ޚަބަރު

ތިން ޤައުމަކުން ރާއްޖެއަށް ކަނޑައެޅި ސަފީރުން ރައީސުލްޖުމްހޫރިއްޔާއަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި


ތިން ޤައުމަކުން ރާއްޖެއަށް ކަނޑައެޅި ސަފީރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހްއަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފިއެވެ.

ސަފީރު ކަމުގެ ފަތްކޮޅު އަރުވާފައިވަނީ އާޖެންޓީނާ އާއި ސައިޕްރަސްގެ އިތުރުން ނެދަލޭންޑު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅި އާ ސަފީރުންނެވެ. ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުތައް ބާއްވަވާފައިވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އާޖެންޓީނާގެ އާ ސަފީރު ޑެނިއަލް ޗުބޫރޫއާއި ސައިޕްރަސްގެ އާ ސަފީރު، އެގިސް ލޮއިޒޫ އާއި ނެދަލޭންޑުގެ އާ ސަފީރު، އެމް. އެސް. ޓާންޔާ ހޮންހުރައިޕާއި ވަކިވަކިން ބައްދަލުކުރައްވާފައެވެ.

އާޖެންޓީނާގެ އާ ސަފީރު، ޑެނިއަލް ޗުބޫރޫ އާއެކު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުކުރެއްވުމުގައި، ސަރުކާރުން ދިވެހިރާއްޖޭގެ ތަރައްޤީއަށް ރާވާފައިވާ މަޝްރޫޢުތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވާލައްވާފައިވެއެވެ. އެގޮތުން ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ތެރެއިން ނޫ އިޤްތިޞާދުގެ ލަނޑުދަނޑިތައް ހާޞިލްކުރުމަށް ކުރެވޭ މަސައްކަތްތަކުގައި އާޖެންޓީނާއާއި ރާއްޖެ ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާމެދު ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމާއި ގްރީން އެނަރޖީގެ ޕްރޮޑަކްޓްތައް ތަޢާރަފް ކުރުމުގެ އިތުރުން އާޖެންޓައިން ފަންޑް ފޮރ ސައުތު-ސައުތު އެންޑް ޓްރޭންގިއުލަރ ކޯޕަރޭޝަންގެ ތެރެއިން ސައުތު-ސައުތު ކޯޕަރޭޝަން ޕްރޮމޯޓް ކުރުމާމެދު ދެބޭފުޅުން މަޝްވަރާކުރައްވާފައިވެއެވެ.

ސައިޕްރަސްގެ އާ ސަފީރު، އެގިސް ލޮއިޒޫ އާއެކު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުކުރެއްވުމުގައި، ދެޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެއްވިއެވެ. އެގޮތުން، ވިޔަފާރިއާއި ޓޫރިޒަމްގެ އިތުރުން ތިމާވެއްޓާއި ތިމާވެށީގެ ދާއިރާއިން ދެޤައުމު ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. މިބައްދަލުކުރެއްވުމުގައި ސައިޕްރަސްގެ އާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ފަތުރުވެރިކަމާއި ތިމާވެށީގެ ދާއިރާގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާގުޅޭގޮތުން ރާއްޖެއަށް އެހީތެރިވެދިނުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު، ނެދަލޭންޑްސްގެ އާ ސަފީރު، އެމް. އެސް. ޓާންޔާ ހޮންހުރައިޕާއިއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ދެމެދުގައިވާ ސިޔާސީ ގުޅުމަށް 40 އަހަރު ވެފައިވާކަން ފާހަގަކުރައްވާފައިވެއެވެ. މީގެއިތުރުން ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ނެދަލޭންޑްސްގެ ފަތުރުވެރިންގެ އަދަދު ކުރިޔަށްއޮތް ދުވަސްތަކުގައި އިތުރުވެގެންދާނެ ކަމަށް އުންމީދު ކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖެއާއި ނެދަލެންޑްސްއާއި ދެމެދުގައި އެއްގޮތް ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވައި، މޫސުމީ ބަދަލުތަކާއި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކާ ދެކޮޅަށް ކުރާ މަސައްކަތުގައި ދެޤައުމު ގުޅިގެން ކުރިޔަށް ދިއުމާއި، ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.