ޚަބަރު

ސާކްގެ ބޭނުން ފުރިހަމަގޮތުގައި ހިފުމަށް ޤައުމުތަކުގެ މެދުގައި ގުޅުން އިތުރުކުރަންޖެހޭ: ރައީސް


ސާކުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފުމަށް ޤައުމުތަކުގެ މެދުގައި ގުޅުންތައް އިތުރުކޮށް ފަންނީ ގޮތުން އެއްބާރުލުން އިތުރުކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ "ސާކް ޗާޓަރ ޑޭ"ގެ މުނާސަބަތުގައި ފޮނުވި މެސެޖުގައެވެ.

ސާކު އުފެދުނުތާ 35 އަހަރު ފުރޭ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖްގައި ސާކްގެ ނިންމުންތައް ނިންމުމުގައި މިހާރަށްވުރެ ބޮޑަށް އަމާޒުތައް ކަނޑައެޅިގެން ޚަރަދުކުޑަގޮތްތަކުގެ ބޭނުން ހިފައިގެން ވީހާވެސް ބޮޑަށް ނަތީޖާ ނެރެވޭ ގޮތަށްކުރިއަށް ގެންދަންޖެހޭކަން ފާހަގަކުރެއްވިއެވެ. އަދި ސައުތު އޭޝިއަން އިކޮނޮމިކް ޔޫނިއަންގެ ސަބަބުން ސާކް ޤައުމުތަކުގެ މެދުގައި އިޤްތިޞާދީ ކަންކަން ކުރިއެރުމަށް އޮތް ހުރަސްތައް ނައްތާލެވި މުޅި ސަރަހައްދުގެ އިޤްތިޞާދު ކުރިއެރުމަށް މަގުފަހިވެގެންދާނެ ކަންވެސް ރައީސްގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ސާކް އުފެދުމަށްފަހު މިވީ ދުވަސްތަކުގައި ސާކުގެ ޗާޓަރުގައި ފާހަގަކޮށްފައިވާ މުހިންމު ދާއިރާތަކުން ޤައުމުތަކުން މުހިންމު ކުރިއެރުންތައް ހޯދާފައިވާކަން ފާހަގަކުރެއްވިއެވެ. ސާކްގެ މިނިސްޓަރސް އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަންގެ ތިންވަނަ ބައްދަލުވުމާއި އާރޓިސްޓް ކޭމްޕާއި ކުރެހުންތައް ދައްކާލުމުގެ މައުރަޒާއި، ދެކުނު އޭޝިޔާ ސަރަހައްދުގެ އިސްނެގުމާއެކު ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމާއިބެހޭ ގަވަރނިންގ ބޯޑުގެ ބައްދަލުވުން މިއަހަރުގެ ތެރޭގައި ރާއްޖެއިން ބާއްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ސާކް ސެކްރެޓަރީ ޖެނެރަލަށާއި، ސާކްގެ މެންބަރު ޤައުމުތަކާއި، ސާކްގެ މުވައްޒަފުންނަށް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވާފައިވެއެވެ.

މި މެސެޖުގައި ސާކް އުފެއްދުމުގެ ތަސައްވުރު ގެންނެވި ބޭފުޅުންގެ ވިސްނުންފުޅު ފާހަގަކުރައްވައި ވަކިން ޚާއްޞަގޮތެއްގައި ސާކް އުފެއްދުމުގައި ހިމެނިވަޑައިގެންނެވި އެއްފަރާތްކަމުގައިވާ ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބުދުލްޤައްޔޫމް، ސަރަހައްދީ ތަރައްޤީއަށް ކުރެއްވި މަސައްކަތްފުޅު ފާހަގަކުރެއްވާފައިވެއެވެ.

އަދި ކުރިޔަށް އޮތްތަނުގައިވެސް ދިވެހި ސަރުކާރުން ސާކް ޤައުމުތަކުގެ މެދުގައި ގުޅުންބަދަހިކޮށް ސަރަހައްދީ ތަރައްޤީ ކުރިއެރުވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.