޓް އިވެންޓްގެ ސެމީ ފައިނަލަށް ރާއްޖެ ދަތުރުކުރީ ގްރޫޕް އޭގެ 2ވަނަ ޓީމުގެ ގޮތުގައެވެ. މި ގްރޫޕުން 1ވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދިޔައީ އިންޑިއާއެވެ.

ގްރޫޕް ސްޓޭޖުގައި ކުޅުނު ފަހު މެޗުގައި ރާއްޖެއިން ސްރީ ލަންކާ ބަލިކުރީ 69 ޕޮއިންޓް 64 ޕޮއިންޓުންނެވެ.

މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން އަންހެނުންގެ ޤައުމީ ބާސްކެޓްބޯޅަ ޓީމުގެ ކޯޗު ސުޕުން ވިމާލް ބުނީ، މިމުބާރާތަށް ތައްޔާރުވާން ފެށިއިރު، ޓީމެއްވެސް ނެތްކަމަށާއި، ޕްރެކްޓިސްތައް ފެށިއިރު ތިބީ 8 ކުޅުންތެރިން ކަމަށެވެ. ނަމަވެސް އެސޯސިއޭޝަންގެ އެހީތެރިކަމާއެކު ޓީމް ހަމަކޮށް މި މުބާރާތަށް ވަރަށް ރަނގަޅަށް ތައްޔާރުވެވުނު ކަމަށް އޭނާ ބުންޏެވެ.

ސުޕުން ބުނީ، ޓްރެއިނިންގ ކޭމްޕްތަކުގެ ސަބަބުން ޓީމުގެ ކުޅުންތެރިންނަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބުނުކަމަށާއި، ޓާގެޓަކީ ސެމީ ފައިނަލުގައި ނޭޕާލް ބަލިކުރުންމަށެވެ.

"ޓީމު ސެމީ ފައިނަލަށް ދިއުމަކީ ބުނެދޭންވެސް ނޭނގޭހާ އުފާވެރިކަމެއް. މި މުބާރާތައް ތައްޔާރުވާން ފުރަތަމަ ޕްރެކްޓިސް ފެށިއިރު ޓީމެއްވެސް ނެތް. އޭރު ތިބީ 8 ކުޅުންތެރިން. ޓާގެޓަކީ ނޭޕާލް ބަލިކޮށް ފައިނަލަށް ދިއުން". ސުޕުން ބުންޏެވެ.

މުބާރާތުގެ ސެމީ ފައިނަލް މެޗުގައި ރާއްޖެ މާދަމާ ހަވީރު ނުކުންނާނީ މުބާރާތް ބާއްވާ ޤައުމު ނޭޕާލާ ދެކޮޅަށެވެ. މި މެޗު ފަށާނީ ރާއްޖެ ގަޑިން ހަވީރު 4:45 ގައެވެ.